އަހަރެން އުފަންވީ ސިކުދީނަށް ތަބާވާ އާއިލާއަކަށެވެ. ނަމަވެސް އުމުރުން 15 އަހަރުގައި އިސްލާމް ދީނަށް އަހަރެންގެ ޝައުގު އުފެދުނެވެ. އަދި އޭގެ 10 އަހަރު ފަހުން ޝަހާދަތުގެ ދެކަލިމަ ކިޔައި، އިސްލާމް ދީނަށް ތަބާވީމެވެ. މިއީ ތެދުމަގު އިހުތިޔާރު ކުރަން އަހަރެން ކުރި ދަތުރުގެ ވާހަކައެވެ.

އަހަރެން އަބަދުވެސް ގަބޫލު ކުރާ ގޮތުގައި ވަކި ދީނަކަށް ތަބާވުމުން ތަފާތު މީހުންނާ ގުޅިގެން އުޅުމަށް އެހީތެރިވެދެ އެވެ. އިސްލާމްދީނަށް އަހަރެންގެ ހިތް ދަމައިގަތީ ހަމައެކަނި އިސްލާމް ދީނުން އުނގަންނައިދޭ ކަންތައްތަކުގެ ސަބަބުނެއް ނޫނެވެ. ނަމަވެސް، ސިޔާސީ އަދި އިޖުތިމާއި ކަންތައްތަކާ ބެހޭ ގޮތުން އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތުންވެސްމެ އެވެ.

ކޮންމެއަކަސް، އެންމެ ފުރަތަމަ އިސްލާމް ދީނަށް އަހަރެން ޝައުގުވެރިވީ ޖީސީއެސްއީ އިމްތިހާނު ހަދަން އުޅުނު ދުވަސްވަރެވެ. އެފަހަރު ސޯޝިއޮލޮޖީ މާއްދާގެ ޕްރޮޖެކްޓަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރި އެމެރިކާގެ މުސްލިމް މިނިސްޓަރެއް ކަމަށްވާ މެލްކަމް އެކްސްގެ ހަޔާތް ދިރާސާ ކުރަން ފެށި ހިސާބުންނެވެ. މެލްކަމް އެކްސްގެ ހަޔާތުން އަހަރެންގެ ދިރިއުޅުމާ ގުޅޭ ގިނަ ކަންތައްތަކެއް އަހަންނަށް ދަސްވި އެވެ.

އޭރު އަހަރެންގެ މުސްލިމް އެކުވެރިންގެ އަދަދު މަދެއް ނޫނެވެ. އިސްލާމް ދީން އަހަންނަށް ދަސްކޮށްދީ، މުސްލިމު ވުމަށް އެމީހުން އަހަންނަށް ހިތްވަރުދިނެވެ. އަދި ހަގީގަތަށް ބުނާ ނަމަ، ހައްގު ދީނަކީ އިސްލާމް ދީންކަން އޭރުވެސް އަހަންނަށް އެނގެއެވެ. ނަމަވެސް، އޭރު އަހަރެން ނިންމީ ޣާފިލުކަންމަތީ ދެމިހުރުމަށެވެ. މާތް ރަސްކަލާނގެ އަހަރެން މުސްލިމަކަށް ވުމަށް އިރާދަ ކުރެއްވި ނަމަ، އަހަރެން އުފަންވި އިރު މުސްލިމެއްގެ ގޮތުގައި ހެއްދެވީހޭ ކިޔައި ބަހަނާ ދެއްކުމަށެވެ.

ސްކޫލު ދުވަސްވަރު ނިންމާލުމަށް ފަހު ދެން ދިޔައީ ކޮލެޖަށެވެ. އަހަރެން މިހާރު އެންމެ ބޮޑަށް ހިތާމަކުރަނީ އެދުވަސްވަރު އަހަންނަށް އުޅެވުނު ގޮތުންނެވެ. ދުނިޔަވީ އުފާ ހޯދުމަށްޓަކައި އަހަރެން ދިޔައީ ރާބޮއެ ކްލަބުތަކުގައި ގިނަ ވަގުތު ހޭދަކުރަމުންނެވެ. ނަމަވެސް، އެއިން އެއްވެސް ކަމަކުން އަހަންނަށް އުފަލެއް ނުލިބުނެވެ.

