މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ފަށައިފި އެވެ.

ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ހުކުރު ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބުރިޖުގެ ފައުންޑޭޝަން ޖެހުމަށް ބޭނުންވާ ދަގަނޑު ހޮޅި ޖެހުމުގެ މަސައްކަތް އެދުވަހު ފަށާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހައުސިންގް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުއްޠަލިބު މިއަދު ވިދާޅުވީ، މިއީ ބުރިޖުގެ ފައުންޑޭޝަން މަސައްކަތުގެ ފެށުން ކަމަށެވެ.

އެ މަސައްކަތުގައި ބޭނުންކުރާ ދަގަނޑު ހޮޅިތައް ގުޅީފަޅުގެ ފަރު މަތީގައި ބަހައްޓާފައި ހުރި މައްސަލައެއް ވަނީ މިދިޔަ ހަފްތާގައި ފެންމަތިވެފަ އެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ ޕްލެޓްފޯމްތައް ބަހައްޓައި، ބުރިޖު އެޅުމުގެ މަސައްކަތަށް ބޭނުންވާ ވަގުތީ ބުރިޖު އެޅުމުގެ މަސައްކަތް ވެސް މިހާރު ވަރަށް ބާރަށް ކުރިޔަށް ދެ އެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިިޖްގެ ދިގު މިނަކީ 1.39 ކިލޯ މީޓަރެވެ. ހައުސިން މިނިސްޓްރީން ބުނީ ބުރިޖްގެ ފުޅާ މިނުގައި 20 މީޓަރު ހުންނާނެ ކަަމަށެވެ. ހަތަރު ފުރޮޅުލީ އުޅަނދު ދުއްވާ ދެ ލޭނާއި ސައިކަލު ދުއްވާ ދެ ލޭނާއި ބައިސްކަލު ދުއްވާ ލޭނަކާއި ހިނގާ މީހުންނަށް ވަކި ލޭނެއް ބުރިޖުގައި އޮންނާނެ ކަަމަށް ވެސް ހައުސިން މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފަ އެވެ.

ހުޅުލެއާއި މާލެ އާއި ދެމެދު ބުރިޖްއެޅުމަށް ޖުމްލަ 200 މިލިއަން ޑޮލަރު ޚަރަދުވާއިރު ޗައިނާ ސަރުކާރުން 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދޭން ވަނީ ނިންމާފަ އެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ އިރު، 30 މަސް ދުވަހުގެ ތެރޭގައި ޗައިނާގެ ސީސީސީސީ ކުންފުނިން ބްރިޖުގެ މަސައްކަތް ނިންމަން ޖެހެ އެވެ. އެގޮތުން، 2018 ވަނަ އަހަރަށް ބުރިޖު އެއްކޮށް ނިމޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.