ވޮޝިންޓަން (ޖޫން 12) : ސެޕްޓެމްބަރު 11ގެ ޓެރަރިސްޓް ޙަމަލާތަކާ ސައޫދީ ސަރުކާރާ ގުޅުންނެތްކަމަށް އެމެރިކާގެ ކޮންގްރެސް އިން ނިންމައިފި އެވެ.

ސެޕްޓެމްބަރު އެގާރައިގެ ޙަމަލާތަކާ ބެހޭ ގޮތުން ކޮންގްރެސްއިން ކުރި ދިގުލީ ތަހްގީގުތަކަށްފަހު ނެރުނު ސިއްރު ރިޕޯޓްގައި އެޙަމަލާތަކުގައި ސައޫދީ ރައްޔިތުންގެ ތެރޭގައި ހިމެނޭ ބަޔަކު ޝާމިލްވާކަމަށް ބުނެފައިވީނަމަވެސް އެމީހުންނާ ސައޫދީ ސަރުކާރާ ގުޅުންވާކަމުގެ އެއްވެސް ހެއްކެތް ނެތުމުން އެހަމަލާތަކާ ސައޫދީ ސަރުކާރާ ގުޅުންނުވާކަމަށް ވަނީ ނިންމާފައެވެ.

ކޮންގްރެސް އިން މިރިޕޯޓް ނެރެފައިމި ވަނީ ސެޕްޓެމްބަރު 11ގެ ޓެރަރިސްޓް ޙަމަލާތަކުގައި މަރުވި މީހުންނާއި ގެއްލުން ލިބުނު އެމެރިކާ މީހުންގެ އާއިލާތަކަށް އެކަމުގެ މާއްދީ ބަދަލު ސައޫދީ އަރަބިޔާގެ ކިބައިން ހޯދުމަށްޓަކައި ސައޫދީ ސަރުކާރާ ދެކޮޅަށް އެމެރިކާގެ ކޯޓުތަކަށް ދައުވާ އުފުލުމުގެ ގާނޫނީ ފުރުސަތު ލިބޭ ގާނޫނެއް އެމެރިކާގެ ސެނެޓުން ފާސްކޮށްފައި ވަނިކޮށެވެ. ނަމަވެސް އެގާނޫނަށް އަމަލުކުރަން ފެށޭނީ އެމެރިކާގެ ރައީސް ބަރަކް އޮބާމާ، ތަސްދީގު ކުރެއްވުމުންނެވެ.

އެ ގާނޫނު ފާސްކުރުމަށް ސެނެޓަށް ހުށަހެޅުމާއެކު ވެސް އޮބާމާގެ ސަރުކާރުން ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކައި އެ ގާނޫނު ފާސްނުކުރުމަށް ސެނެޓަށް އިލްތިމާސްކޮށްފަ އެވެ. އަދި ފާސްކުރިނަމަވެސް ވީޓޯކުރާނެ ކަމުގެ (ތަސްދިގު ނުކުރާނެކަމުގެ) އިންޒާރު ވައިޓް ހައުސްއިން ދީފައިވެ އެވެ. ނަމަވެސް ވައިޓްހައުސް އިން މިހާތަނަށް އެގާނޫނު ތަސްދީގުނުކޮށް އަނބުރާ ކޮންގްރެސްއަށް ފޮނުވާލާފައެއް ނުވެ އެވެ.

ސެޕްޓެމްބަރު 11ގެ ޓެރަރިސްޓް ހަމަލާތަކުގައި އެމެރިކާގެ 3000 ވުރެ ގިނަ މީހުން އެއްފަހަރާ މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމްވެފައިވެ މާއްދާ ބޮޑެތި ގެއްލުންތަކެއް އެމެރިކާއަށް ލިބިގެންދިޔަ އެވެ. އެ ޙަމަލާތަކަކީ ސައޫދީ ރައްޔިތުންގެ ތެރޭގައި ހިމެނޭ މަދުބަޔަކު ބަޔަކު (އަލްގާއިދާގެ ލީޑަރު އުސާމާ ބިންލާދިން އާއި އޭނާގެ ބައިވެރިން) ރާވައިގެން ދިން ޓެރަރިސްޓް ޙަމަލާތަކެއްކަމަށް އެމެރިކާ ސަރުކާރުން ބުނެފައިވެ އެވެ. އެޙަމަލާތައް ދިން ކަމަށް އަލްގާއިދާއިން ބުނަނީ އެމެރިކާ އިސްލާމީ ދުނިޔޭގައި ހިންގާ ހަރުކަށި އަމަލުތަކަށް ބަދަލުހިފުމުގެ ގޮތުންނެވެ. ނަމަވެސް އެޙަމަލާތަކަށް ފަހު އެމެރިކާގެ ހަރުކަށިކަމާއި އަނިޔާވެރިކަން އިސްލާމީ ދުނިޔެއަށާއި މުސްލިމުންނަށް އިތުރުވުން ނޫންކަމެއް ނުވެ އެވެ.

ސެޕްޓެމްބަރު 11ގެ ޓެރަރިސްޓް ހަމަލާތަކަކީ އެމެރިކާގެ ކޮންމެވެސް ފަރާތްތަކެއް ސިއްރިޔާތުގައި އެކަމުގައި ޝާމިލް ވެގެންނޫނީ ނުދެވޭވަރުގެ ބޮޑު އަދި ވަރުގަދަ ޙަމަލާތަކެއްކަމަށް ދުނިޔޭގެ ގިނަ ބަޔަކު ދެކެއެވެ. އަދި އެމެރިކާގެ އެއްވެސް ފަރާތަކަށް ރޭކައި ނުލާގޮތަށް އެމެރިކާގެ އެތެރޭގައި މިފަދަ ހަމަލާތަކެއް ތަންފީޒު ކުރުމަކީވެސް މުސްތަހީލް ކަމެއްކަމަށް ޣައިރު މުސްލިމުންގެ ގިނަ ބަޔަކުވެސް ދެކެއެވެ. އަދި އަލްގާއިދާއާއި އެމެރިކާއާ ދެމެދު ސިއްރު ގުޅުންތަކެއް އޮތްކަމަށް ޝައްކުކުރާ މީހުންވެސް މަދެއްނޫނެވެ.

ސެޕްޓެމްބަރު 11 ގެ ޓެރަރިސްޓް ޙަމަލާތަކާ ސައޫދީ ސަރުކާރާ ގުޅުންނެތްކަމަށް އެމެރިކާގެ ކޮންގްރެސް އިން ނިންމައި އެކަމާބެހޭ ރިޕޯޓް ނެރެފައިވީނަމަވެސް އެރިޕޯޓް އަދި އާންމުކޮށް ޝާއިޢުކޮށްފައެއް ނުވެއެވެ. (ނޫސްއެޖެންސީތައް)