13 Jun 2016, 03:02
ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި ދިވެހި ސިފައިންގެ ކްލަބުގެ މައްޗަށް މާޒިޔާއިން 1-2ގެ ނަތީޖާއަކުން މޮޅުވެއްޖެ އެވެ.
މާފަންނު ސްޓޭޑިއަމް ޓާފް އެއް ނަންބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު އެ މެޗު ފެށިގެން ސިފައިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އިރު އެ ޓީމުން ވަނީ މެޗުގެ 22 ވަނަ މިނިޓްގައި ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގައިފަ އެވެ. އެ ގޯލު ސިފައިންނަށް ކާމިޔާބު ކޮށްދިނީ އަބްދުﷲ ނަސީރެވެ.
ސިފައިން ކުރީގައި އޮވެ ފުރަތަމަ ހާފު ނިންމަން ދަނިކޮށް މާޒިޔާ އަށް އެއްވަރު ކޮށްދިން ގޯލު ކާމިޔާބު ކޮށްދިނީ އަލީ ރިޒާ އެވެ.
ފުރަތަމަ ހާފް ދެ ޓީމު އެއްވަރުވެގެން ނިމުނުއިރު، ދެ ވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ވަނދު ކުޅުމެކެވެ. އެ މެޗުން މާޒިޔާ އަށް ތިން ޕޮއިންޓް ކަށަވަރު ކޮށްދިން ގޯލު މެޗުގެ 83 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ އިބްރާހިމް ޝާފިއު އެވެ.
އެ މުބާރާތުގައި މާދަމާ ކުޅޭ ގްރޫޕް އޭގެ މެޗުގައި ބީޖީ ސްޕޯޓްސް ކްލަބު ނުކުންނާނީ ކްލަބު ވެލެންސިއާ ދެކޮޅަށެވެ. އެ މެޗު ވެސް ކުރިއަށްދާނީ މާދަމާ ހަވީރު 16:30ގައި މާފަންނު ސްޓޭޑިއަމްގެ އެއް ނަމްބަރު ޓާފް ދަނޑުގަ އެވެ.