އެންމެންގެ ވެސް ހިތްހަމަޖެހުމާއި މިއަދު ގުޅިފައިވާ އެއް ވަސީލަތަކަށް ވަނީ އިންޓަނެޓެވެ. މަސައްކަތް ކުރުމާއި ކިޔެވުމުގެ އިތުރުން މުނިފޫހިފިލުވުމުގެ އެންމެ ބޮޑު ބައިވެރިޔަކީ ވެސް އެއީ އެވެ. އެންމެ ދޮށީ އުމުރު ފިޔަވައި މުޅިންހެން މިއުޅެނީ އިންޓަނެޓުގައި ވަގުތުތައް ހޭދަކުރާ ފަރާތްތަކެވެ.

ހިތްފަސޭހަ މައިދާންތަކާއި އާންމުކޮށް މީހުން ގޮސް އުޅޭ ސަރަހައްދުތަކުގައި ހިލޭ އިންޓަނެޓުގެ ހިދުމަތް ލިބުމަކީ ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުން ލިބޭ ފުރިހަމަ ހިދުމަތެކެވެ. މިއީ އެތައް ދިވެހިންނެއް އެދޭނެ ހިދުމަތަކަށް ވާނެކަން ވެސް ޔަގީނެވެ. އުފާކުރާށެވެ. ތިޔަކަމުގެ ކޮޅުމަތި ދިވެހި ޓެލެކޮމް ހިދުމަތްދޭ ދެ ކުންފުނި ކަމަށްވާ އުރީދޫ އާއި ދިރާގުން އެވަނީ ދަށްކައިދޭން ފަށައިފަ އެވެ.

އުރީދޫއިން މިހާރު ހިދުމަތް ފަށާފައި

ހުޅުމާލޭގައި ދިރިއުޅޭ އައިމިނަތު ޝިފާނާއަށް ފެރީގެ އިންތިޒާރުގައި ޓާމިނަލްގައި ހޭދަ ކުރަން ޖެހޭ ވަގުތުތައް މީގެ ކުރިން ވެގެންގޮސްފައި ވަނީ ފޫހިވެ ރުޅިގަދަވާ ވަގުތުތަކަށެވެ. ނަމަވެސް އުރީދޫގެ "ވައިފައި ހޭންގްއައުޓް އޭރިއާ" ހިދުމަތާ އެކު ފުރީ ވައިފައި ހިދުމަތް ލިބިގެންދިއުމުން އެ ފޫހިކަން އުފާވެރިކަމަށް މިވަނީ ބަދަލުވެފަ އެވެ.

އުރީދޫއިން ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ތައާރަފް ކުރުން-- ސަން ފައިލް ފޮޓޯ

އުރީދޫ އިން މިހާރު ދަނީ ބައެއް ސަރަހައްދުތަކަށް ހިލޭ ވައިފައީގެ ހިދުމަތް ދެމުންނެވެ. އޭގެ ތެރޭގައި މާލެ، ވިލިމާލެ، އަދި ހުޅުމާލޭ ފެރީ ޓާމިނަލް، އާއި އުރީދޫ އެކްސްޕީރިއަންސް ސެންޓަރުގެ އިތުރުން އައިޖީއެމްއެޗް އާއި އެމްޕީއެލް ސަރަހައްދާއި ޖުމްހޫރީ މައިދާންހިމެނެ އެވެ. ހަމައެއާ އެކު ހުޅުމާލޭ ބާބެކިއު އޭރިއާއި ހުޅުމާލޭ ގެސްޓްހައުސް އޭރިއާގެ އިތުރުން ހދ. ކުޅުދުށްފުށީގެ ތަފާތު ސަރަހައްދުތަކެއް ހިމެނެ އެވެ.

އުރީދޫ މޯލްޑިވްސްގެ ހެޑް އޮފް ސޭލްސް ހުސައިން ނިޔާޒް ވިދާޅުވީ، އެކުންފުނީގެ ޓާގެޓަކީ މާލޭގެ ޕަބްލިކް ހުރިހާ އޭރިއާތަކެއްގައި ހިލޭ ވައި ބޭނުން ކުރެވޭގޮތް ހެދުން ކަމަށެވެ. އެގޮތުން ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް ދުވާލަކު 15 މިނެޓު ވަންދެން އެ ހިމަތް ހިލޭ ބޭނުންކުރެވޭނެ ކަމަށް ނިޔާޒު ވިދާޅުވި އެވެ.

