16 May 2011, 21:27
ޑޮލަރުގެ ވިއްކާ ރަސްމީ ރޭޓަށް ބަދަލު ގެނައުމާ ގުޅިގެން ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދާތީވެ، އެ މައްސަލަ އަށް ހައްލެއް ހޯދުމަށްޓަކައި ފިޔަވަޅުތަކެއް އަޅައިދިނުމަށް އެދި ސަރުކާރާ އެކު ޒުވާނުން ބޭއްވި މަޝްވަރާތަކުން ކާމިޔާބީއެއް ނުލިބުމުން ސިލްސިލާ މުޒާހަރާތަކަށް ނުކުންނަން ނިންމައިފި އެވެ.
ސިލްސިލާ މުޒާހަރާތައް މަޝްވަރާތައް މެދުކަނޑާލި ނަމަވެސް ސަރުކާރާ އެކު ކުރި މަޝްވަރާތަކުން ކާމިޔާބީއެއް ލިބިފައި ނުވާ ކަމަށް ބުނެ، ދި ޓީވީގައި ނޫސްވެރިންނަށް މައުލޫމާތު ދެމުން މުޒާހަރާ އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އަބްދުﷲ ރިފާއު ]ބޮޗޭ[ މިއަދު ބުނީ، ސަރުކާރާ އެކު ބޭއްވި މަޝްވަރާތަކުގައި ޒުވާނުންގެ ވާހަކަތަކަށް ސަރުކާރުން އިޖާބަދީފައި ނުވާ ކަމަށެވެ. ދެން ސަރުކާރާ އެކު އިތުރަށް މަޝްވަރާ އެއް ކުރަން ބޭނުން ނުވާ ކަމަށާއި ދެން އަނެއްކާ ވެސް ނުކުންނާނީ ސިލްސިލާ މުޒާހަރާތަކަށް ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑުމެންގެ ދޮރުވެސް ބަންދުކޮށްފީމޭ ސަރުކާރާ އެކު މަޝްވަރާ ކުރަން. އަޅުގަނޑުމެން ދައްކަން ބޭނުންވާ ވާހަކައެއް ސަރުކާރާ އަދި ގުޅުން ހުރި ހުރިހާ ފަރާތަކާ ދައްކައި ނިމިއްޖެ. އަޅުގަނޑުމެން ބޭނުންވަނީ ތަކެތީގެ އަގު ތިރިވާން. ޑޮލަރުގެ އަގު ތިރިވާން. އެކަން ނުވާހާ ހިނދަކު އަޅުގަނޑުމެންގެ މުޒާހަރާތައް ކުރިއަށްދާނެ. އަޅުގަނޑުމެންގެ ފަހުމީހާއާ ޖެހެންދެން މުޒާހަރާތައް ކުރިއަށް ގެންދާނަން،" ސިލްސިލާ މުޒާހަރާތަކާއި ސަރުކާރާ އެކު ބޭއްވި މަޝްވަރާތަކުގައި އިސްކޮށް ހަރަކާތްތެރިވި އަދި ޕީއޭގެ ޒުވާނުން ގޮފީގެ ރައީސްގެ މަގާމް ފުރަމުންދާ ބޮޗޭ މިއަދު ބުންޏެވެ.
އޭނާ ބުނީ، ސްކޫލްތަކުގެ އިމްތިހާނުތައް ނިމުނުހާ އަވަހަކަށް ސިލްސިލާ މުޒާހަރާތަކަށް އަލުން ނުކުންނާނެ ކަމަށެވެ. ނަމަވެސް މުޒާހަރާތައް ފަށާނެ ވަކި ތާރީހެއް ނުބުނެ އެވެ.
މިދިޔަ އެޕްރީލް 30 ވަނަ ދުވަހުގެ ރެއިން ފެށިގެން މާލޭގައި ބޭއްވި ސިލްސިލާ މުޒާހަރާތައް މަޝްވަރާތަކަށް މެދު ކަނޑާލައި މުޒާހަރާ ކުރާ ޒުވާނުން ހަތަރު ފަހަރެއްގެ މަތިން އެކި ވުޒާހާތަކާ އެކު ހަތަރު މަޝްވަރާ ބައްދަލުވުން ބާއްވާފައިވެ އެވެ. އެގޮތުން ރައީސް އޮފީހުގެ އޮފިޝަލުންނާއި ފިނޭންސް މިނިސްޓާ އަހުމަދު އިނާޒުގެ އިތުރުން އެމްއެމްއޭގެ ގަވަރުނަރު ފަޒީލް ނަޖީބާ އެކު ޒުވާނުން މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައިވެ އެވެ. އަދި ވިޔަފާރިވެރިންގެ ޖަމިއްޔާއާ އެކު މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވެ އެވެ.
ވިޔަފާރިވެރިންގެ ޖަމިއްޔާއާ އެކު ބޭއްވި ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކާ ގުޅިގެން ރިފާއު ބުނީ، ޑޮލަރުގެ އަގު ބޮޑުކޮށްފައި ވަނީ ފިޔަފާރިވެރިންނާ މަޝްވަރާ ކުރުމަކާ ނުލައި ކަމަށް އެ ބޭފުޅުން ވިދާޅުވެފައިވާ ކަމަށެވެ. އަދި ތަކެތީގެ އަގު އުފުލި ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާތީވެ، ވިޔަފާރިވެރިން ވެސް ތިބީ ސަރުކާރާ އެކު މަޝްވަރާ ކުރުމަށް ބޭއްނުންވެފައި ކަމަށް ވެސް އޭނާ ބުންޏެވެ.
"ތަކެތީގެ އަގު އުފުލެނީ - ރައްޔިތުން ހަނާވަނީ" މި ޝިޔާރުގެ ދަށުން އަނެއްކާ ވެސް ސިލްސިލާ މުޒާހަރާތަކަށް ނުކުންނަށް ނިންމާފައިވާއިރު، މާލޭގައި މިދިޔަ އެޕްރީލް 30 ވަނަ ދުވަހުގެ ރެއިން ފެށިގެން، މެއި މަހުގެ އަށް ވަނަ ދުވަހުގެ ރެއާ ހަމައަށް ބޭއްވި މުޒާހަރާތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި ފުލުހުންނަށާއި އާންމުންނަށް އެކިވަރުގެ އަނިޔާތަކެއް ލިބިފައިވެ އެވެ.
ު