ދުބާއި : ދުބާއިގައި ހުންނަ ދުނިޔޭގެ އެންމެ އުސް ޢިމާރާތް ކަމަށްވާ "ބުރުޖު ޚަލީފާ"ގެ 147 ވަނަ ބުރިން އިންޑިޔާ މީހަކު ފުންމާލުމުގެ ސަބަބުން އެމީހާ މަރުވެއްޖެވެ.

ދުބާއިގެ ފުލުހުން މިޙާދިޘާއާ މެދު ބަލަނީ އަމިއްލައަށްމަރުވުމުގެ ޙާލަތެއްގެ ގޮތުގައެވެ. "ބުރުޖު ޚަލީފާ" ޢިމާރާތުގެ 147 ވަނަ ބުރިން ފުންމާލި އިންޑިޔާ މީހާގެ ހަށިގަނޑު ފެނިފައިވަނީ އެޢިމާރާތުގެ 108 ވަނަ ބުރީގެ ބެލްކަނީއެއްގައި ލެއިން ތަތްތެޅިފައި ވަނިކޮށެވެ.

މީގެއިތުރުން އެހަށިގަނޑު ވަރަށް ބޮޑަށް ހަލާކުވެ ޒަޚަމްވެފައިވާ ކަމަށްވެސް ޚަބަރުލިބެއެވެ. މިމީހާ 147 ވަނަ ބުރިއަށް އަރާފައިވަނީ ވައިގޮޅިން ކަމަށްބެލެވޭނެ ހެކިތައް ފުލުހުންނަށް ފެނިފައިވެއެވެ. "ބުރުޖު ޚަލީފާ" ޢިމާރާތުގެ 147 ވަނަ ބުރިއަކީ މުއްސަނދިންނަށާއި މަތީފެންވަރުގެ މީހުންނަށް ތައްޔާރުކޮށްފައިވާ ލަގްޒަރީ އެޕާޓްމަންޓްތައް އެކުލެވޭ ފްލޯއެކެވެ.

"ބުރުޖް ޚަލީފާ" ޢިމާރާތުން ޢިމާރާތުން ފުންމާލައިގެން މަރުވި އިންޑިޔާ މީހަކީ 30 އަހަރުގެ މީހެކެވެ. އޭނާ މަސައްކަތްކުރަނީ އެޢިމާރާތުގައި ހުންނަ ކުންފުނިތަކުގެ އޮފީސްތަކުގެ ތެރޭން އޮފީހެއްގައި ކަމަށާއި އަމިއްލައަށް މަރުވިކަމަށް ބެލެވެނީ ޗުއްޓީއަށް އެދުމުން އޭނާއަށް ޗުއްޓީ ނުލިބުމުން ކަމަަށް ބެލެވޭ ކަމަށް އޭނާގެ ބައެއް އެކުވެރިންނާ ޙަވާލާދީ ޔޫ.އޭ.އީ.ގެ "އަލްޚަލީޖް" ނޫސް ބުނެއެވެ.

"ބުރުޖު ޚަލީފާ" ޢިމާރާތަކީ ދުނިޔޭގައިވާ އެންމެ އުސް ޢިމާރާތެވެ. އުސްމިނުގައި ގާތްގަނޑަކަށް އެއްކިލޯމީޓަރު ހުންނަ މިޢިމާރާތް ބިނާކުރުމަށް 1.5 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދު ކޮށްފައިވެއެވެ. -- އަލްޚަލީޖް ނޫސް / ޖަވާދު