ކްރިމިނަލް ކޯޓާއި ފުލުހުންނާ ދެމެދު އޮންނަ ގުޅުން ރަނގަޅު ހެއްޔެވެ؟ ޕްރޮސެކިއުޓާ ޖެނެރަލް ]ޕީޖީ[ އޮފީހާ ކޯޓާ ދެމެދު އޮންނަ ގުޅުން ރަނގަޅު ހެއްޔެވެ؟ އެ ތިން މުއައްސަސާ ގުޅިގެން މީގެ ކުރިން ހަރުދަނާ ކަމެއް ކޮށްފައިވޭ ހެއްޔެވެ؟ ވޭތުވެދިޔަ މާޒީއަށް ބަލާއިރު އެ ހުރިހާ ސުވާލެއްގެ ޖަވާބު ވެސް ދޭންޖެހޭނީ ނުކިއްސަރުކޮށެވެ. އެކަމަކު ހާލަތު މިހާރު ބަދަލުވެއްޖެ އެވެ. ކުށްކުރުން ހުއްޓުވުމުގައި އެންމެ ބޮޑު ރޯލެއް އަދާ ކުރެވޭނެ ހެކިން ހިމާޔަތް ކުރުމަށްޓަކައި އެ ތިން މުއައްސަސާ ވެސް މިހާރު ތިބީ އަތުގުޅާލައިގެނެވެ.

މިފަހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ނުރައްކާތެރި މާރާމާރީތަކުގެ މައްސަލައިގައި ހިމެނޭ އެއްވެސް ހެއްކެއްގެ ނަން ޝަރީއަތުގައި ހާމަކޮށްފައެއް ނުވެ. ޕީޖީ އޮފީހުގެ އެދުމާ ވެސް އެކުގަ އެވެ. މިހާރު އެ މައްސަލަތަކުގައި ދައުވާ ރައްދުވާ ފަރާތަށް ހެކިބަސް ދެނީ ކޮން ބައެއް ކަމެއް ނޭންގޭނެ އެވެ. ހެކިންގެ ހެކިބަސް ނެގުމަށް ހަމަޖެހިފައި ވަނީ އޯޑިއޯ ލިންކެއް މެދުވެރިކޮށެވެ. މާނައަކީ ހެކިވެރިން ތިބޭނީ ދައުވާ ލިބޭ ފަރާތާ އެއް ހާޒިރެއްގައެއް ނޫނެވެ. އަދި ހެކިބަސް ނަގާނީ އަޑު ބަދަލުކޮށްގެން ކަމަށް ވެސް ކޯޓުން ބުނެފައިވެ އެވެ. އޭރުން އަޑު އަހައިގެން ވިޔަސް ހެކިންނަކީ ކޮބައިކަމެއް ނޭންގޭނެ އެވެ.

"ހެކިވެރިންނަކީ ވަރަށް މުހިންމު ބައެއް. ކޯޓަށް ހުށަހެޅޭ ގިނަ މައްސަލަތައް މިހާރު ވެސް ސާބިތު ނުވެ މި ދަނީ ހެކިބަސް ނުލިބިގެން. ހަގީގަތުގައި ހެކިވެރިން ހެކިބަސް ދިނުމަކީ އެމީހުން މުޖްތަމައަށް ކޮށްދޭ ވަރަށް ބޮޑު ކަމެއް. އޭގެ ބަދަލުގައި މުޖްތަމައު އެބަ ޖެހޭ ހެކިވެރިން ހިމާޔަތްކޮށްދޭން. އެކަމަކު މުޖްތަމައަކަށް މިހާރު އެކަން ކޮށެއް ނުދެވޭ،" ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވި އެވެ. "އެހެންވެ އަޅުގަނޑުމެން ވެސް ހެކިންނަށް ހިމާޔަތް ކުރުމަށް ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން. މިއީ ކުރަންޖެހޭ ވެސް ކަމެއް."

ހެކިބަސް ދިނުމަށް ހެކިން ބިރުގަތުމުގެ ބައެއް ހާދިސާތައް ވެސް އިސް ގާޒީ ކިޔައިދެއްވި އެވެ. އޭނާ ވިދާޅުވީ ކޯޓަށް ހުށަހެޅުނު މަރުގެ މައްސަލައެއްގައި، މަރުވި މީހާގެ ގަޔަށް ވަޅި ހެރުމުން އޭނާގެ ގައިން ބުރައިގެން ދިޔަ ލޭ ތިކިތައް ހޭކުނު މީހަކު ހެއްކެއްގެ ގޮތުގައި ކޯޓަށް ހުށަހެޅުނު ކަމަށެވެ. އެކަމަކު އެވަރުން ވެސް އޭނާ އެ މައްސަލައިގައި ދައުވާ ލިބޭ ފަރާތާ ދެކޮޅަށް ހެކިބަސް ދީފައިނުވާ ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.