ހިލޭ ވައިފައި މެދުވެރިކޮށް ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކާއި އީމެއިލް އަދި ވަޓްސްއެޕް، ވައިބާ ފަދަ އެޕްލިކޭޝަންތައް ވެސް ފަސޭހަކަމާ އެކު ބޭނުންކުރެވެ އެވެ. އެ ހިދުމަތް މެދުވެރިކޮށް 20 އެމްބީޕީއެސްއާ ހަމައަށް ޑޭޓާ ސްޕީޑް ލިބިގެންދާ އިރު އެއް ފަހަރާ ކިތަންމެ ގިނަ ބަޔަކަށް ވެސް އެ ހިދުމަތުގެ ބޭނުން ހިފޭނެ ކަމަށް އުރީދޫ އިން ބުނެ އެވެ.

ހިތްހަމަ ޖައްސާލުމަށް ގިނަ ބަޔަކު ގޮސް އުޅޭ ރަސްފަންނު-- ސަން ފައިލް ފޮޓޯ

"ފޮޓޯ އެއްޗެހި އަޕްލޯޑްކޮށްލައި ޔޫޓިއުބް ބަލާލެވޭ ފެންވަރަށް އެހިދުމަތް ލިބޭނެ." ނިޔާޒު ވިދާޅުވި އެވެ.

ވީޑިއޯ ޗެޓްްކުރުމަށް ނުވަތަ ޑައުންލޯޑް ކުރަން ބޭނުންވާ ފަރާތްތަކަށާއި 15 މިނެޓަށް ވުރެ އިތުރަށް އުރީދޫ ވައިފައިގެ ހިދުމަތް ބޭނުންވާ ފަރާތްތަކަށް އެހިދުމަތް ގަތުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އުރީދޫއިން ބުނެ އެވެ.

މި އަހަރު ނިމެންވާއިރަށް މުޅި މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގެ ހުރިހާ އާންމު ތަންތަނަށް ހިލޭ ވައިފައީގެ ހިދުމަތް ދޭނެ ކަމަށް ނިޔާޒު ވިދާޅުވި އެވެ. އުރީދޫ އިން އެ ހިދުމަތް ރާއްޖޭގެ އެކި ހިސާބުތަކުގައި ތައާރަފް ކުރުމަށް ވަނީ ނިންމައިފަ އެވެ.

ދިރާގުން ވެސް ދަނީ އެކަމުގެ ފަހުގެ ތައްޔާރީތައް ވަމުން

އެއީ ވައިލަސް ޒޯން ނަމުގައި ދިވެހިންނަށް އިންޓަނެޓުގެ ހިދުމަތް ދިން ކުންފުންޏެވެ. ދިވެހި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތްދޭ ކުންފުނި ދިރާގުން ވެސް އަންނަނީ ހިލޭ އިންޓަނެޓުގެ ހިދުމަތްތައް ދިނުމުގެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

ދިރާގު ހެޑްއޮފީސް ހިންގާ އިމާރާތް: ސަން ފައިލް ފޮޓޯ

ދިރާގުގެ މެނޭޖާ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕީއާރު މިރުޝާން ހަސަން ވިދާޅުވީ އެ ކުންފުނިން ވެސް ހިލޭ ވައިފައި ދިނުމުގެ ހިދުމަތް ތައާރަފް ކުރުމަށް އަންނަނީ މަސައްކަތް ކުރަމުން ކަމަށާއި ފުރިހަމަ ހިދުމަތެއް އެކުންފުނީގެ ފަރާތުން ދެވިގެންދާނެ ކަމަށެވެ.

"[ހިތްފަސޭހަ މައިދާންތަކުގައި] ވައިފައީގެ ހިދުމަތް ދިނުމަށް ދިރާގުން މިހާރު ވެސް ދަނީ މަސައްކަތް ކުރަމުން." މިރުޝާން ވިދާޅުވި އެވެ.

އެހިދުމަތްދޭނެ ވަގުތާއި ދޭނެ ސުޕީޑް އަދި ދިރާގުން ހާމައެއް ނުކުރެ އެވެ. ނަމަވެސް ފުރިހަމަ ހިދުމަތެއް ދިނުމަށް އެކުންފުނިން ވަނީ ނިންމައިފަ އެވެ.

ހިތްފަސޭހަ މައިދާންތަކަށް އެސައިންމަންޓްސް ހެދުމަށް ދާއިރު ޑޮންގްލް ގެންދަން ޖެހޭ ޒަމާން މާޒީވެ ދާން މިދަނީ ތައްޔާރުވަމުންނެވެ. އަބަދު ގޭގައި ނޯވެ ދަރިން ގޮވައިގެން ހިތްހަމަ ޖައްސާލަން ބޭރަށް ނުކުންނަ ވަގުތު ނުވަތަ ހިދުމަތެއް ހޯދުމަށް ގޮސް ތިބެން ޖެހޭ ވަގުތު ފޫހިވުން ފިލުވުމަށް ހިލޭ ވައިފައިގެ ހިދުމަތް ލިބުން ދެން މާލަހެއްނުވާނެ އެވެ.