އައްޑޫ ސިޓީ ހިތަދޫގައި ރޭ ފަސް މީހަކު ޒަހަމްކޮށްލި މައްސަލާގައި 12 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވީ ރޭ ހިންގި އެމާރާމާރީ އާއި ގުޅިގެން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މިއަދު އައްޑޫ ސިޓީން 12 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޮފިޝަލު ވިދާޅުވީ އޭގެ ތެރެއިން 10 މީހުންގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްދީފައިވާ ކަމަށެވެ.

އެމީހުންގެ ބަންދަށް 15 ދުވަސްޖެހިއިރު އޭގެ ތެރޭގައި މަސްތުގެ ހާލަތުގައި ތިއްބައި ހައްޔަރު ކުރި މީހުން ހިމެނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސައުތު ޕޮލިސް ޑިވިޝަން ކޮމާންޑަރު ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވިގޮތުގައި ރޭގެ މާރާމާރީ ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވި ހުރިހާ މީހުން ތަހުގީގަށް ހާޒިރުކޮށް އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ހުއްޓާނުލައި ކުރިޔަށް ގެންދާކަމަށާއި ހައްޔަރު ކުރަންޖެހުނު ކޮންމެ މީހަކުވެސް ކޯޓު އަމުރު ހޯދައިގެން ހައްޔަރުކުރާނެ ކަމަށެވެ.

އައްޑޫ ސިޓީގެ ކުށްކުރުން ހުއްޓުވުމަށް ތަފާތު މަސައްކަތްތައް ކުރަމުންދާއިރު އޭގެ ނަތީޖާ ފެންނަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އައްޑޫގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީގައި ފަސް މީހަކު ޒަހަމްވެފައިވާ އިރު، އޭގެ ތެރެއިން އެކަކަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.