އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް [އައިބީއެމް] އިން އުފައްދައި ރާއްޖޭގެ ބާޒާރުގައި ވިއްކަމުން އަންނަ ތާޒާ ފެން ރި ބްރޭންޑްކޮށް ރޭ އަލުން ބާޒާރަށް ނެރެފި އެވެ.

ތާޒާ ފެނުގެ އާ ފުޅިތައް ލޯންޗްކުރުމާއި އައިބީއެމްގެ ވެބްސައިޓް ލޯންޗްކުރުމަށް ދަރުބާރުގޭ ދޮށިމޭނާ މާލަމުގައި ރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު އަހުމަދު ދީދީ ވިދާޅުވީ ތާޒާ ފެނުގެ އާ ފުޅިތައް ފަރުމާކޮށްފައި ވަނީ ރާއްޖޭގެ މާހައުލާ ގުޅޭ ގޮތަށް ދިވެހިންގެ ސަގާފީ ކަމެއް ކަމުގައިވާ ލިޔެ ލާޖެހުން ވެސް ކޮންމެވެސް ވަރަކަށް ފެންނަ ގޮތަށް ކަމަށެވެ.
މުހައްމަދު އަހުމަދު ދީދީ ވިދާޅުވީ ފެން ހުސްކުރާ ފުޅި ރާއްޖޭގައި ރި ސައިކަލް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ވެސް ފުޅި ރި ސައިކަލް ކުރުމުގެ މަސައްކަތް އައިބީއެމް އިން ދަނީ ކުރަމުންނެވެ. ނަމަވެސް މިހާރު ކުރާ ހަމައެކަނި ކަމަކީ ފުޅިތައް މުގުރައި ކުނޑިއަށް ހެދުމަށް ފަހު ރާއްޖެ އިން ބޭރަށް ފޮނުވުން ކަމަށް އޭނާ ވިދާޅުވި އެވެ.

އައިބީއެމް އިން ކުރަމުންދާ އިޖުތިމާއީ ކަންތައްތަކުގެ ތެރެއިން ވިއްކާ ކޮންމެ ފެންފުޅިއަކުން އެއްލާރި ވިލިނގިލީގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް ހަދިޔާކުރުން ހިމެނެ އެވެ. އެގޮތުން މި އަހަރު އެތަނަށް 57000.ރ ހަދިޔާކޮށްފައިވާ ކަމަށް މުހައްމަދު އަހުމަދު ދީދީ ވިދާޅުވި އެވެ.

ތާޒާ ފެނުގެ ކޮލިޓީ ކޮންޓްރޯލް ކުރުމަށްޓަކައި އެފެނމުގެ ކޮލިޓީ ބެލުމަށް ގާއިމްކޮށްފައިވާ ލެބޯޓްރީއަކީ ރާއްޖޭގެ ދެ ވަނަ އަށް އެންމެ ފެންވަރު ރަނގަޅު ލެބޯޓްރީ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ދީދީ ވިދާޅުވީ ރާއްޖޭގައި ހުރި އެންމެ ފެންވަރު ރަނގަޅު ލެބޯޓަރީއަކީ ފްޑް އެންޑް ޑްރަގް އޮތޯރިޓީގެ ލެބް ކަމަށެވެ.

ރޭގެ ހަފްލާގައި އައިބީއެމް އިން ވަނީ އެ ކުންފުނިން ކުރިން އުފައްދާފައި ނުވާ ދެ ސައިޒެއްގެ ފެން ފުޅި ވެސް ތައާރަފްކޮށްފަ އެވެ. އެއީ ގޭބިސީތަކަށް އަމާޒުކޮށްގެން އުފައްދާފައިވާ ފަސް ލީޓަރުގެ ފުޅި އާއި މަދު ފެންފޮދެއް ބޯލަން ބޭނުންވާ މީހުންނަށް އަމާޒުކޮށްގެން އުފައްދާފައިވާ 330 އެމްއެލްގެ ފުޅި އެވެ.

ތާޒާފެނުގެ އާ ފުޅިތައް ލޯންޗްކޮށް ދެއްވީ މިނިސްޓަރު އޮފް ހައުސިން އެންޑް އެންވަޔަރުމަންޓް މުހައްމަދު އަސްލަމެވެ.