17 May 2011, 09:21
އިސްލާމް އާބާދު : ޕައިލެޓަކާނުލާ އުދުހޭ އެމެރިކާގެ ޖާސޫސީ މަތިންދާބޯޓުތަކަކުން ޕާކިސްތާނަށް އއްޔެ ދިން ޙަމަލާތަކެއްގައި ޕާކިސްތާނުގެ ހަތްމީހަކު މަރުވެ އެތަށްބަޔަކު ޒަޚަމްވެއްޖެވެ.
މިޙަމަލާތައް ދިނީ އެމެރިކާގެ ދެބޯޓަކުން ކަމަށާއި ޙަމަލާތައް އަމާޒުކޮށްފައިވަނީ އަފްޣާނިސްތާނުގެ ސަރަޙައްދީ ރޮނގުގެ ކައިރީގައިވާ ވަޒީރުސްތާނުގެ މީރު ޢަލީ އަވަށުގެ ޢިމާރާތަކަށާއި އެޢިމާރާތުގެ ކައިރީގައި ޕާކުކޮށްފައިވާ ކާރަކަށް ކަމަށް ޕާކިސްތާނުގެ އަމްނާބެހޭ ފަރާތްތަކުން ބުނެއެވެ.
އުސާމާ ބިންލާދިން އަވަހާރަކޮށްލެވިއްޖެ ކަމަށްބުނެ އެމެރިކާ ޚަބަރުތަކެއް ފަތުރާފައިވީނަމަވެސް ޕާކިސްތާނުގެ އެކިކަންކޮޅުތަކަށް އެމެރިކާ ދެމުންގެންދާ ވައިގެ ޙަމަލާތަކަކަށް ބަދަލެއްނާދެއެވެ. އިއްޔެގެ ޙަމަލާތައް އަމާޒުކުރީ ތާލިބާން ހަނގުރާމަވެރިންގެ ބަޔަކަށް ކަމަށް އެމެރިކާ ބުނިނަމަވެސް މިޙަލާތަކުގައި މަރުވީ އެމެިރކާބުނާ ހަނގުރާމަވެރިންކަން ޕާކިސްތާނުގެ އަމްނާބެހޭ ފަރާތްތަކުން ހާމައެއް ނުކުރެއެވެ.
އެމެރިކާގެ މިފަދަ ޙަމަލާތަކުގައި ގިނައިން މަރުވެ އަދި ޒަޚަމްވަނީ ޕާކިސްތާނުގެ ކުށެއްނެތް ޢާންމުން ކަމަށްވާތީ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން މިފަދަ ޙަމަލާތައް ސިފަކުރަނީ އެމެރިކާ ހިންގާ ސްޓޭޓް ޓެރަރިޒަމްގެ ޢަމަލުތަކެއްގެ ގޮތުގައެވެ.
އެމެރިކާގެ މިފަދަ ޙަމަލާތަކުގައި މިދިޔަ އަހަރުވެސް ޕާކިސްތާނުގެ އެތަށް ހާސްބަޔަކު މަރުވެ އަދި ޒަޚަމްވެފައިވާއިރު މީގެތެރޭގައި ގިނައީ ކުށެއްނެތް ޢާންމުންކަމަށް ޕާކިސްތާން ސަރުކާރުން ހާމަކޮށްފައިވެއެވެ. ނަމަވެސް ޕާކިސްތާނުގެ އާންމުންނާ ދެކޮޅަށް އެމެރިކާ ހިންގާ މިފަދަ ހަރުކަށި ޢަމަލުތައް ކުށްވެރިކޮށް އެމެރިކާގެ ކިބައިން ޕާކިސްތާނުގެ ޢާންމުން ޙިމާޔަތް ކުރުމުގައި ބައިނަލްއަޤްވާމީ މުޖްތަމަޢަށް ކުރެވިފައިވާ ކަމެއްނެތެވެ. -- ނޫސްއެޖެންސީތައް