12 Jun 2016, 13:02
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމަށް ތާއީދުކޮށް ހައިކޯޓު ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
ނާޒިމްގެ ފަރާތުން އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ މަހު 19 ވަނަ ދުވަހު އެވެ. މައްސަލަ އިސްތިއުނާފު ކުރެއްވުމަށް ފަހު ވާހަކަފުޅުދައްކަވަމުން ނާޒިމްގެ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ އެމްއެންޑީއެފްގެ ރިޕޯޓުން އެނގޭ ގޮތުން ހިނބަޅިދޫ އިން ފެނުނު ހަތިޔާރާއި ކާނަލް ނާޒިމްގެ ގެއިން ފެނުނު ހަތިޔާރަކީ ވެސް އެއްބަޔަކު އެމްއެންޑީއެފުން ނަގާފައިވާ ހަތިޔާރުކަން އެމްއެންޑީއެފުން ނާޒިމްގެ މައްސަލާގައި ހައިކޯޓަށް ހުށަހެޅި ރިޕޯޓުން އެނގޭ ކަމަށެވެ.
ނާޒިމްގެ މައްސަލަ އިސްތިއުނާފުކޮށްފައި ވަނީ ބުދަ ދުވަހުގެ 11 ޖަހާއިރަށެވެ. އެ މައްސަލަ ބައްލަވާ ބެންޗުގައި ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނިވަޑައިގަންނަވަ އެވެ. އެއީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި ފަނޑިޔާރު އަބްދުﷲ އަރީފު އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ އިތުރުން ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އެވެ.
އިސްތިއުނާފު ކުރި ނުކުތާތައް
- ފިސްތޯލައަކީ އަމިއްލަ ފަރާތަކުން ގެންގުޅުނު އެއްޗެއްނޫން ކަމާއި އެމްއެންޑީއެފްގެ ހަތިޔާރެއްކަން
- ބޭރުގެ ނަމްބަރަކުން ނާޒިމްއަށް ގުޅާ ހޭއަރުވާލާނެ ކަމަށް ބުނެ އިންޒާރުދިން މައްސަލަ
- ކާނަލް ނާޒިމް ނިދާ ކޮޓަރިއަށް ހަތިޔާރު ވެއްދި މީހާގެ މައުލޫމާތު ހެއްކެއްގެ ގޮތުގައި
- ކޯޓު އަމުރު ހޯދުމުގެ އިޖުރާއަތުތައް އުސޫލުން ބޭރުން ގޮސްފައިވާކަން
ނާޒިމްގެ ކޮޓަރިއަށް ހަތިޔާރުވެއްދި މީހާގެ މައުލޫމާތު ނާޒިމްއަށް މިހާރު އެނގިފައިވާ ކަމަށާއި އެހެންކަމުން އޭނާގެ މައުލޫމާތު ހެއްކެއްގެ ގޮތުގައި ސުޕްރީމް ކޯޓުން ހާޒިރުކޮށްދޭނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ސުއޫދި ވިދާޅުވި އެވެ. މީގެ ކުރިން ސުޕްރީމް ކޯޓަށް ހެކި ހާޒިރު ނުކުރުމުގެ އުސޫލެއް ގެންގުޅުނު ނަމަވެސް ބައެއް މައްސަލަތަކުގައި ހެކިން ހާޒިރު ކޮށްފައި ހުރުމުން ކާނަލް ނާޒިމްގެ މައްސަލާގައި ވެސް ހެކިން ހާޒިރު ކުރާނެ ކަމަށް ގަބޫލުފުޅު ކުރެވޭ ކަމަށް ސުއޫދު ވިދާޅުވި އެވެ.
ނާޒިމްގެ މައްސަލަ ހިނގާދިޔަގޮތް
- ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާތާ 11 މަހާއި 18 ދުވަސްވެއްޖެ
- 18 ޖެނުއަރީ 2015: ވަޒީރުކަމުގައި ހުންނަވަނިކޮށް ނާޒިމް ގެއިން ހަތިޔާރު ފެނުނު. އޭގެ ދެ ދުވަސް ފަހުން ވަޒީރުކަމުން ވަކިކުރި
- ނާޒިމް ހައްޔަރު ކުރީ 10 ފެބުރުއަރީ 2015 ވަނަ ދުވަހު
- 23 ފެބުރުއަރީ 2015: ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ދައުވާ އުފުލި
- ނާޒިމްގެ މައްޗަށް ކުރި ދައުވާ ބަދަލުކޮށް 2 މާޗު 2015 ވަނަ ދުވަހު ނާޒިމްގެ މައްޗަށް އަލުން ދައުވާ އުފުލާފައި ވަނީ ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށުގައި
- 26 މާޗު 2015: ނާޒިމް 11 އަހަރަށް ޖަލަށް ލާން ހުކުމް ކުރި
- ހައިކޯޓުގައި ހުކުމް އިސްތިއުނާފު ކުރީ 12 އޭޕްރީލް 2015 ގައި
- ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި 11 އަހަރުގެ ޖަލުހުކުމަށް ތާއީދުކޮށް އިސްތިއުނާފު މައްސަލަ ހައިކޯޓުން ނިންމާފައި ވަނީ 15 މާޗު 2016 ވަނަ ދުވަހު، ނާޒިމް ޖަލަށް ލާން ހުކުމް ކުރިތާ އެއްއަހަރު ފަހުން