12 Jun 2016, 13:07
ނުރައްކާތެރި ކެމިކަލާއި އެތަކެތިން އުފައްދާ އެސިޑާއި ވިހަ، ޑިފެންސް މިނިސްޓްރީގެ ހުއްދަ ނެތި ރާއްޖެ އެތެރެކުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިއަދު ކުރިއިއުލާނެއްގައިބުނެފައި ވަނީ ނުރައްކާތެރި ކެމިކަލާއި އެފަދަ ކެމިކަލްތަކުން އުފައްދާ އެސިޑާއި، ބާވަތްބާވަތުގެ ވިހައިގެ ތެރޭގައި ހިމެނޭ ބައެއް ތަކެއްޗަކީ ޑިފެންސް މިނިސްޓްރީގެ ޚާއްސަ ހުއްދައެއް ލިޔުމުން ލިބިގެން ނޫނީ ރާއްޖެ އަށް އެތެރެ ނުކުރެވޭނެ ތަކެތި ކަމަށެވެ.
ނަމަވެސް މިނިސްޓްރީގެ ހުއްދަ ނުލިބެނީސް ނުރައްކާތެރި ކެމިކަލާއި އެފަދަ ކެމިކަލްތަކުން އުފައްދާ އެސިޑާއި ބާވަތްބާވަތުގެ ވިހަ، ބައެއް ފަރާތްތަކުން ރާއްޖެ ގެންނަމުންދާކަން ފާހަގަ ކުރެވޭ ކަމަށް މިނިސްޓްރީން ބުނެ އެވެ.
އެފަދަ ތަކެތި ރާއްޖެ އެތެރެ ކުރުމުގެ ހުއްދަ މިނިސްޓްރީން ދޭން ހަމަޖެހިފައި އޮންނަނީ، އެތަކެތި ގުދަން ކުރާނެ ތަނެއް ނުވަތަ ގުދަނެއް، މިނިސްޓްރީ އިން ކަނޑައަޅާފައި އޮންނަ މިންގަނޑަކާ އެއްގޮތަށް ހެދުމުންނެވެ.
ޑިފެންސް މިނިސްޓްރީން ބުނީ ރާއްޖެއަށް ނުރައްކާތެރި ކެމިކަލް އެތެރެކުރަން އެދޭ ނަމަ އެކަމެއް ކުރަން ޖެހޭނީ އެކަމުގެ ހުއްދައަށް އެދޭ ފޯމު ފުރިހަމަކޮށް، އެ ހުށަހަޅައިގެން ކަމަށެވެ. އަދި އެތަކެތި ރާއްޖެ އެތެރެ ކުރެވޭނީ އެތަކެތި ގުދަން ކުރާނެ ގުދަނެއް ވެސް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.