13 Jun 2016, 12:56
ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭ ޕެރޫގެ ރައުލް ރުއިޑައާޒް އަތުން ޖެހި ލަނޑާ އެކު ގަދަފަދަ ބްރެޒިލް އެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ވަކިވާން ޖެހިއްޖެއެވެ.
އެމެރިކާގެ ފޮކްސްބޮރޯ ސްޓޭޑިއަމްގައި ކުޅުނު އެ މެޗުގައި ދެ ޓީމްގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު 75 ވަނަ މިނެޓްގައި ކާމިޔާބް ކޮށްދިނީ ރުއިޑައާޒް އެވެ.

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ބްރެޒިލް އާއި ޕެރޫ ކުޅުނު މެޗުގެ ތެރެއިން ---
ޕެރޫގެ އެންޑީ ޕައޮލޯ ބްރެޒިލް ޕެނަލްޓީ އޭރިއާ ތެރެއަށް ނެގި ހުރަސް ރުއިޑައާޒް އަތުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލުމުން ބްރެޒިލް ކުޅުންތެރިން ވަނީ ރެފްރީ ވަށާލައި ޝަކުވާކޮށްފައެވެ. ނަމަވެސް ރެފްރީ އާއި ބަދަލު ރެފްރީން ހަތަރު ވަރަކަށް މިނެޓް ވަންދެން މަޝްވަރާކުރުމަށްފަހު ނިންމީ އެއީ ލަނޑެއް ކަމަށެވެ.
ބްރެޒިލް މިފަހަރުގެ މުބާރާތަށް ނިކުތީ އެގައުމުގެ ހުނަރުވެރި ޒުވާން ކެޕްޓަން ނޭމާ އާއި އަނިޔާގެ ސަބަބުން ޓީމަށް ނެގި މުހިންމު ގިނަ ކުޅުންތެރިންތަކެއް ފަހު ވަގުތު ޓީމުން ބާކީކޮށް، ބަލިކަށި ސްކޮޑަކާއެކު އެވެ.
ނަތީޖާއެއްގެ ގޮތުން މިއީ ވޭތުވެދިޔަ 30 އަހަރަށް ފަހު ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުން ބްރެޒިލް ކެޓި ފުރަތަމަ ފަހަރެވެ. ބްރެޒިލް އަށް މުބާރާތް ނިމުނީ ރޭ ކުޅުނު މެޗުން އެ ޓީމް ބަލިވެ ގްރޫޕްގެ އަނެއް މެޗުން ހައިޓީ އަތުން އިކުއޭޑޯ 4-0 އިން މޮޅުވުމުންނެވެ.

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ބްރެޒިލް އާއި ޕެރޫ ކުޅުނު މެޗުގެ ތެރެއިން ---
ރޭގެ މޮޅާއެކު ގުރޫޕް ބީގެ އެއްވަނަ ޓިމްގެ ގޮތުގައި ޕެރޫ ކުއާޓާ އިން ޖާގަ ހޯދީ ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނަގައި އޮތް އިކުއެޑޯ އަށް ފަސް ޕޮއިންޓް ލިބޭ އިރު ބްރެޒިލް ތިން ވަނައިގައި އޮތީ ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު އެވެ. ކުޅުނު ތިން މެޗުން ވެސް ބަލިވެ ގުރޫޕްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ހައިޓީ އެވެ.
ކުއާޓާ ފައިނަލުގައި އަންނަ ހުކުރު ދުވަހު އިކުއެޑޯ ނުކުންނާނީ އެމެރިކާއާ ދެކޮޅަށެވެ. އަދި ޖެހިގެން އަންނަ ދުވަހު ޕެރޫ ނުކުންނާނީ ކޮލަމްބިއާއާ ދެކޮޅަށެވެ.