ފްރާންސްގައި ކުރިއަށްދާ ޔޫރޯގެ "ގްރޫޕް ބީ"ގައި މިރޭ އިންގްލެންޑާއި ރަޝިއާ ބައްދަލުކުރި މެޗަށްފަހު، ހަމަނުޖެހުންތަކެއް ހިނގައިފި އެވެ.

މާސޭގެ ސްޓޭޑޭ ވެލޮޑްރޯމްގައި މިރޭ ކުޅުނު އިންގްލެންޑާއި ރަޝިއާ ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. އެ މެޗުގައި އެރިކް ޑިއާ އިންގްލެންޑަށް ލީޑު ހޯދައިދީފައި ވަނިކޮށް، މެޗުގެ ފަހު ވަގުތު ރަޝިއާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ އެ ޓީމުގެ ކެޕްޓަން ވަސިލީ ބެރެޒުޓްސްކީ އެވެ.

މާސޭގެ ސްޓޭޑޭ ވެލޮޑްރޯމްގައި އިންގްލެންޑާއި ރަޝިއާ ބައްދަލުކުރި މެޗަށްފަހު ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން --- ފޮޓޯ: އޭޕީ

މެޗަށްފަހު ދަނޑު ތެރޭގައި ދެ ޓީމުގެ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުންތަކެއް ހިނގާފައިވެ އެވެ. ދެ ޓީމުގެ ސަޕޯޓަރުން ވަކިކުރުމަށް ދަނޑުގައި ޖަހާފައިވާ ފެންސެއް ވެސް ވައްޓާލާފައިވެ އެވެ. އެ ހަމަނުޖެހުމުގައި ދެ ޓީމުގެ ސަޕޯޓަރުން އެއްޗެހި އުކުމުގެ ސަބަބުން ބައެއް ސަޕޯޓަރުންނަށް އެކި ވަރުގެ އަނިޔާތައް ވެސް ވަނީ ލިބިފަ އެވެ.

މެޗަށްފަހު އާންމުވި ބައެއް ފޮޓޯތަކުން ސަޕޯޓަރުން ސަލާމަތްވުމަށްޓަކައި ފެންސުތައް މަތިން ފުންމާލުމަށް މަސައްކަތްކުރާ މަންޒަރު ވެސް ފެނެ އެވެ. އޭގެ ތެރޭގައި ގިނައިން ފެންސްތައް މަތިން ސަލާމަތްވުމަށް މަސައްކަތް ކުރަމުންދިޔައީ އިނގިރޭސި ސަޕޯޓަރުންނެވެ. އެ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ދަނޑުގެ ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކުން ވެސް މަސައްކަތްކޮށްފައިވެ އެވެ.

މާސޭގެ ސްޓޭޑޭ ވެލޮޑްރޯމްގައި އިންގްލެންޑާއި ރަޝިއާ ބައްދަލުކުރި މެޗަށްފަހު ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން --- ފޮޓޯ: އޭޕީ

މެޗަށް ނުކުތުމުގެ ކުރިން ވެސް ދަނޑު ބޭރުގައި އިނގިރޭސިންނާއި ރަޝިއާގެ ސަޕޯޓަރުންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ވަނީ ހިނގައިފަ އެވެ. އޭގެ ތެރެއިން ގިނަ ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ވެސް ވަނީ ވެފަ އެވެ. އެ ހަމަނުޖެހުންތައް ހުއްޓުވުމަށް ފްރާންސްގެ ފުލުހުން ކަރުނަ ގޭސް ބޭނުން ކުރި އެވެ.