12 Jun 2016, 11:03
ކަވިތާ އަކީ ހިންދޫ ދީނަށް އުޅެމުންއައި އިންޑިއާގެ އަންހެނެކެވެ. އޭނާގެ އާއިލާއަކީ ހަރުކަށި ހިންދޫ ޖަމިއްޔާއަކަށް ނިސްބަތްވާ، ބާރުގަދަ އާއިލާއެކެވެ. މިއީ އެފަދަ މާހައުލެއްގައި އުޅެ ބޮޑުވި ނަމަވެސް އަދި އިސްލާމްވުމަށް މަސައްކަތް ކުރުމުން އެތައް އަނިޔާތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ހިތްވަރާ އެކު އިސްލާމް ދީން ހިޔާރު ކުރި އަންހެނެއްގެ ވާހަކައެވެ. މިހާރުގެ ނަމުން ނަމަ، ނޫރު ފާތުމާގެ ވާހަކަ އޭނާގެ އަމިއްލަ ދުލުންނެވެ.
އަހަރެންގެ ނަމަކީ ނޫރު ފާތިމާ އެވެ. އަހަރެންގެ އުމުރުން 30 އަހަރުވެފައިވީ ނަމަވެސް އަހަރެން ދެކޭ ގޮތުގައި އަހަރެންގެ އުމުރުން އަދި ފަސް އަހަރެވެ. ސަބަބަކީ އިސްލާމް ދީނާ ބެހޭ ގޮތުން އަހަންނަށް އަދި އިނގެނީ ފަސް އަހަރުގެ ކުއްޖަކަށް އެނގޭ ވަރަށެވެ.
އަހަރެން އިސްލާމްވީ އުމުރުން 25 އަހަރުގައި ކަމަށްވީ ނަމަވެސް، ކުޑަ އިރުއްސުރެވެސް ބުދަށް އަޅުކަން ކުރަން އަހަރެން ނުރުހެ އެވެ. އޭރު އަހަރެންގެ މައިންބަފައިން ގާތުން އަހަރެން އަހަމެވެ.
"ބުދަށް އޭގެ އަމިއްލަ ނަފްސު ރައްކާތެރި ނުކުރެވޭ ނަމަ އޭގެ ފަރާތުން ސަވާބު ހޯދަން މަސައްކަތް ކުރަނީ ކީއްވެ؟ އެއަށް ސަޖިދަ ޖަހަނީ ކީއްވެ؟ އޭގެއިން ކޯއްޗެއް ލިބެނީ؟" އެފަދަ ސުވާލުތައް އަހަރެން ކުރަމުން ދިޔައީމެވެ.
އެފަދަ ސުވާލުތައް ކުރުމުން އަހަންނަށް ލިބުނީ އަދަބެވެ. ނަމަވެސް، ﷲގެ ރަހުމަތްފުޅުން އެކަލާނގެ އަހަންނަށް ތެދުމަގު ދެކެވިއެވެ. ތެދުމަގު ހިޔާރު ކުރަން އަހަރެން ކުރި ދަތުރު ފެށުނީ ކައިވެނި ކުރުމަށް ފަހު ބަހުރެއިނަށް ބަދަލުވި ހިސާބުންނެވެ.
އަހަރެންގެ އާއިލާއިން އިސްލާމް ދީނަށް ކިތަންމެ ނަފުރަތު ކުރި ނަމަވެސް އަހަރެން އަބަދުވެސް އިސްލާމް ދީނަށް ޝައުގުވެރިވެ އެވެ. އެހެންކަމުން، އަހަރެން ޓީޗަރެއްގެ ވަޒީފާ އަދާ ކުރަން ފެށުމުން، އަހަރެންގެ ސްކޫލާ ކައިރީ ހުންނަ އިސްލާމިކް ސެންޓަރަކަށް ދާން ފެށީމެވެ. އެތަނުން އަހަރެން މުސްލިމުންގެ ހަރަކާތްތައް ބެލީމެވެ. އަދި އެމީހުން ދައްކާ ވާހަކަ އަޑު އެހީމެވެ. އަހަންނަށް އެނގިގެން ދިޔައީ މުސްލިމުން ބުދަކަށް އަޅުކަން ނުކުރާކަމެވެ. އަދި ކަސްރަތެއް ފަދަ ހާއްސަ ހަރަކާތްތަކެއް އަޅުކަމެއްގެ ގޮތުގައި ކުރާ ކަމެވެ. އެހަރަކާތްތަކުގެ ހަގީގަތް އަހަންނަށް އެނގުނީ އޭގެ ދުވަސްކޮޅެއް ފަހުންނެވެ.
