އިތުރު ހަމަނުޖެހުންތަކެއް ހިންގައިފިނަމަ އިނގިރޭސިންނާއި ރަޝިއާ ޔޫރޯ ފުޓްބޯޅަ މުބާރާތުން ވަކިކުރާނެ ކަމަށް ޔޫރަޕުގެ ފުޓްބޯޅައިގެ މައި ޖަމާއަތް، ޔޫއޭފާ އިން އެ ދެ ޓީމަށް އިންޒާރު ދީފި އެވެ.

ޔޫއޭފާ އިން އެގޮތަށް އިންޒާރު ދީފައި ވަނީ، ފްރާންސްގައި ކުރިއަށްދާ ޔޫރޯގެ "ގްރޫޕް ބީ"ގައި ރޭ އެ ދެ ޓީމް ބައްދަލުކުރި މެޗަށްފަހު، ދެ ޓީމުގެ ސަޕޯޓަރުންގެ މެދުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ.

އެ ހަމަނުޖެހުންތައް ޔޫއެފާއިން ކުށްވެރިކޮށްފައިވާއިރު، ހަމަނުޖެހުން ހިންގުމާއި ދަނޑު ތެރޭގައި ބަޑިބޭސް ބޭނުން ކުރުމުގެ މައްސަލަ އެ އިދާރާއިން ދަނީ ބަލަމުންނެވެ.

މާސޭގެ ސްޓޭޑޭ ވެލޮޑްރޯމްގައި އިންގްލެންޑާއި ރަޝިއާ ރޭ ކުޅުނު މެޗު ނިމިގެން ދިޔައީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. މެޗުގައި އިންގްލެންޑުން ލަނޑު ޖަހާފައި ވަނިކޮށް ރަޝިއާ އިން ނަތީޖާ ހަމަހަމަ ކުރީ ދެ ވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނެޓްގެ ތެރޭގަ އެވެ.

އިނގިރޭސީންނާއި ރަޝީޔާ ސަޕޯޓަރުންގެ ހަމަނުޖެހުން-- ފޮޓޯ/ އޭޕީ

ހަމަނުޖެހުމުގައި ދެ ޓީމުގެ ސަޕޯޓަރުން ވަކިކުރުމަށް ދަނޑުގައި ޖަހާފައިވާ ފެންސެއް ވެސް ވައްޓާލާފައިވެ އެވެ. އެ ހަމަނުޖެހުމުގައި ދެ ޓީމުގެ ސަޕޯޓަރުން އެއްޗެހި އުކުމުގެ ސަބަބުން ބައެއް ސަޕޯޓަރުންނަށް އެކި ވަރުގެ އަނިޔާތައް ވެސް ވަނީ ލިބިފަ އެވެ.

ދެ ޓީމުގެ ސަޕޯޓަރުންގެ ދެމެދު ހިނގި ހަމަނުޖެހުން މައިތިރިކުރީ ފްރާންސްގެ ފުލުހުން ކަރުނަ ގޭހާއި ފެން ޖަހައިގެންނެވެ. އަދި އެ މައްސަލައަށްފަހު ސަލާމަތީ ކަންކަން މިހާރަށްވުރެ ވަރުގަދަ ކުރުމަށް ޔޫއޭފާ އިން ވަނީ ނިންމާފައެވެ.

ޔޫއޭފާ އިން މިހާރު ދަނީ ރަޝިއާއާ ދެކޮޅަށް ޑިސިޕްލިނަރީ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެ ޓީމާ ދެކޮޅަށް ފިޔަވަޅު އަޅަނީ ސަޕޯޓަރުންނަށާއި ނަސްލީ ގޮތުން އުދަނގޫކޮށް ބަޑިބޭސް ބޭނުންކުރުމުންނެވެ.

މީގެ ކުރިން ރަޝިއާގެ އާރު ސްޕޯޓްސް ނިއުސް އެޖެންސީއަށް ދިން އިންޓަވިއެއްގައި އެ ގައުމުގެ ސްޕޯޓްސް މިނިސްޓަރު ވިޓަލީ މުޓްކޯ ވިދާޅުވީ، ރަޝިއާ ފުޓްބޯލް ޔޫނިއަންއާ ދެކޮޅަށް ޑިސިޕްލިނަރީ މައްސަލައެއް ބަލަން ފެށުމަކީ ޔޫއޭފާ އިން ކުރި ރަނގަޅު ކަމެއް ކަމަށެވެ.