ފުޓްބޯޅައިން ސްޕެއިންގެ ގޯލްކީޕަރު އިކާ ކަސިޔަސް ރިޓަޔާ ކުރާނީ އިޓަލީގެ ގޯލްކީޕަރު ޖިއަންލުއިޖީ ބުފަން ރިޓަޔާވުމުން ކަމަށް ކަސިޔަސް ބުނެފި އެވެ.

ޔުވެންޓަސްގެ ތަޖުރިބާކާރު ގޯލްކީޕަރު ބުފަން ވަނީ އަންނަ އަހަރުގެ މެއި މަހުގެ ނިޔަލަށް އެ ކްލަބުގައި މަޑުކުރުމަށް ނިންމާފަ އެވެ. ކަސިޔަސްގެ އުމުރުން މިހާރު 35 އަހަރު ވެފައިވާއިރު، ބުފަން އަށް 38 އަހަރު ވަނީ ވެފަ އެވެ.

"ބުފަން ރިޓަޔާވީމަ، އަހަރެން ވެސް ރިޓަޔާ ވާނަން. ބުފަންގެ ކޮންޓްރެކްޓް އާކުރުމުން އަހަރެން އުފާކުރަން. އަހަރެން ވެސް އެކަން ކުރާނަން. އަހަރެމެން ދެމީހުން ކުޅުން ހުއްޓާލާ އިރު، ދެ މީހުންގެ ރައްޓެހިންނާއެކު އެކުވެރިކަމުގެ މެޗެއް ކުޅޭނަން،" ސްޕެއިނާއެކު ދެ ފަހަރު ޔޫރޯ އާއި، އެއް ފަހަރު ވޯލްޑް ކަޕު ކާމިޔާބު ކުރި ކަސިޔަސް ބުންޏެވެ.

ފްރާންސްގައި ކުރިއަށްދާ ޔޫރޯގައި ސްޕެއިންގެ އެއް ނަންބަރު ގޯލްކީޕަރުގެ މަގާމަށް ޑޭވިޑް ޑެހެއާއާ ވާދަކުރަން ޖެހިފައިވާ ކަސިޔަސް ގަބޫލުކުރާ ގޮތުގައި ފާއިތުވެދިޔަ ދެ ފަހަރުގެ ޔޫރޯ ޗެމްޕިއަނުންނަށް މި އަހަރުގެ ޗެމްޕިއަންކަން ވެސް ހޯދޭނެ އެވެ.

"ފާއިތުވެދިޔަ ހަތަރު އަހަރަށްވުރެ، މި އަހަރު މާ އުނދަގޫވާނެ. ފްރާންސް އަކީ ވަރަށް ރަނގަޅު ޓީމެއް. ބެލްޖިއަމް ވެސް ވަރަށް ވަރުގަދަ. އަދި ދުނިޔޭގެ ޗެމްޕިއަން ޖަރުމަން ވެސް. އިޓަލީ އަދި ޕޯޗުގަލް އަކީ ނުރައްކާތެރި ދެ ޓީމު. އެކަމަކު އަހަރެމެންނަށް ވިދިވިދިގެން ތިން ވަނަ ފަހަރަށް ޔޫރޯ ހޯދިދާނެ،" އޭނާ ބުންޏެވެ.

ޔޫރޯގައި އިޓަލީ އޮތީ ޗެކް ރިޕަބްލިކާއި، ތުރުކީ އަދި ކްރޮއޭޝިއާ އާއެކު "ގްރޫޕް ޑީ"ގައެވެ. ސްޕެއިން ކުޅޭ ފުރަތަމަ މެޗުގައި ޗެކް ރިޕްބްލިކްއާ ދެކޮޅަށް މާދަމާ ނުކުންނާނެ އެވެ. އެ މެޗު ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ އިރުއޮއްސި 6:00 ގައެވެ.