ސްރީ ލަންކާގައި ހުންނަ މޯލްޑިވިއަން އެޑިއުކޭޝަން އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ) ނުވަތަ ސޯސަންވިލާގައި ކިޔަވާ ދަރިވަރުންނަށް ބާއްވަމުން އަންނަ ޤުރުއާން މުބާރާތް އިއްޔެ ފަށައިފި އެވެ.

ސްރީ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ތާޑް ސެކްރެޓަރީ އަދި ސޯސަންވިލާ ހިންގެވުމާ ހަވާލު ހުންނެވި އަބްދުއް ރަޝީދު ވިދާޅުވީ، އިއްޔެ އާ މިއަދު ކުރިއަށްގެންދާ އެ ޤުރުއާން މުބާރާތުގައި ފަސް އުމުރުފުރާއަކުން 191 ދަރިވަރަކު ބައިވެރިވާ ކަމަށެވެ.

އެމްއީސީސީ އިން އިއްޔެ ފެށި ޤުރުއާން މުބާރާތުގެ ބެލެނިވެރިންނާއި ދަރިވަރުން --- ފޮޓޯ/ އެމްއީސީސީ

އެގޮތުން ތުއްތު ކުދިންގެ ބައިގައި 53 ދަރިވަރަކު ކިޔަވާއިރު ބަލައިގެން ކިޔެވުމުގެ ގޮފިން 77 ދަރިވަރުންނާއި ނުބަލައި ކިޔެވުމުގެ ގޮފިން 61 ދަރިވަރަކު މުބާރާތުގައި ކިޔަވާނެ އެވެ.

ގުޅީފަޅު އިންވެސްޓްމަންޓް ލިމިޓެޑުން ސްޕޮންސާކޮށް ތިލަފުށި ކޯޕަރޭޝަނުން ކޯ ސްޕޮންސާކޮށްފައިވާ އެ މުބާރާތުގައި ފަޑިޔާރުކަން ކޮށްދެއްވަނީ ރާއްޖޭގެ މަޝްހޫރު ގާރީ، ހަސަން ތައުފީގާއި އިބްރާހިމް ޝިފާއުގެ އިތުރުން އެމްއީސީސީގެ ޤުރުއާން ޓީޗަރު އިސްމާއިލް ޝަފީއުއެވެ.

އެމްއީސީސީ އިން އިއްޔެ ފެށި ޤުރުއާން މުބާރާތުގެ ފަނޑިޔާރުންގެ ޕެނަލް --- ފޮޓޯ/ އެމްއީސީސީ

އަބްދުއް ރަޝީދު ވިދާޅުވީ، އެ މުބާރާތުގައި ބައިވެރިވާ ކޮންމެ އުމުރު ފުރާއަކުން ވެސް އަންހެން އަދި ފިރިހެން ވަކިން ވަނަ ތައް ހޮވަން ނިންމާފައިވާ ކަމަށެވެ.