17 May 2011, 09:30
ދަހޭގް: ލީބިޔާގެ ރައްޔިތުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާ ހިންގި ކަމުގެ ތުހުމަތުގައި ލީބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީ އާއި އޭނާގެ ދަރިކަލުން ސައިފުލްއިސްލާމް އާއި ލީބިޔާގެ ޖާސޫސީ އިދާރާގެ ވެރިޔާ ޢަބްދުﷲ އައްސުނޫސީ ހައްޔަރު ކުރުމުގެ އަމުރު ނެރެދިނުމަށް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގެ ޕްރޮސެކިއުޓަރ ޖެނެރަލް ލުއިސް އެޮކަމްބޯ އެ ކޯޓުގެ ކިބައިން އެދިވަޑައިގެންފިއެވެ.
ދަ ހޭގްގައި ވާހަކަ ދައްކަވަމުން އޮކަމްބޯ މިއަދު ވިދާޅުވީ ގައްޒާފީގެ ވެރިކަމާ ދެކޮޅަށް ސުލްޙަވެރިކަމާއެކު ނުކުތް ޢާންމުންނަށް ހަތިޔާރުން ޙަމަލާދިނުމަށް ޤައްޒާފީ އަމުރުކުރެއްވި ކަމަށާއި މިކަމުގައި ގައްޒާފީގެ ދަރިކަލުން ސައިފުލްއިސްލާމް އާއި ލީބިޔާގެ ޖާސޫސީ އިދާރާގެ ވެރިޔާ ޢަބްދުﷲ އައްސުނޫސީ ބައިވެރިވެވަޑައިގެންފައިވާ ކަމުގައެވެ. ޢަބްދުﷲ އައްސުނޫސީއަކީ ގައްޒާފީގެ ޅިޔަނެކެވެ.
މީގެއިތުރުން ލީބިޔާގެ ރައްޔިތުންނަށް ޙަމަލާ ދިނުމަށް ބޭރުގެ ކުލީސިފައިން ބޭނުންކުރެއްވި ކަމުގެ ތުހުމަތުވެސް މިތިންބޭފުޅުންގެ މައްޗަށް ކުރެވޭ ކަމަށް އޮކަމްބޯ ވިދާޅުވިއެވެ. މިތުހުމަތުތައް ސާބިތުކުރުމަށް ބޭނުންވާ 1200 އެއްހާ ޑޮކިޔުމެންޓާއި ބައެއް ވީޑިޔޯއާއި ފޮޓޯތައްލިބިފައިވާ ކަމަށްވެސް އޮކަމްބޯ ވިދާޅުވިއެވެ.
އޮކަމްބޯ އެދިވަޑައިގަތް ނަމަވެސް ގައްޒާފީއާއި ސައިފުލްއިސްލާމް އާއި ޢަބްދުﷲ އައްސުނޫސީ ހައްޔަރު ކުރުމުގެ ކޯޓް އަމުރު ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން ނެރޭނީ އެކޯޓުގެ ފަނޑިޔާރުން މިމައްސަލަ ދިރާސާ ކުރެއްވުމަށްފަހު އެބޭފުޅުންނަށް ފެނިވަޑައގަންނަވާނަމައެވެ.
ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން ހައްޔަރު ކުރުމުގެ އަމުރުނެރޭ ފަރާތްތައް ހައްޔަރުކުރުމުގެ މާއްދީ ބާރު އެކޯޓަށް ލިބިފައެއް ނުވެއެވެ. ހައްޔަރު ކުރުމަށް އެދޭ ފަރާތެއް އެކޯޓަށް ޙާޒިރު ކުރެވޭނީ ދުނިޔޭގެ ޤައުމަކުން އެކަންކޮށްދިނުމުން ކަމަށް ޤާނޫނީ ފަރާތްތަކުން ބުނެއެވެ.
ސޫދާނުގެ ދާރުފޫރުގެ އަހްލީ ހަނގުރާމައިގާ ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކާއި ނަސްލު ނައްތާލުމުގެ ޢަމަލުތަކުގައި އެޤައުމުގެ ރައީސް ޢުމަރުލްބަޝީރު ބައިވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ އޮކަމްބޯގެ އެދިވަޑައިގަތުމަކަށް އަލްބަޝީރު ހައްޔަރު ކުރުމަށް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން މީގެ ތިން އަހަރު ކުރިން ނެރެފައިވާ އަމުރު އަދިވެސްވަނީ ތަންފީޒު ނުކުރެވިއެވެ. އަދި ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގެ މިއަމުރު ޤަބޫލުކުރުމަށް ދުނިޔޭގެ ގިނަ ޤައުމުތަކުންވަނީ ދެކޮޅު ހަދާފައެވެ.
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ ހަތިޔާރުނެތް ރައްޔިތުންނަށް ބަރުހަތިޔާރުން ޙަމަލާދީ އެމީހުންނާ ދެކޮޅަށް އިސްރާއީލުން ހަނގުރާމައިގެ ޖަރީމާ ހިންގިކަން އދ. ގެ ތަޙްޤީޤްތަކުން ސާބިތުވެފައިވާއިރުވެސް މިމައްސަލަ ބެލުމަށް ބައިނަލްއަޤްވާމީ ކޯޓުގެ ޕްރޮސެކިއުޓަރ ޖެނެރަލް ލުއިސް އޮކަމްބޯވަނީ އެކިބަހަނާތައް ދައްކަވައި ދެކޮޅު ހައްދަވާފައެވެ.
މީގެއިތުރުން ޢިރާޤުގެ ރައްޔިތުންނާ ދެކޮޅަށް އެމެރިކާ ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތައް ކަމަށް ބެލެވޭ އިންސާނިއްޔަތާ ޚިލާފު އެތަށް ޢަމަލުތަކެއް ބަލައި ތަޙްޤީޤް ކުރުމަށްވެސް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން މަސައްކަތްކޮށްފައިނުވާތީ އެކޯޓުގެ އިންސާފުވެރިކަމާމެދުގައްޔާއި އެކޯޓަކީ އިންސާފު ހޯދުމަށް ބޭނުންވާ ކޮންމެ ފަރާތަކަށްވެސް ތަފާތުކުރުމެއްނެތި އިންސާފު ހޯދައިނިނުމުގެ ޤާބިލްކަން ލިބިފައިވާ ކޯޓެއްކަމާމެދު ބައިނަލްއަޤްވާމީ މުޖްތަމަޢުގައިވަނީ ބޮޑެތި ސުވާލު ތަކެއް އުފެދިފައެވެ.
ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގެ ޕްރޮސެކިއުޓަރ ޖެނަރަލް ލުއިސް އޮކަމްބޯއަކީ ވަކިފަރާތަކަށް ބުރަނުވާ ޕްރޮފެޝަނަލް ޤާނޫނީ މަސްއޫލުވެރިއަކަށްވުރެ އޭނާއަކީ ސިޔާސީ ވިސްނުމެއްގައި އެކިޤައުމުތަކާއި އެކިފަރާތްތަކުގެ މެދުގައި ތަފާތު ނަޒަރުތަކުން ބައްލަވާ ބޭފުޅެއް ކަމުގެ ތުހުމަތުތައްވެސް އެތަށް ޤައުމަކުން އޭނާގެ މައްޗަށްވަނީ ކޮށްފައެވެ. -- ނޫސްއެޖެންސީތައް