ހެކިން ހިމާޔަތް ކުރުމާއި ހެކިބަހުގެ މުހިންމު ކަމުގެ ވާހަކަ އިސް ގާޒީ ވަރަށް ރަނގަޅަށް ކިޔައިދެއްވައިފި އެވެ. ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވެސް އެކަމާ އެއްބަސްވެވަޑައިގަންނަވަ އެވެ. ޕީޖީ ދެކިވަޑައިގަންނަވާ ގޮތުގައި މުޖްތަމައުގެ ހާލަތު މިހާރު ހުރި ގޮތުން ހެކިން ޝަރީއަތުގައި ހާމަ ނުކުރުމަކީ ކުރުން ލާޒިމު ކަމެކެވެ.

"ހަމަ ހަގީގަތުގައި ވެސް އަޅުގަނޑު ވެސް ގަބޫލު ކުރަން ހެކިންނަށް ބިރު ދައްކައި ނުފޫޒު ފޯރުވާކަން. އެއީ ހިނގާ ކަމެއް. އަޅުގަނޑުމެން އެބަ ޖެހޭ ހެކިބަސް އަދާ ކުރާ މީހުންނަށް ހިމާޔަތާއި ރައްކާތެރިކަން ދޭން،" މުއިއްޒު ވިދާޅުވި އެވެ.
ހެކިވެރިންގެ މުހިންމުކަން ފުލުހުންނަށް ވެސް ވަނީ ވަޒަން ކުރެވިފަ އެވެ. އަދި ހެކިބަސް ދޭ މީހުން ހިމާޔަތް ކުރުމަށް ފުލުހުން ވެސް ދަނީ ކޯޓަށް އެއްބާރުލުން ދެމުންނެވެ. ފުލުހުން ދެކޭ ގޮތުގައި އެ މުއައްސަސާއިން ތަހުގީގު ކުރާ ބޮޑެތި މައްސަލަތައް ކާމިޔާބު ކުރެވޭނީ ހެކިބަސް ލިބިގެންނެވެ. ހެކިބަސް ލިބޭނީ ހެކިންނަށް ހިމާޔަތް ވެސް ދީގެން ކަމަށް ފުލުހުން ގަބޫލު ކުރެ އެވެ.

"ފުލުހުން ތަހުގީގު ކުރާ ބޮޑެތި މައްސަލަތައް ކާމިޔާބު ކުރުމުގައި ވަރަށް މުހިންމު ބައެއް އަދާ ކުރޭ ހެކިބަސް ދޭ މީހުން. މިހާރު ކުރިމަތިވާ އެންމެ ބޮޑު މައްސަލައަކީ ވެސް ހެކިބަސް ނުލިބުން. ބައެއް މައްސަލަތަކުގައި ވާ ގޮތަކީ ފުލުހުންގެ ތަހުގީގަށް ހެކިވެރިން ކިޔައިދޭ ތަފްސީލުތައް ހެކިބަސް ދޭ މީހާ ކިޔައިދިނީމަ އޭގެ ތަފްސީލުތައް އެބަ ލިބޭ ދައުވާ ކުރާ ފަރާތައް ނޫނީ އޭނާގެ ވަކީލަށް،" ސަބް-އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް ވިދާޅުވި އެވެ. "ދެން މި ހެކިންނާ ބައްދަލުކުރާ ހިސާބުން އެކި ކަހަލަ ނުފޫޒުތައް ފޯރުވައި އިންޒާރު ދޭ މައްސަލަތައް ކުރިމަތިވަނީ."

ކޯޓުންނާއި ފުލުހުންނާއި ޕީޖީ ވެސް ވިދާޅުވެފައިވާ ފަދައިން ހެކިންނަކީ މުހިންމު ބަޔެކެވެ. އެކަމަކު މުޖްތަމައުގެ ހާލަތު މިހާރު ހުރި ގޮތުން ހެކިބަސް ދިނުންވެފައި މި ވަނީ ބޮޑު ބިރަކަށެވެ. އެކަން ނައްތާލެވޭނީ ކޯޓާއި ޕީޖީ އާއި ފުލުހުން އެކުގައި މަސައްކަތްކޮށްގެނެވެ. މިހާރު މިސްރާބު ޖަހާފައިވާ ދިމާ ރަނގަޅެވެ. ދެން ކުރަންވީ ކަމަކީ އެ ގޮތުގައި ހިފަހައްޓާލުމެވެ.