ބަހުރެއިންއަށް ބަދަލުވުމުން އަހަރެންގެ ގިނަ އަވަށްޓެރިންވީ މުސްލިމުންނަށެވެ. އޭގެ ތެރެއިން އެއް އަވަށްޓެރިއަކާ ގާތް ރަހުމަތްތެރިކަމެއް އުފެދި، އެ އަވަށްޓެރިޔާގެ ގެޔަށް އަހަރެން ގިނަގިނައިން ދާން ފެށީމެވެ. މުސްލިމުން ކޮންމެ ދުވަހަކު ފަސް ފަހަރު ކުރާ ހަރަކާތްތަކަކީ ނަމާދު ކަމަށާއި، ކިޔަވާ ފޮތަކީ ގުރުއާން ކަން އަހަރެންނަށް ބުނެދިނީ އޭނާ އެވެ. އޭނާ ނަމާދު ކުރާތަން ވަރަށް ފަރުވާތެރި ކަމާއެކު އަހަރެން ބެލީމެވެ. އަދި އެކަމަށް ޝައުގުވެރިވީ މިންވަރު ބޮޑު ކަމުން އަހަރެންވެސް، ގޭގައި ހުރެގެން ކޮންމެ ދުވަހަކު ނަމާދު ކުރަން ފެށީމެވެ.
އެގޮތަށް އެއް ދުވަހު ނަމާދު ކުރަން ހުއްޓާ އަހަރެންގެ ފިރިމީހާއަށް އެމަންޒަރު ފެނުނެވެ. އަދި އަހަރެން ކީއްކުރަނީތޯ ސުވާލު ކުރުމުން ނަމާދު ކުރަނީ ކަމަށް ބުނީމެވެ. އެހެން ބުނުމުން އަހަރެންގެ ފިރިމީހާ އަހަންނާ ދިމާލަށް ހަޅޭއްލަވަން ފެށި އެވެ. އަހަރެން ހުރީ ހަމައިގަތޯ ސުވާލު ކުރި އެވެ. އަދި އަހަރެންނަށް ބުނެވޭ އެއްޗެއް އަހަންނަށް ވިސްނޭތޯ އަހަމުން ދިޔައެވެ. އަހަރެންގެ ފިރިމީހާގެ ކުރިމަތީގައި އެންމެ ފުރަތަމަ އަހަރެން ގަތީ ބިރެވެ. ނަމަވެސް، އެއާ އެއްވަރަކަށް އަހަންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބުނު ކަމުގެ އިހުސާސުވެސްވި އެވެ.
"އަހަރެން އިސްލާމް ދީން ގަބޫލުކޮށްފިން! އެހެންވެ ނަމާދު ކުރަނީ!" ދެފަހަރެއްގެ މަތިން އަހަރެންވެސް ބާރުލާފައި ބުނީމެވެ.
ދެން އަހަރެންގެ ފިރިމީހާ އަހަރެންނަށް އަނިޔާ ކުރަން ފެށީ އެވެ. އަނިޔާ ކުރާ އަޑު އިވިގެން އެތަނަށް އައި އަހަރެންގެ ދައްތަވެސް ވީގޮތް ކިޔާ ދިނުމުން އަހަރެން ގައިގަ ތަޅަން ފެށި އެވެ.
"އަހަރެންގެ ނިންމުމަށް ހުރަސް ނާޅާ. އަހަރެންނަށް އިނގޭ އަހަރެންނަށް ރަނގަޅީ ކޮންކަންތައްތަކެއްކަން އަދި ގޯހީ ކޮން ކަންތައްތަކެއްކަން. ވީމާ އަހަރެން ދެމިހުންނާނީ މުސްލިމެއް ގޮތުގައި،" ދެމީހުންގެ ހަމަލާތަކުގެ ދޭތެރެއިން އަހަރެން އެމީހުންނަށް ވިސްނައި ދެވޭތޯ މަސައްކަތް ކުރީމެވެ.
