13 Jun 2016, 11:27
އަކުނިވަޔަށް ދެމުމަކީ ކުއްލިއަކަށް ދިމާވާ، ވަރަށް ވޭންދެނިވި ތަަދެކެވެ. ހަށިގަނޑުގެ މަސްތައް ކުއްލިއަކަށް ކޮންޓްރެކްޓް ވުމުން ދިމާވާ އެ މައްސަލައަކީ އާއްމުކޮށް ފައިގެ މަސްތަކަށް ދިމާވާ މައްސަލައެކެވެ. ނަމަވެސް، އެއީ ބަނޑުގެ މަސްތަކަށް ވެސް ބައެއް ފަހަރު އަރާ ތަދެކެވެ.
އަކުނިވަޔަށް ދަމަނީ ކީއްވެ؟
ހަށިގަނޑުގެ މަސްތައް ބޭނުން ނުކޮށް މާގިނަ އިރުވުން، މިސާލަކަށް އެއްތަނެއްގައި މާގިނަ އިރު ވަންދެން އިށީނދެ ހުރުމުން
ކަސްރަތު ކުރުމަށް ހަށިގަނޑު ތައްޔާރުނުކޮށް [ވާމްއަޕްސް] ނަހަދައި ކަސްރަތު ކުރުން
ހަށިގަނޑުގެ މަސްތައް ވަރުބަލިވާ ވަރަށް ބޭނުން ކުރުން، މިސާލަކަށް މާގިނައިން ކަސްރަތު ކުރުން
ހަށިގަނޑުން ފެނާއި ލޮނު މަދުވުން
އަކުނިވަޔަށް ދެމުމުން އަމަލު ކުރާނީ ކިހިނެއް؟
އަކުނިވަޔަށް ދަމާ މަސްތައް ސްޓުރެޗް ކޮށްލާށެވެ. ފައި އަކުނިވަޔަށް ދަމާނަމަ ފައި ދަމާލައިގެން އިށީނދެ ހަށިގަނޑާ ދިމާލަށް ފައިގެ އިނގިލިތައް ދަމާލާށެވެ. ފައިތިލަ އަކުނިވަޔަށް ދަމާ ނަމަ ހިނގާލާށެވެ.
އަކުނިވަޔަށް ދެމި މަސްތައް މަސާޖުކޮށްލާށެވެ.
ބަނޑުގެ މަސްތަކަށް އެފަދަ ތަދެއް އަރާ ނަމަ ހޫނު ފެނުން ބޮޑިތާން ކުރާށެވެ.
އަކުނިވަޔަށް ދެމުމަށް ފަހުވެސް ތަދު ހުންނަ ނަމަ ޕެރެސެޓްމޯލް ގުޅައެއް ކާލާށެވެ.
ގިނަގިނައިން އަކުނިވަޔަށް ދަމާ ނަމަ އަދި އަކުނިވަޔަށް ދެމުމަށް ފަހު މާގިނަ އިރު ވަންދެން ތަދުވާ ނަމަ ޑޮކްޓަރަކަށް ދައްކާށެވެ.
އަކުނިވަޔަށް ދެމުން ހުއްޓުވާނީ ކިހިނެއް؟
ކަސްރަތު ކުރުމުގެ ކުރިން ވާމްއަޕްސް އަދި ނިންމާލުމަށް ފަހު ކޫލްޑައުން ކަސްރަތު ކުރާށެވެ.
ކަސްރަތު ކުރުމުގެ އެއްގަޑި އިރު ކުރިން ފެންބޯށެވެ. އަދި ކަސްރަތު ކުރަމުންދާ އިރު ކޮންމެ 12 މިނިޓާއި 15 މިނިޓާ ދޭތެރޭ ފެންބޯށެވެ. އަދި ކެފެއިން ހުންނަ ބުއިންތަކާ ދުރުހެލިވާށެވެ.
ކެލްޝިއަމް އަދި ޕޮޓޭޝިއަމް ގިނައިން ހިމެނޭ ކާނާ ކެއުމުގައި ހިމަނާށެވެ. މިސާލަކަށް، ދޮންކެޔޮ، ހޯލް ގްރެއިން ސީރިއަލް، ހުތް މޭވާ، އަދި ތާޒާ ތަރުކާރީ ކެވިދާނެ އެވެ.
މައުލޫމާތު: ވެލްނެސްބިން