12 Jun 2016, 12:10
އައްޑޫ ސިޓީ ހިތަދޫގައި ރޭ ހިނގި މާރާމާރީގައި ޒަހަމްވި މީހުންގެ ތެރެއިން އެކަކު އިތުރު ފަރުވާއަށް މާލެ ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.
އެ ހޮސްޕިޓަލު ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުﷲ ޖަމީލް މިއަދު 'ސަން' އަށް ވިދާޅުވީ މާރާމާރީ އާ ގުޅިގެން ޒަހަމްވި ފަސް މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށާއި އޭގެ ތެރެއިން ދެ މީހަކު ފިޔަވައި ދެންތިބި މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
ނަމަވެސް އަނެއް ދެ މީހުންނަށް އަދިވެސް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށާއި ދެ މީހުންގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށެވެ.
"އައިސީޔޫގައި އޮތް އެއް ކުއްޖަކީ ބުރަކަށްޓަށް ކަޓަރަކުން ހަމަލާ ދީފައިވާ ކުއްޖެއް. އެހާ ފުނަކަށް ނޫން. ކުޑަކުޑަކޮށް ހުރީ. އޭނަ މިހާރު ރަނގަޅު ވަމުން އަންނަނީ. އެކުއްޖާ މާލެ ފޮނުވާ ގޮތަކަށް ނޫން އޮތީ. ވާހަކަ ވެސް ދައްކާ މިހާރު،" ޖަމީލު ވިދާޅުވި އެވެ.
އޭގެ ތެރެއިން ބޮލަށް ގެއްލުންތަކެއް ލިބުނު މީހާގެ ސީޓީ ސްކޭން ހަދަން ޖެހޭތީ އޭނާ މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. މިއަދު މެންދުރު ފަހުގެ ވަގުތެއްގައި އޭނާ ފުރުވާލާނެ އެވެ.
"އޭނަ ވެސް ރަނގަޅު ކޮންޑިޝަންގައި އޮތީ. ނަމަވެސް ބޮލަށް ލިބުނު ގެއްލުމެއް ވީމާ އިތުރު ފަރުވާ އަށް މާލެ މި ފޮނުވާލަނީ،" އޭނާ ވިދާޅުވި އެވެ.
އައްޑޫގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީގައި ފަސް މީހަކު ޒަހަމްވެފައިވާ އިރު، އެ މައްސަލާގައި މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.