ނަމަވެސް، އަހަރެން އެހެން ބުނުމުން އަހަރެންގެ ފިރިމީހާގެ ގާތަށް އައީ އިތުރަށް ރުޅި އެވެ. އަދި އަހަރެން ހޭނެތޭ ވަަރަށް އަނިޔާ ކުރުމަށް ފަހު ކޮޓަރީގައި ތަޅުލުމަށް ފަހު ނިކުމެގެނެ ދިޔައީ އެވެ. އެކޮޓަރީގައި އެއްވެސް މީހަކާ ބައްދަލުނުކޮށް ދުވަސްކޮޅެއްވީ ފަހުން، ކޮޓަރި ހުޅުވާދިނީ އަހަރެންގެ ދޮށީ ދަރިފުޅެވެ. އޭރު އޭނާ އުޅެނީ ގްރޭޑް ނުވައެއްގައެވެ. އޭނާ ރޮމުން އައިސް އަހަރެންގެ ފަރާތުން އެދުނީ އަހަރެން ފިލައިގެން ދިޔުމަށެވެ. އަހަރެންގެ އާއިލާއިން އަހަރެން މަރާލަން އުޅޭ ކަމަށް އޭނާ ބުންޏެވެ. އެހެން ނުވާނެ ކަމަށް އަހަރެން ދަރިފުޅަށް ވިސްނައި ދޭން މަސައްކަތް ކުރީމެވެ. ނަމަވެސް، ދަރިފުޅުގެ ރުއިމާއި އާދޭސް ހުއްޓުމަކަށް ނައުމުން ފިލައިގެން ދާން އަހަރެން ނިންމީމެވެ. އަހަރެންގެ ދެކުދިންނަށް އަލްވަދާއު ކީ ވަގުތުކޮޅަކީ އަހަރެން ދުވަހަކުވެސް ހަނދާން ނުނެތޭނެ ދުވަސްތަކެވެ. ނަމަވެސް، ކުރާނީ ކީއްހެއްޔެވެ؟ އަހަރެން މަންމައަކަށް ވުމަށް ވުރެ އިސްކަންދޭންވީ މުސްލިމަކަށް ވުމަށެވެ. އެހެންވެ، ތިން މައިންގެ ރުއިން ނުހުއްޓުނު ނަމަވެސް އެހީ ހޯދުމަށް ފުލުސް އޮފީހަށް ދިޔައީ އެވެ. އެތަނުން ދިމާވި މުސްލިމު އޮފިސަރެއްގެ އެހީއާއެކު އަހަރެންގެ ފިރިމީހާ ކައިރިއަށް އަނބުރާ ދާން ނުޖެހޭ ގޮތަށް އޭނާއާ އަހަރެންގެ ގުޅުން ކަނޑާލީމެވެ.
ދެން އަހަރެން ދިޔައީ މީގެ ކުރިން އަހަރެން ޒިޔާރަތް ކުރަމުން ދިޔަ އިސްލާމިކް ސެންޓަރަށެވެ. އެތަނުން ދަންނަ ބޭކަލެއްގެ ފަރާތުން އިސްލާމް ދީން ގަބޫލު ކުރުމާ ބެހޭ ގޮތުން ސުވާލު ކުރީމެވެ. ނަސީބު ދިމާ ކުރި ގޮތުން އެއީ ވަރަށް ހިތްހެޔޮ މީހެކެވެ. އޭނާ އަހަރެންނަށް ވުޟޫ ކުރަން ދަސްކޮށްދިނެވެ. އަދި ޝަހާދަތުގެ ދެކަލިމަ އަހަރެންނަށް ކިޔާ ދިނެވެ. އަދި އެހާ ހިސާބުން ނިންމާލީ އެއްވެސް ނޫނެވެ. އަހަރެން ހާލުގައި ޖެހިފައިވާ ކަން އެނގުމުން، އޭނާގެ އަމިއްލަ ދަރިއެއް ފަދައިން އަހަރެންނަށް ހިމާޔަތް ދިނެވެ. އަދި ފަހުން ސާލިހު ފިރިހެނަކާ އަހަރެންގެ ކައިވެނި ކުރުވި އެވެ.
އަހަރެން މިހާރު އެއް ފަހަރު އުމްރާވެސް ކޮށްފީމެވެ. އިސްލާމް ދީން ގަބޫލު ކުރި ފަހުން އަހަރެންނަށް އިހުސާސު ވަނީ ހަޑި ފެންގަނޑެއްގައި ނޭވާ ނުލެވިފައި އޮތުމަށް ފަހު ތާހިރު ފެންގަނޑަކަށް ވާސިލުވި މީހަކަށްވާ ފަދަ އިހުސާސެކެވެ. އެއީ އަހަރެންގެ ހަޔާތުގައިވެސް ކުރެވުނު އެންމެ އުފާވެރި އިހުސާސެވެ.