އެހެންކަމުން، ރޫހާނީ ހިތްހަމަޖެހުމެއް ހޯދުމުގެ އުއްމީދުގައި ދެން އަހަރެން ފެށީ ތަފާތު ދީންތައް ދިރާސާ ކުރާށެވެ. އެގޮތުން ހިންދުއިޒަމް، ކްރިސްޓިއާނިޓީ، ބުދިޒަމް އަދި ސީކިޒަމްއާ ބެހޭ ގޮތުން އަހަރެން މައުލޫމާތު ހޯދީމެވެ. އަހަންނަށް އެނގިގެންދިޔައީ ދިރިއުޅުމާ ބެހޭ ގޮތުން އަހަރެންގެ ވިސްނުމުގައި އުފެދިފައިވާ ސުވާލުތަކަށް އިސްލާމް ދީނުން ލިބޭ ފަދަ ފުރިހަމަ ޖަވާބުތައް އެހެން އެއްވެސް ދީނަކުން ނުލިބޭ ކަމެވެ. ނަމަވެސް، ސިކު ދީނަށް ތަބާވާ މީހަކު އިސްލާމް ދީނަށް ބަދަލުވުމަކީ އަހަރެންނަށް އެނގިގެން މީގެ ކުރިން ވެފައިވާ ކަމެއް ނޫން ކަމުންނާއި، މުސްލިމަކަށް ވެއްޖެ ނަމަ އަހަރެންގެ އާއިލާގެ ރުޅިވެރިކަން އަމާޒުވެދާނެތީ އަހަރެންގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. އަދި ސިކު ދީނަށް ތަބާވާ އަހަރެންގެ އެހެން އެކުވެރިއަކާ އެއްކޮށް، ވަކިން ތަނަކަށް ބަދަލުވެ، ދެމީހުން އެއްކޮށް މުސްލިމު ވާނީ ކަމަށް ބުނެ މުސްލިމުވުން ލަސްކުރަމުން ދިޔައީ އެވެ.

ނަމަވެސް، އަހަރެންގެ ބަހާ އެއްގޮތަށް އަމަލު ކުރަން އަހަރެންނަށް މަޖުބޫރު ކުރުވީ އަހަރެންގެ އެއެކުވެރިޔާގެ ކުއްލި މަރެވެ. އޭނާ މަރުވީ ކެމްބޯޑިއާގައި ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަން އުޅުމުގެ ތެރޭގައެވެ. ދުނިޔެއަކީ ވަގުތީ ތަނެއްކަމަށް ވިސްނި، ސަޖިދައަށް ތިރިވެ، ޝަހާދަތުގެ ދެކަލިމަ ކީ އެހާހިސާބުންނެވެ.

މިހާރު އަހަރެން ކޮންމެ ދުވަހަކު ފަސް ނަމާދު އަދާ ކުރަމެވެ. ނަމާދު ކުރުމުން އަހަރެންނަށް ކުރެވެނީ ބަޔާން ކުރަންވެސް ދަތި އުފާތެރި އިހުސާސެކެވެ. އަހަރެން ހީކުރި ފަދައިން، އަހަރެން އިސްލާމުވުމުން އަހަރެންގެ އާއިލާއިން އެކަމާ ނުރުހި، އަހަރެންނާ ގުޅުން ކަނޑާލި އެވެ. ނަމަވެސް، އަހަރެންގެ ކޮއްކޮ ވަނީ އިސްލާމް ދީން ގަބޫލުކޮށްފައެވެ. އަދި އަހަރެމެން ދެމީހުން ދިރިއުޅެމުން ދަނީ އެއްކޮށެވެ. އަހަރެން މަގުފުރެދިގެން ދިޔަ ނަމަވެސް، އަހަންނަށް ހެޔޮ މަގު މިންވަރުކުރެއްވި ކަމަށްޓަކައި އަހަރެން ﷲ ށް ހަމްދު ކުރަމެވެ.

އިސްލާމް ދީނަށް ވަނުމަށް ވިސްނަމުންދާ އެހެން އަޚުންނާއި އުޚްތުންނަށް އަހަރެން ބުނެލަން އޮތީ އާއިލާ ނުވަތަ ދުނިޔެ އިސްކޮށްގެން އެކަން ލަސްނުކުރާށެވެ. އޭރުން އިރާދަކުރެއްވިއްޔާ، ދުނިޔެއާއި އާޚިރަތުގެ ދަރުމަ ލިބިގެންދާނެ އެވެ.