އިނގިރޭސި ވިލާތުގެ ޚާއްސަ މުނާސަބަތުތަކާ ގުޅިގެން ފެންނާނެ އެންމެ މުހިންމު މަންޒަރަކީ، ބަކިންހަމް ޕެލެސްގެ ބެލްކަނީއަށް، ރާނީ އެލިޒަބަތުގެ ދެކަނބަލުންނާއި އެބޭފުޅުންގެ މުޅި އާއިލާ ނުކުންނަވައި، އާންމުންނަށް ފެނިލައްވާ މަންޒަރެވެ.

ރާނީ އެލިޒަބަތުގެ 90 ވަނަ އުފަންދުވަހާ ގުޅިގެން އިއްޔެ ލަންޑަނުގައި އުފާފާޅުކުރުމާއި އަސްކަރީ ޝަރަފުގެ ހިނގާލުންތަކެއް ބާއްވާފައިވާ އިރު، މި ހަރަކާތްތައް ބައްލަވައިލެއްވުމަށް ޝާހީ އާއިލާގެ ބޭފުޅުން އެއްކަލަ ބެލްކަނީއަށް ނުކުމެވަޑައިގަތެވެ.

ނަމަވެސް މިފަހަރު ލޯތައް ދަމައިގަތީ 90 އަހަރުފުޅު ވެފައިވާ ރާނީއެއް ނޫނެވެ. ރާނީގެ މާމަ ދަރިކަލުން ޕްރިންސް ވިލިއަމްގެ ހަގު ދަރިކަނބަލުން ޕްރިންސެސް ޝާލޮޓް އެވެ. ޕްރިންސެސް ޝާލޮޓްއަށް މިހާރު އެއް އަހަރު ފުރިފައިވާ އިރު، އިއްޔެއަކީ މުޅި ޝާހީ އާއިލާއާ އެކު ޕްރިންސެސް ޝާލޮޓް ވެސް ބަކިންހަމް ޕެލެސްގެ ބެލްކަނީއަށް ނުކުމެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

އެންމެންގެ ނަޒަރު ހުއްޓިފައި އޮތީ އެ ކުޑަކުޑަ އަމީރާއަށެވެ.

ފޮޓޯ/ އީޓީ އޮންލައިން

މައިންބަފައިން ޕްރިންސް ވިލިއަމް އަދި ޑަޗެސް ކޭޓް މިޑްލްޓަންއާ އެކު، ޕްރިންސެސް ޝާލޮޓް މީގެ ކުރިންވެސް ބޭރު ތެރެއަށް ނުކުމެވަޑައިގެންފައި ވެ އެވެ. އެހެންކަމުން އިއްޔެ ޕްރިންސެސް ޝާލޮޓް ހުރީ ވަރަށް ހަމަޖެހިގެންނެވެ. ޝާލޮޓްގެ މަންމާފުޅު އޭނާ އުރާލައިގެން ހުންނެވި އިރު، ޝާލޮޓް ދިޔައީ ބޭރުގައި ތިބި މީހުންނަށް އަތުގެ އިޝާރާތުން ވޭވް ކުރަމުންނެވެ. ވަރަށް ހަމަޖެހިލައިގެންނެވެ.

އެ ބޭފުޅުންނާ އެކު ޕްރިންސް ވިލިއަމްގެ ދޮށީ ދަރިކަލުން، ދެ އަހަރުގެ ޕްރިންސް ޖޯޖް ވެސް ހުންނެވި އެވެ. އޭގެ އިތުރުން ރާނީ އެލިޒަބަތުގެ ފިރިކަލުން ޕްރިންސް ފިލިޕްއާއި، އެ ދެކަނބަލުންގެ ބޭފުޅުންނާއި ކާފަދަރިކަލުންނާއި މާމަދަރިކަލުން ވެސް އިއްޔެގެ މުނާސަބަތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.