ދެވަނަ ހާފްގެ ކުރީކޮޅުގައި އަރކަޑިއަޒް މިލިކް ކާމިޔާބުކޮށްދިން ލަނޑާއެކު 1-0 ލަނޑުން ނޯދަން އަޔަލެންޑް ބަލިކޮށް ޕޮލެންޑުން ޔޫރޯ 2016ގައި އެޓީމު ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެ އެވެ.

ފްރާންސްގެ ނީސްގެ އެލިއަންޒް ރިވިއެރާގައި މިރޭ ކުޅުނު ގްރޫޕް ސީގެ މެޗުގެ 51 ވަނަ މިނިޓްގައި ނޮދަން އަޔަލެންޑްގެ ޕެނަލްޓީ އޭރިޔާގެ ރޮނގު ކައިރީ ހުރެ އަޔެކްސްގެ ފޯވާޑް މިލިކް ކާމިޔާބުކޮށް ދިން ލަނޑުން ޕޮލެންޑް ހޯދި ކާމިޔާބަކީ، ޔޫރޯ ފުޓްބޯޅަ މުބާރާތެއްގައި އެޓީމު މިހާތަނަށް މޮޅު ފުރަތަމަ މެޗެވެ. މިލިކް އެ ލަނޑު ކާމިޔާބުކުރީ ޔަކޫބް ބްލަޒްޒިކޯވްސްކީ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

ނޮދަން އަޔަލެންޑަށް ބޮޑު މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ނުލިބި 30 އަހަރު ހޭދަކުރުމަށް ފަހު، މި މުބާރާތަށް ކުރިމަތިލައި، މެޗަކުން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑު 12 މެޗަށް ފަހު މިރޭގެ ނަތީޖާއާއެކު ނިމިގެން ދިޔައީ "ނާކާމިޔާބު 13"ވަނަ މެޗަށް ވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފްގައި ޕޮލެންޑުން މެޗު ކޮންޓްރޯލްކޮށް ހަމަލާތަކެއް އުފެއްދި ނަމަވެސް ނޮދަން އަޔަލެންޑް ކުޅުންތެރީން ވަނީ، އެޓީމުގެ ދިފާއީ ފާރު ޕޮލެންޑުން ފޫއަޅުވައިލިޔަ ނުދީ ހިފަހައްޓައިފައެވެ.

މުޅި މެޗުގައި ވެސް ނޮދަން އަޔަލެންޑަށް ޕޮލެންޑް ގޯލަށް ނުރައްކާތެރި ހަމަލާއެއް އަމާޒުކޮށްލެވިފައި ނުވާއިރު، މާޓިން އޮނިއެލްގެ ޓީމު ގްރޫޕް ސްޓޭޖްގެ ދެވަނަ މެޗުގައި ޔޫކްރޭނާ ވާދަކުރާއިރު މިއީ އެޓީމުގެ ކުޅުމަށް ބަދަލުތަކެއް ގެންނާން ޖެހޭނެ ނަތީޖާއެކެވެ.

ޔޫރޯއަށް މުޅިން އަލަށް ކޮލިފައިވި ނޮދަން އަޔަލެންޑް އެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ފްރާންސްގެ ނީސްއަށް މެޗު ބަލައިލުމަށް ދަތުރުކުރި އެގައުމުގެ 10،000 ސަޕޯޓަރުންގެ ކުރިމަތީގައި އެޓީމުން ވަނީ ޕޮލެންޑްގެ ގިނަ ހަމަލާތައް ހުއްޓުވައި އުންމީދީ ކުޅުމެއް ދައްކުވައިދީފައެވެ.

މުހިއްމު މައުލޫމާތު:

  • ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޕޮލެންޑް މިހާތަނަށް ހަތް މެޗު ކުޅުނު އިރު މިއީ އެޓީމު މޮޅުވި ފުރަތަމަ މެޗު. (3 މެޗުން އެއްވަރު، 3 މެޗުން ބަލި).
  • ބޮޑު މުބާރާތެއްގައި ނޮދަން އަޔަލެންޑް އެންމެ ފަހުން ކުޅުނު ހަމެޗުން ކުރެ އެއްވެސް މެޗަކުން މޮޅުވެފައެއް ނުވޭ (2 މެޗުން އެއްވަރު، 4 މެޗުން ބަލި).
  • މިއީ މުބާރާތެއްގައި ޕޮލެންޑު ކޮޅަށް ލަނޑެއް ވަނަ ނުދީ މޮޅުވި ފުރަތަމަ މެޗު.
  • އުމުރުން 22 އަހަރު، 3 މަސް، 5 ދުވަސް ފުރިފައިވާ އަރކަޑިއަޒް މިލިކް އަކީ ޔޫރޯގެ ތާރީޚްގައި ޕޮލެންޑް ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާ.

ޔޫރޯގައި ޕޮލެންޑް ދެން ކުޅެންޖެހޭ މެޗުގައި ވާދަކުރާނީ، އަންނަ ހުކުރު ވިލޭރޭ 12:00ގައި ދުނިޔޭގެ ޗެމްޕިއަން ޖަރުމަނާ ދެކޮޅަށެވެ. ނޮދަން އަޔަލެންޑް ދެން ކުޅޭ މެޗެއްގައި ވާދަކުރާނީ ބުރާސްފަތި ދުވަހުގެ ރޭ 9:00ގައި ޔޫކްރޭނާ ދެކޮޅަށެވެ.