13 Jun 2016, 01:47
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ވިކްޓަރީ ސްޕޯޓްސް ކްލަބު އަތުން ހަނިތަފާތަކުން މޮޅުވެ، މާޒިޔާއިން ތާވާލުގެ ކުރީގައި ފަސް ޕޮއިންޓުގެ ލީޑެއް ހޯދައިފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ވިކްޓަރީގެ މައްޗަށް ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ މާޒިޔާ ކުރި ހޯދީ 2-1 ލަނޑުންނެވެ.
އެ ނަތީޖާއާއެކު ލީގު ތާވަލުގެ އެއް ވަނައިގައި މާޒިޔާ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާއެކު އެވެ. ތާވަލުގެ ދެ ވަނައިގައި އޮތް ކްލަބު އީގަލްސް އަށް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާ އިރު، ޔުނައިޓެޑް ވިކްޓަރީ އާއި، ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބު ވެލެންސިއާ އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ތިން މެޗުން ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. ތާވަލުގެ ހަތް ވަނައިގައި އޮތް ބީޖީ ސްޕޯޓްސް އަށް ތިން މެޗުން އެއް ޕޮއިންޓް ލިބިފައިވާ އިރު، މިރޭގެ މެޗުން ބަލިވި ވިކްޓަރީ އޮތީ ހަތަރު މެޗުން ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގަ އެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެމުންދިޔައީ މާޒިޔާ އެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 11 ވަނަ މިނެޓުގައި މާޒިޔާއިން ލީޑު ނެގި އެވެ. ވިކްޓަރީގެ ގޯލްކީޕަރު އިބްރާހިމް އިފްރާހް އަރީފް އަށް ހެދުނު ގޯހަކުން މާޒިޔާ އަށް އެ ލަނޑު ކާމިޔާބުކޮށް ދިނީ އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) އެވެ. އޭނާ އެ ލަނޑު ކާމިޔާބު ކުރީ ޕެނަލްޓީ އޭރިޔާ ބޭރުގެ އަރިމަތިން ހުސްކޮށް އޮތް ގޯލަށް ފޮނުވާލި ހަމަލާއަކުންނެވެ. އެ ބޯޅަ ދިފާއު ކުރުމަށް މަސައްކަތްކުރަން އުޅުމުގެ ތެރޭގައި ކީޕަރު އިފްރާހަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާގެ ބަދަލުގައި ކީޕަރު ތޮލާލް ހަސަން އަރުވާފައިވެ އެވެ.
މެޗުގެ 25 ވަނަ މިނެޓުގައި މާޒިޔާ އަށް ލީޑު ފުޅާކޮށްލުމަށް ފުރުސަތެއް ލިބިގެންދިޔަ އެވެ. ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެފައި އަހްމަދު އިމާޒް (އާއްކޮ) ފޮނުވާލި ހަމަލާ، ކީޕަރު ތޮލާލް ވަނީ މަތަކޮށްފަ އެވެ. އާއްކޮގެ އެ ހަމަލާ އަމާޒުވީ ކީޕަރު ތޮލާލްއާ ދިމާލަށެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ވިކްޓަރީ އަށް ނަތީޖާ ހަމަހަމަކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުސްކޮށް ހުރެފައި، މުހައްމަދު ތަސްނީމް އުފެއްދި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 1-0 ލަނޑުން މާޒިޔާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެ ވަނަ ހާފު ފެށިތާ ފަސް މިނެޓް ފަހުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މުހައްމަދު އުމައިރު ވަނީ މާޒިޔާ އަށް ލީޑު ފުޅާކޮށްދީފަ އެވެ. އޭނާ އެ ލަނޑު ކާމިޔާބު ކުރީ ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެފައި އުފެއްދި ހަމަލާއަކުންނެވެ.
މެޗުގެ 54 ވަނަ މިނެޓުގައި އަސަދުﷲ އަށް ލަނޑުޖަހާނެ ވަރަށް ހުސް ފުރުސަތެއް ލިބިގެންދިޔަ އެވެ. ކީޕަރު ތޮލާލްގެ އަތުގައި ޖެހިފައި ލިބުނު ބޯޅައަކުން ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުސްކޮށް ހުރެފައި، އަސަދުﷲ އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެ އެވެ.
މެޗުގެ 60 ވަނަ މިނެޓުގައި ވިކްޓަރީން ވަނީ ލަނޑެއް ޖަހައި، އުންމީދު އާ ކޮށްފަ އެވެ. ވިކްޓަރީ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އޮމޮދޫ ގޮޑްފްރޭ ވެސްޓް އެވެ. މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި އޮމޮދޫ އުފެއްދި ހަމަލާ، ގޯލުގެ ތެރެއަށް ވަދެފައި ވަނީ ކީޕަރު އިމްރާން މުހައްމަދުގެ އަތުގައި ޖެހިފަ އެވެ.
ދެވަނަ ހާފުގައި ވިކްޓަރީ އަށް ލަނޑުޖަހާނެ އިތުރު ދެ ފުރުސަތެއް ލިބިގެންދިޔަ އެވެ. މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި އަލީ އިފާޒް އުފެއްދި ހަމަލާ، ކީޕަރު އިމްރާން މަތަކުރި އިރު، ޕެނަލްޓީ އޭރިޔާ ތެރެއިން އޮމޮދޫ އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެ އެވެ.
ދިވެހި ޕްރިމިއާ ލީގުގައި މާދަމާ ރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. މާދަމާ ރޭ 10:00ގައި ކުޅޭ އެ މެޗުގައި ބައްދަލު ކުރާނީ ކްލަބު އީގަލްސް އާއި އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ޔުނައިޓެޑް ވިކްޓަރީ އެވެ.