12 Jun 2016, 14:15
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް ޝަރީއާއިން ލޯއިން ހިންގަމުންދާ ގާނޫނީ ވަކީލު ކަމުގެ ޑިގްރީ ކޯހުން ސ. ހިތަދޫ ލާމިގެ، މޫސާ އަންވަރު ވަކިކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި އެވެ.
މޫސަ އަންވަރު 2014 ވަނަ އަހަރު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ އެ ކޯހުގައި އޭނާ ކިޔެވި އިސްލާމިކ ލީގަލް ސިސްޓަމް އެމާއްދާއިން ދެފަހަރަށް ރިޕީޓްވުމުގެ ސަބަބުން އޭނާ ކޯހުން ވަކިކުރަން ނިންމި ނިންމުމަކީ ޔުނިވަސިޓީގެ ރިޕީޓް ޕޮލިސީއާ ހިލާފު ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި އެވެ.
އެމައްސަލަ ނިންމައި ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ ގައުމީ ޔުނިވަސިޓީގެ ގަވާއިދުގައިވާ ގޮތުން ކޮންމެ މާއްދާއަކުން ވެސް ދަރިވަރު 80 ޕަސެންޓް ހާޒިރީ ހަމަވާން ޖެހޭނެ ކަމަށާއި އެހެންނޫން ނަމަ ޓެސްޓް ނުލިބޭނެ ކަމަށް ބުނެފައިވާކަން އެނގެން އޮންނަ ކަމަށެވެ. އަދި 2011 ވަނަ އަހަރާއި 2012 ވަނަ އަހަރު މޫސަ އަންވަރަށް ޓެސްޓް ދީފައިނުވަނީ އިސްލާމިކ ލީގަލް ސިސްޓަމް އެމާއްދާއިން ގަވާއިދުގައި ބުނާ ހަޒިރީ 80 ޕަސެންޓް ހަމަ ނުވާތީ ކަމަށް ލިޔުންތަކުން އެނގޭ ކަމަށް ހުކުމުގައިވެ އެވެ.
އޭގެ ފަހުން 2013 ވަނަ އަހަރު އިސްލާމިކ ލީގަލް ސިސްޓަމް އެމާއްދާގެ އިމްތިހާނުގައި މޫސާ އަންވަރު ބައިވެރިވެފައި ނުވަނީ ސިއްހީ ހާލަތު ތަން ނުދިނުމުގެ ސަބަބުން ކަމަށް ބުނި ނަމަވެސް އެކަމާއި ގުޅޭ އެއްވެސް ލިޔެކިޔުމެއް ހުށަހަޅާފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ.
މޫސާ އަންވަރު ޔުނިވަސިޓީގައި ކިޔަވަން ފެށިއިރު އަމަލު ކުރަމުން ދިޔަ ގަވާއިދަށް ކުދި ކުދި ބަދަލުތަކެއް ގެނެސް 2013 ވަނަ އަހަރު އަލުން އެކުލަވާލިނަމަވެސް ގަވާއިދުގައި ބުނާ ހާޒިރީގެ ކަންކަމަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށް ގައުމީ ޔުނިވަސިޓީއިން ވަނީ ކޯޓުގައި ބުނެފަ އެވެ. އެހެން އެކަން އޮތުމުން ފަހުން ހެދި ޕޮލިސީއެއްގެ ދަށުން މޫސާ އަންވަރަށް އަދަބު ދިންކަމަށް ބުނެ އޭނާގެ ފަރާތުން ފާހަގަކުރި ނުކުތާ ބަލައިގަނެވެން ނެތް ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.
އެހުރިހާ ކަމަކަށް ބަލާއިރު މޫސާ އަންވަރު ވަކިކުރީ ޔުނިވަސިޓީގެ ރިޕީޓޫ ޕޮލިސީއާ ހިލާފަށް ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.