އެންމެ ގިނަ ބަޔަކު އިހުތިރާމް ކުރާ ބޮލީވުޑުގެ ތަރި، އާމީތާބު ބައްޗަންގެ ހުނަރުގެ ސަބަބުން ކޮސްވެފައިވާ ކަމަށް އޭނާގެ ދަރިފުޅު އަދި ކާމިޔާބު އެކްޓަރު އަބީޝެކް ބައްޗަން ބުނެފި އެވެ.

އަބީޝެކް އެހެން ބުނެފައި ވަނީ މިދިޔަ ހުކުރު ދުވަހު ނުކުތް، އަމީތާބުގެ ފިލްމު "ޓީއީ3އެން" ބެލުމަށް ފަހު އެވެ.

އެ ފިލްމު ބެލުމަށް ފަހު އަބީޝެކް ބުނީ މިދިޔަ އަހަރު ނުކުތް ފިލްމު "ޕީކޫ" އަށް ވުރެ މާ ފުރިހަމަ، މޮޅު އެކްޓިންގްއެއް އަމީތާބު ދައްކުވައިދީފައިވާ ކަމަށެވެ. އަދި އެ ފިލްމު ކޮންމެހެންވެސް ބަލަން ޖެހޭ ކަމަށް އަބީޝެކް ވަނީ ބުނެފަ އެވެ.

"ޓީއީ3އެން" ގެ މަންޒަރެއްގައި އަމީތާބް --

"ކުރިން ކުޅުނު ފިލްމަށް ވުރެ މޮޅު އެކްޓިންގް އެއް ބައްޕައަށް ނުދެއްކޭނެ ކަމަށް ހީކުރިޔަސް، އެއަށް ވުރެ މާ މޮޅަށް އެ ރޯލެއް ކުޅެލާ. ސީނިއާ ބައްޗަން އަކީ ޖާދޫގަރެއް. ބުނާނެ އިތުރު އެއްޗެއް ނެތް،" އަބީޝެކް ބުންޏެވެ.

އެ ފިލްމުގައި އަމީތާބުގެ އިތުރުން ދެން ހަރަކާތްތެރި ވަނީ ނަވާޒުއްދީން ސިއްދީގު އެވެ. އަދި ހާއްސަ ފެނިލުމަކުން ވިދްޔާ ބާލަން ވެސް ފެނިގެންދާނެ އެވެ.

އަމީތާބް މިހާރު ބޮލީވުޑުގައި މަސައްކަތް ކުރާތާ 47 އަހަރު ވެފައިވާ އިރު، އޭނާ ވަނީ ކާމިޔާބު ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށް، އެތައް ކާމިޔާބެއް ހޯދައިފަ އެވެ.

އަމީތާބުގެ ކާމިޔާބު ފިލުމުތަކުގެ ތެރޭގައި، "އަމަރު އަކްބަރު އެންތޮނީ"، "އާނަންދު"، "ޕީކޫ"، އަދި "ޕާ" ފަދަ ފިލްމުތައް ހިމެނެ އެވެ.