އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މަސައްކަތް ކުރުމުގެ ފުރުސަތު، އެއްވެސް ތަފާތު ކުރުމެއް ނެތި ދިވެހި ހުރިހާ ޑޮކްޓަރުންނަށް އޮތް ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އައިޖީއެމްއެޗުން އެހެން ބުނެފައި ވަނީ އެ ހޮސްޕިޓަލުގައި ކާޑިއޮލޮޖިސްޓުންނަށް މަސައްކަތް ކުރުމުގެ ފުރުސަތު ނެތްކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައެވެ.

"އެއްވެސް ތަފާތު ކުރުމެއް ނެތި އެ ފުރުޞަތު މިހާރުވެސް ދިވެހި ހުރިހާ ޑޮކްޓަރުންނަށް އޮތް ވާހަކަ ދަންނަވަމެވެ." އައިޖީއެމްއެޗްގެ ބަޔާނުގައިވެ އެވެ.

އައިޖީއެމްއެޗުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ މަގާމުތަކަށް މުވައްޒަފުން ހަމަޖައްސަނީ އެފަދަ މަގާމުތަކަށް މީހުން ހަމަޖެއްސުމަށްޓަކައި ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލާފައިވާ ހާއްސަ އޮނިގަނޑަށް ފެތޭގޮތަށް ކަމަށެވެ.

އަދި އެ އޮނިގަނޑުގައި ހިމެނޭ މަގާމުތަކުގެ ޝަރުތުތައް ކަނޑައެޅިފައިވަނީ މޯލްޑިވްސް މެޑިކަލް ކައުންސިލުން ގަބޫލުކުރާ ސަނަދުތަކާއި އަމަލީ ތަޖުރިބާގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އެ ހޮސްޕިޓަލުން ބުނީ ކޮންމެ ޑޮކްޓަރަކުވެސް ހާސިލް ކޮށްފައިވާ ސަނަދާއި އެބޭފުޅެއްގެ މަސައްކަތުގެ ތަޖުރިބާއަށް ބަލައި، މޯލްޑިވްސް މެޑިކަލް ކައުންސިލުން މިންކުރާ ގޮތެއްގެ މަތިން ސިވިލް ސާވިސް ކޮމިޝަންގެ ޑޮކްޓަރުންގެ އޮނިގަނޑުގެ ތެރެއިން ހަމަޖެހެން އޮންނަ މަގާމު އެ ހޮސްޕިޓަލުން ޑޮކްޓަރުންނަށް ހަމަޖައްސައިދޭނެ ކަމަށެވެ.