12 Jun 2016, 15:09
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖެ އިން 363 މިލިއަން އެމެރިކާ ޑޮލަރު (5،597.46 މިލިއަން ރުފިޔާ) ބޭރުކޮށްފައިވާ ކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން އާންމުކޮށްފައިވާ މެއި މަހުގެ ސްޓެސްޓިކްސް ރިޕޯޓް ދައްކާގޮތުން މަނީ ޓްރާންސްފާގެ ގޮތުގައި އޮފީސްތަކާއި ބޭންކުތައް މެދުވެރިކޮށް މިދިޔަ އަހަރު ވަނީ 363 މިލިއަން ޑޮލަރު ރާއްޖެ އިން ބޭރުކޮށްފަ އެވެ. އެއީ ދިވެހި ފައިސާ އިން ބަލާ ނަމަ 5.5 ބިލިއަން ރުފިޔާ އެވެ.
ބިދޭސީން އަތުން 363 މިލިއަން ޑޮލަރު ބޭރުކޮށްފައިވާ އިރު، ރާއްޖެއަށް އިމްޕޯޓްކުރި މުދަލަށް ދައްކަންޖެހޭ 1894 މިލިއަން ޑޮލަރު ބޭރުގެ އެކައުންޓްތަކަށް ވަނީ ޖަމާކޮށްފަ އެވެ.
އިމިގްރޭޝަންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ލައްކައަކަށް ވުރެ ގިނަ ބިދޭސީން މިހާރު ވެސް މަސައްކަތް ކުރެ އެވެ.
އޭގެ އިތުރުން ގަވައިދާ ހިލާފަށް ގާތްގަނޑަކަށް 20،000 ބިދޭސީން އުޅޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.