ކެއާ ސޮސައިޓީގެ ކެއާ ޑިވެލޮޕްމެންޓް ސެންޓަރުގައި ކިޔަވާ 20 ދަރިވަރެއްގެ އެއް އަހަރު ދުވަހުގެ ކިޔެވުމުގެ ޚަރަދު، މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން ދީފި އެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމު ދޭ ކެއާ ސޮސައިޓީގެ 20 ދަރިވަރަކަށް އެމްޑަބްލިއުއެސްސީގެ ފަރާތުން ކިޔެވުމުގެ ޚަރަދު ސްޕޮންސާ ކޮށްދިނީ، އެކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިިޓީ ނުވަތަ އިޖްތިމާއީ ޒިންމާގެ ގޮތުން ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޑަބްލިއުއެސްސީގެ ފަރާތުން ކެއާ ސޮސައިޓީގެ ދަރިވަރުންގެ ސްޕޮންސާޝިޕް ފައިސާގެ ޗެކް ހަވާލުކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކެއާ ސޮސައިޓީގެ ދަރިވަރަކަށް ސްޕޮންސާޝިޕް ލިޔުން ހަވާލުކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މުލީއާގޭގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި އެ ކުންފުނިން ވަނީ އެ ޚަރަދުގެ ގޮތުގައި ކެއާ ސޮސައިޓީ އަށް 240،000 ރުފިޔާގެ ޗެކެއް ހަވާލު ކޮށްފަ އެވެ. އަދި އެކުންފުނިން ސްޕޮންސާކުރި ކެއާ ސޮސައިޓީގެ 20 ދަރިވަރުންގެ ތެރެއިން 11 ދަރިވަރަކަށް ސްޕޮންސާޝިޕް ލިޔުން މިއަދު ހަވާލު ކުރި އެވެ. އެ ލިޔުންތައް ދަރިވަރުންނާ ހަވާލު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ދީދީ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ، އެމްޑަބްލިއުއެސްސީއިން ގިނަ އަދަދަކަށް ސީއެސްއާރު ޕްރޮގްރާމުތަކެއް މީގެ ކުރިން ވެސް ހިންގާފައިވާނެ ކަމަށާއި، ކުރިޔަށް އޮތް ތަނުގައި ވެސް ހިންގާނެ ކަމަށެވެ.

އެމްޑަބްލިއުއެސްސީގެ އެމްޑީ ފަޒުލް ރަޝީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ އިތުރުން، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާ ހަމަޖައްސައިދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރަހިމް ކުރައްވާ މަސައްކަތްޕުޅަށް އެއްބާރުލުން ދިނުމުގެ ގޮތުން، އެމްޑަބްލިއުއެސްސީ އިން ވެސް އެފަދަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ކައިރި މުސްތަގުބަލެއްގައި ތަނަވަސް ކޮށްދޭނެ ކަމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.