ފްރާންސްގައި ކުރިއަށްދާ ޔޫރޯގައި ޔޫކްރޭން އަތުން މޮޅުވެ، ދުނިޔޭގެ ޗެމްޕިއަން ޖަރުމަނުގެ ފެށުން ރަނގަޅުކޮށްފި އެވެ.

ލިލްގެ ސްޓޭޑޭ ޕިއޭ މޯރޯއީގައި މިރޭ ކުޅުނު "ގްރޫޕް ސީ"ގެ މެޗުގައި ޔޫކްރޭނުގެ މައްޗަށް ޖަރުމަނުން ކުރި ހޯދީ 2-0 ލަނޑުންނެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޖަރުމަނާއި ޔޫކުރޭން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 2-0ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ޖަރުމަނު ---- ފޮޓޯ/ އެޕީ

މިރޭ ކުޅުނު މެޗުގެ ކުރީކޮޅުގައި ޔޫކްރޭނަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. އާޓެމް ފޭޑެޓްސްކީ ދިން ބޯޅައަކުން ޔެވްހެން ކޮނޮޕްލިޔަންކާ ފުނުވާލި ހަމަލާ، ޖަރުމަނުގެ ކީޕަރު މެނުއެލް ނޯޔާ ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 14 ވަނަ މިނެޓުގައި ޖަރުމަނަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ޖޫލިއަން ޑްރެކްސްލާ ނަގައިދިން ހުރަހަކުން ތޯމަސް މުލާ ބޮލުން ޖައްސާލި ބޯޅައިން ޖޯނަސް ހެކްޓާ ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެ އެވެ.

މެޗުގެ 19 ވަނަ މިނެޓުގައި ޖަރުމަނުން ވަނީ ލަނޑެއްޖަހައި، ލީޑު ހޯދައިފަ އެވެ. ޓޯނީ ކްރޫސް ނަގައިދިން ރީތި ހުރަހަކުން ޖަރުމަނަށް ލީޑު ހޯދައިދިނީ އެ ޓީމުގެ ޑިފެންޑަރު ޝްކްރަޑާން މުސްތާފީ އެވެ. ޔޫކްރޭންގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި މުސްތާފީ ބޮލުން އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޖަރުމަނާއި ޔޫކުރޭން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 2-0ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ޖަރުމަނު ---- ފޮޓޯ/ އެޕީ

މެޗުގެ 27 ވަނަ މިނެޓުގައި ޔޫކްރޭނަށް ލިބުނު ކޯނަރަކުން ނެގި ހުރަހަކުން ޔެވްހެން ކަކެރިޑީ ބޮލުން އުފެއްދި ހަމަލާ، ޖަރުމަނުގެ ކީޕަރު ނޯޔާ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ. އޭގެ ހަތަރު މިނެޓު ފަހުން ކްރޫސް ދިން ރީތި ބޯޅައަކުން ސަމީ ކެޑީރާ އުފެއްދި ހަމަލާ، ޔޫކްރޭންގެ ކީޕަރު އަންދްރޭ ޕިޔަޓޯވް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފަ އެވެ.

މެޗުގެ 38 ވަނަ މިނެޓުގައި ޔޫކްރޭނަށް ނަތީޖާ ހަމަހަމަ ކުރުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. އަންދުރޭ ޔާމެލެންކޯ ދިން ބޯޅައަކުން ކޮނޮޕްލިޔަންކާ އުފެއްދި ހަމަލާ ޖަރުމަނުގެ ގޯލަށް ވަންނަން ދަނިކޮށް، ގޯލުގެ ލައިން މަތިން ޑިފެންޑަރު ޖެރޯމް ބޯޓެންގް ވަނީ ދިފާއުކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ޖަރުމަން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ހަތަރު މިނެޓު ފަހުން ޖަރުމަނަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ޑްރެކްސްލާ ފޮނުވާލި ހަމަލާ، ގޯލުގެ ތިރީ ކަނަށް ދަނިކޮށް ޔޫކްރޭންގެ ކީޕަރު ޕިޔަޓޯވް ވަނީ މަތަކޮށްފަ އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޖަރުމަނާއި ޔޫކުރޭން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 2-0ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ޖަރުމަނު ---- ފޮޓޯ/ އެޕީ

އޭގެ އިތުރުން ވެސް ޖަރުމަނަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ދެވަނަ ހާފުގައި ލިބިގެންދިޔަ އެވެ. ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި މެސުޓް އޮޒިލް ދިން ރީތި ބޯޅައަކުން ޖަރުމަނަށް ލީޑު ފުޅާކޮށްދިނީ ބަސްޓިއަން ޝުވެންސްޓެއިގާ އެވެ.

ޔޫރޯގައި މާދަމާ ވެސް ތިން މެޗު ކުޅުމަށް ހަމަޖެހިފައިވެ އެވެ. މާދަމާ އިރުއޮއްސި 6:00ގައި ކުޅޭ "ގްރޫޕް ޑީ"ގެ މެޗުގައި ބައްދަލުކުރާނީ ސްޕެއިން އާއި ޗެކް ރިޕަބްލިކް އެވެ. މާދަމާ ރޭ 9:00ގައި ކުޅޭ "ގްރޫޕް އީ"ގެ މެޗުގައި ބައްދަލުކުރާނީ އަޔަލެންޑާއި ސްވިޑަން އެވެ. އަދި މާދަމާ 12:00ގައި ކުޅޭ "ގްރޫޕް އީ"ގެ މެޗުގައި ބައްދަލުކުރާނީ ބެލްޖިއަމް އާއި އިޓަލީ އެވެ.