ރޯދަ މަހުގެ ފުރަތަމަ ހަފްތާގައި ގައުމީ ބޭންކު ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްތަކުން ފައިސާ ނެގި އަދަދު އެހެން މަސްތަކާ އަޅާބަލާއިރު ދެ ގުނައަށް އިތުރުވެފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލްގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ވޭތުވެދިޔަ ހަފްތާގެ ތެރޭގައި 200،000 ޓުރާންސެކްޝަންތައް ފައިސާ ނެގުމަށް ބީއެމްއެލްގެ އޭޓީއެމްތަކުން ހަދާފައިވާ ކަމަށާއި އެއީ ގާތްގަނޑަކަށްބަލާނަމަ އެހެން މަސް ތަކުގެ ހަފްތާ ތަކާ އަޅާބަލާއިރު ދެ ގުނަ އިތުރު އަދަދެއް ކަމަށެވެ.

"ރަމަޟާންމަހު ބޭންކުން ޚިދުމަތް ހޯދާ ކަސްޓަމަރުންގެ އަދަދު ވަރަށް ބޮޑަށް އިތުރު. ބްރަންޗުތަކުން ޚިދުމަތް ހޯދާ ކަސްޓަމަރުން ވެސް އަދި މީގެ އިތުރުން ނަގުދު ފައިސާ ނެގުމަށް އޭޓީއެމް ބޭނުން ކުރާ މިންވަރު ވެސް އިތުރު،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ބްރާންޗުތަކުން ފައިސާ ނަގާ މިންވަރު އިތުރުވެފައި ވާތީ ބްރާންޗުތަކުން ހިދުމަތްދިނުމުގެ ގޮތުން 10:30 އިން ފެށިގެން 3:30 އަށް މެއިން ބުރާންޗް ހުޅުވާފައި ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އޭޓީއެމްތަކުން ފައިސާ ނެގުމަށް ގިނަ އަދަދެއްގެ ބަޔަކު ކިޔޫ ޖެހޭއިރު ބައެއް އޭޓީއެމްތަކުން ހިދުމަތް ކެނޑިފައި ހުންނަނީ ކީއްވެގެންތޯ ސުވާލު ކުރުމުން މީޑިއާ އޮފިޝަލް ވިދާޅުވީ އެ ބޭންކުން ގެންދަނީ އޭޓީއެމްތަކުން ހިދުމަތް ދެވޭ ވަގުތު ދަށް ވެގެން 95 ޕަސެންޓް ހިފަހައްޓަމުން ކަމަށެވެ.

ބީއެމްއެލުން ދަނީ ހިދުމަތް ފޯރުކޮށް ދިނުމަށް 76 އޭޓީއެމްއެއް ބޭނުން ކުރަމުންނެވެ. އޭގެ ތެރެއިން 40 އަށްވުރެ ގިނަ އޭޓީއެމް ހުންނަނީ މާލެ ސަރަހައްދުގަ އެވެ.

ރޯދަ މަހަކީ ދިވެހިންގެ ތެރޭގައި އާދަޔާ ހިލާފަށް ހަރަދު ބޮޑު މަހެކެވެ.