ޗައިނާގެ ކުންމިންގްގައި ފެށި ހަތަރު ވަނަ ޗައިނާ ސައުތު އޭޝިއާ އެކްސްޕޯ 2016ގެ "ކަންޓްރީ އޮފް އޮނާ" ނުވަތަ ޝަރަފުގެ ގައުމުގެ ގޮތުގައި ރާއްޖެއިން އެ ފެއާގައި ބައިވެރިވެއްޖެ އެވެ.

މިއަދުން ފެށިގެން ޖޫން 17 ވަނަ ދުވަހުގެ ނިޔަލަށް ހިނގާ މި މައުރަޒު ކުރިޔަށް ދާނީ ޗައިނާގެ ކުންމިންގްގައި ހުންނަ ޑިއަންޗީ ކުންމިންގް އިންޓަނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގަ އެވެ.

މި ފެއާގައި ރާއްޖެ އަށް 6،000 އަށް ވުރެ ގިނަ އަކަ ފޫޓުގެ ސަރަހައްދެއް ލިބިފައިވެ އެވެ. އަދި އޭގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ވަކިން ސަރަހައްދެއް ލިބިފައިވެ އެވެ. އެ ސަރަހައްދުގައި އެމްއެމްޕީއާރުސީ އިން ވަނީ ޚާއްސަ ޕެވިލިއަންއެއް ގާއިމުކޮށްފައިވެ އެވެ. އެތަނުގައި އެމްއެމްޕީއާރުސީއާއި ފަތުރުވެރިކަމުގެ ދާއިރާގެ ނުވަ ކުންފުންޏަކުން ޖުމްލަ 17 މަންދޫބުން ބައިވެރިވެ އެވެ.

ފަތުރުވެރިކަމުގެ އިތުރުން، ރާއްޖޭގެ ބޮޑު ސްޓޯލުގައި، ދިވެހި ސަގާފަތާއި އާދަކާދައާއި ހުނަރުތައް ދައްކާލުމުގެ ހަރަކާތްތައް ކުރިޔަށް ދާނެ އެވެ.

މިފަހަރު ކުންމިންގް ފެއާގައި ރާއްޖޭގެ ފަރާތުން 100 އަށް ވުރެ ގިނަ މަންދޫބުންގެ ޑެލެގޭޝަނެއް ބައިވެރިވެ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ އޮފިޝަލުންނާއި އިންޑަސްޓްރީ ޕާޓްނަރުންނާއި، ޕަފޯމަރުންނާޢި އަތްތެރި މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން ޝެފުންނާއި ކުރެހުންތެރިން ފަދަ ފަންނާނުން ހިމެނެ އެވެ.

މި އަހަރުގެ ފެއާގައި 8،000 އަށް ވުރެ ގިނަ ފަރާތުން ބައިވެރިވާ އިރު، މައުރަޒު ކުރިޔަށްދާ ހަ ދުވަހުގެ ތެރޭގައި އެތަނަށް މިލިޔަނުން މީހުން ޒިޔާރަތް ކުރާނެ ކަމަށް ބެލެވެ އެވެ. މި މައުރަޒަކީ ވިޔަފާރިވެރިންނާޢި އިންވެސްޓަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް، އެމީހުންގެ ޕްރޮޑަކްޓްތައް ދައްކާލުމަށާއި މާކެޓު ހޯދުމަށް އޮތް ފުރުސަތެކެވެ.

ޗައިނާޢަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އޮތް އެންމެ ބޮޑު މާކެޓެވެ. އެގައުމުން މިއަހަރުގެ އޭޕްރިލް މަހާ ހަމައަށް 104،106 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.