އުމުރުން 25 ސްޓޭން ލާކިންގެ ހިތުގައި މައްސަލައެއް އުޅޭކަން އެނގިގެން ދިޔައީ އޭނާގެ އުމުރުން ނުވަ އަހަރުގައި އޭނާ ބާސްކެޓު ކުޅެނިކޮށް ހޭނެތިގެން ވެއްޓުމުގެ ސަބަބުން ހޮސްޕިޓަލަށް ގެންދިއުމުންނެވެ. ކާޑިއޯމިޔޯޕެތީ ނަމަކަށް ކިޔާ ހާލަތް އޭނާގެ ހިތަށް ޖެހިފައިވާކަން ހާމަވި އިރު، އެކަމުގެ ސަބަބުން ހިތުގެ ދެ ފަޅީގެ މަސައްކަތް ހުއްޓެނީ އެވެ.

ނުރައްކާތެރި ހާލަތެކެވެ. ސްޓޭންގެ ކޮއްކޮ ޑޮމިނީކްއަށް ވެސް މި ހާލަތް ދިމާވެފައިވެ އެވެ. ދެ ބެއިންނަށް ވެސް ހިތް ހުއްޓި، އެނދުމަތި ކުރުމުގެ ހާދިސާތައް ކުރިމަތިވެ އެވެ.

އެހެންކަމުން، 2014 ވަނަ އަހަރު ދެ ބެއިން އޮޕަރޭޝަންކޮށް، ދެކުދިންގެ އަސްލު ހިތް ހަށިގަނޑުން ނެގި އެވެ. އަދި އާޓިފިޝަލް ހިތެއް ދެކުދިންގެ ހަށިގަނޑަށް ގުޅި އެވެ. އޭގެ ހަ މަސް ފަހުން، ހަށިގަނޑަށް ލައްވާނެ ހިތެއް ޑޮމިނީކްއަށް ލިބުނެވެ.

ނަމަވެސް ޑޮމިނިކްގެ ބޭބެ ސްޓޭން ލާކިންއަށް ހިތެއް ނުލިބުނެ އެވެ. ފަސް ސަތޭކަ އަށް ވުރެ ގިނަ ދުވަސް ވީ އިރު ވެސް ހިތެއް ނުލިބެ އެވެ. އެހެންކަމުން، ސްޓޭންއަށް ޖެހުނު ހާލަކީ މެޝިނުގެ ޒަރިއްޔާއިން ހިތުގެ މަސްއޫލިއްޔަތު އަދާ ކުރުވުމެވެ.

އެމެރިކާގެ މިޗިގަންއަށް ނިސްބަތްވާ ސްޓޭން އަބަދު ފެންނަނީ ދަބަހެއް ކޮނޑުގައި އަޅުވައިގެން އުޅޭ ތަނެވެ. އެ ދަބަހުގައި ވަނީ، މިވަގުތު އޭނާއަށް އޮތް ހިތެވެ. އޭނާ ދިރިހުރުމުގެ މައިގަނޑު ސަބަބެވެ. އެ ދަބަހުގައި އޮތީ އޭނާގެ ހަށިގަނޑުގައި ލޭ ދައުރުކުރަން އެހީތެރިވެދޭ ޕަމްޕެވެ.

އޭނާއަށް އިންސާނެއްގެ ހިތެއް ލިބުނީ މި އަހަރުގެ މެއި މަހުގަ އެވެ. އިންސާނާގެ ހިތް ސްޓޭންގެ ހަށިގަނޑަށް ލެއްވުމުގެ އޮޕަރޭޝަން ނުވަތަ ހިތުގެ ޓްރާންސްޕްލާންޓް މިހާރު ހަދައި ނިމިފައިވާ އިރު، ސްޓޭން އަންނަނީ އެ ޓްރާންސްޕްލާންޓުން ރިކަވާ ވަމުންނެވެ.

"ގިނަ މީހުން ވަަރަށް ބިރު ގަންނާނެ އާޓިފިޝަލް ހިތަކާ އެކު އެހާ ގިނަ ދުވަސް ވަންދެން އުޅެން. އެކަމަކު އަހަރެން ބުނަން ބޭނުންވަނީ ބިރުވެރިކަމާ އެކު ވެސް އުޅޭން ޖެހޭނެ އޭ. އެއީ ހަމަ ލިބޭ ބޮޑު އެހީތެރިކަމެއް. އަހަރެންނަށް ޓްރާންސްޕްލާންޓަށް ފަހު އަވަހަށް ގެޔަށް ދެވޭނެ. ސަބަބަކީ، އާޓިފިޝަލް ހިތުގެ މަސައްކަތުގެ ސަބަބުން އަހަރެންގެ ވަރު އެހާ ދެރަ ނުވާތީ،" ސްޓޭން ލާކިން ބުންޏެވެ.