12 Jun 2016, 11:28
ކަރާކަސް(ޖޫން 12): އިދިކޮޅު ފަރާތްތަކުން ބޭނުންވާ ގޮތަށް މިއަހަރު ތެރޭގައި ވެނެޒުއޭލާގެ ރައީސް، ނިކޮލަސް މަޑޫރޯގެ އިތުބާރު ނެތް ކަމުގެ ވޯޓު ނުބޭއްވޭނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ރައީސް މަޑުރޯގެ އިތުބާރު ނެތް ކަމުގެ ވޯޓަކަށް އެދި އިދިކޮޅު ފަރާތްތަކުން އެގައުމުގެ ނެޝަނަލް އިލެކްޓޯރަލް ބޯޑު (ސީއެންއީ)ށް 1.8 މިލިއަން މީހުން ސޮއިކޮށްފައިވާ ޕެޓިޝަނެއް ހުށަހަޅާފައި ވަނީ މިދިޔަ މޭމަހު އެވެ.
މަޑޫރޯ ވިދާޅުވި ގޮތުގައި އޭގެ ތެރެއިން ގިނަ ނަންތަކަކީ މަރުވެފައިވާ މީހުންނާއި ގައިދީންގެ ނަންތަކެވެ. އަދި އެއީ މަކަރު ހެދުމާއި އޮޅުވާލުން ކަމުން އެ ޕެޓިޝަން އުވާލުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިދިކޮޅު ފަރާތްތަކުން އިތުބާރު ނެތް ކަމުގެ އިންތިހާބެއް ބޭއްވުމަށް އެދި ހުށަހަޅާފައިވާ ޕެޓިޝަނުގެ ހުރިހާ ޝަރުތެއް ހަމަވާ ނަމަ އިތުބާރު ނެތް ކަމުގެ ވޯޓު ބާއްވާނީ އަންނަ އަހަރު،" މަޑޫރޯ ވިދާޅުވި އެވެ.
ވެނެޒުއޭލާގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ދަނީ މިއަންނަ އަހަރުގެ ޖެނުއަރީ 10ގެ ކުރިން ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ. ސަބަބަކީ އޭގެ ކުރިން އެފަދަ ވޯޓެއް ނަގައި، ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްވެއްޖެ ނަމަ ވެރިކަން ނައިބު ރައީސަށް ލިބުމުގެ ބަދަލުގައި އާ ރައީސަކު ހޮވަން އިންތިހާބެއް ބާއްވަން ޖެހޭނެ އެވެ.
ވެނެޒުއޭލާއަށް ދިމާވެފައިވާ އިގުތިސާދީ ހީނަރު ކަމުގެ ސަބަބުން އެގައުމުން ކާނާ އާއި ބޭހާއި އާދާއިގެ ދިރިއުޅުމުގައި ބޭނުންވާ ތަކެތި ހޯދަން ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. މަޑޫރޯ ވިދާޅުވާ ގޮތުގައި އޭގެ ފަހަތުގައި ވަނީ އޭނާގެ ސަރުކާރާ ދެކޮޅަށް އިގުތިސާދީ ހަނގުރާމައެއް ކުރަމުންދާ ގައުމުގެ މުއްސަނދިންނެވެ. (ޕީޓީއައި)