12 Jun 2016, 02:28
ދެ ވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ވަސިލީ ބެރެޒުޓްސްކީގެ ލަނޑުން ރަޝިއާ އިން ގަދަފަދަ އިނގިރޭސިން ހިފަހައްޓައިފި އެވެ.
ފްރާންސްގެ މާސޭގެ ސްޓޭޑޭ ވެލޮޑްރޯމްގައި މިރޭ ކުޅުނު ޔޫރޯގެ "ގްރޫޕް ބީ"ގައި އިންގްލެންޑާއި ރަޝިއާގެ ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 1-1 ލަނޑުން އެއްވަރު ވެގެންނެވެ.
މެޗުގެ ހަތް ވަނަ މިނެޓުގައި އިންގްލެންޑަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ކައިލް ވޯކާ ދިން ބޯޅައަކުން އެޑަމް ލަލާނާ ފޮނުވާލި ބާރު ހަމަލާ، ކީޕަރު އިގޯ އަކިންފީވް ވަނީ މަތަކޮށްފަ އެވެ. އޭނާ އުފެއްދި ހަމަލާ އަމާޒުވެފައި ވަނީ ވެސް އަކިންފީވްއާ ދިމާލަށެވެ.
މެޗުގެ 12 ވަނަ މިނެޓުގައި ވެސް އިނގިރޭސިންނަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. އިންގްލެންޑަށް ލިބުނު ކޯނަރަކުން ހެރީ ކޭން ނަގައިދިން ހުރަހަކުން ރަޝިއާގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ކްރިސް ސްމޯލިން ބޮލުން ފޮނުވާލި ހަމަލާ ވެސް ކީޕަރު އަކިންފީވް ވަނީ މަތަކޮށްފަ އެވެ.

ޔޫރޯގައި އިންގްލެންޑާއި ރަޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ: އޭޕީ
މެޗުގެ 17 ވަނަ މިނެޓުގައި ރަޝިއާ އަށް ލީޑު ހޯދުމަށް ފުރުސަތެއް ލިބިގެންދިޔަ އެވެ. އޮލެގް ޝަޓޯވް ނަގައިދިން ހުރަހަކުން އިންގްލެންޑްގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ސާގޭ އިގްނާޝެވިޗް ބޮލުން އުފެއްދި ހަމަލާ، ކީޕަރު ޖޯ ހާޓް ވަނީ މަތަކޮށްފަ އެވެ.
މެޗުގެ 21 ވަނަ މިނެޓުގައި އިނގިރޭސިންނަށް ލަނޑު ޖަހާނެ އިތުރު ފުރުސަތެއް ލިބިގެންދިޔަ އެވެ. ވޯކާ ދިން ބޯޅައަކުން ރަޝިއާގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުސްކޮށް ހުރެފައި، ލަލާނާ އުފެއްދި ހަމަލާ މި ފަހަރު ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
މެޗުގެ 35 ވަނަ މިނެޓުގައި އިންގްލެންޑް ކެޕްޓަން ވޭން ރޫނީ އަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ރަޝިއާގެ ދެ ކުޅުންތެރިއެއް ކައިރިން ޑެލޭ އަލީ ނައްޓާލުމަށް ފަހު، ރޫނީ އަށް ދިން ބޯޅައަކުން ރަޝިއާގެ ޕެނަލްޓީ އޭރިޔާ ބޭރުން އުފެއްދި ހަމަލާ ކީޕަރު އަކިން ފީވް ވަނީ މަތަކޮށްފަ އެވެ.

ޔޫރޯގައި އިންގްލެންޑާއި ރަޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ: އޭޕީ
މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އިނގިރޭސިން ކުޅެމުންދިޔަ ނަމަވެސް ދެ ވަނަ ހާފުގައި ރަޝިއާ އިން ކުޅުން ރަނގަޅުކޮށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރި އެވެ.
މެޗުގެ 59 ވަނަ މިނެޓުގައި އިންގްލެންޑުގެ ޕެނަލްޓީ އޭރިޔާ ބޭރުން އެލެކްސެންޑާ ގޮލޮވިން އުފެއްދި ހަަމަލާ ގޯލާ އަމާޒުވެފައެއް ނުވެ އެވެ. އޭގެ ދެ މިނެޓް ފަހުން ރަޝިއާ އަށް ލިބުނު ކޯނަރަކުން ޝަޓޯވް ނަގައިދިން ހުރަހަކުން އިންލެންޑްގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ވަސިލީ ބަރަޒުޓްސްކީ ބޮލުން އުފެއްދި ހަމަލާ ވެސް ގޯލާ އަމާޒުވެފައެއް ނުވެ އެވެ.
މެޗުގެ 70 ވަނަ މިނެޓުގައި އިންގްލެންޑަށް ލީޑު ހޯދުމަށް ފުރުސަތެއް ލިބިގެންދިޔަ އެވެ. ވޯކާ ދިން ބޯޅައަކުން ރަޝިއާގެ ޕެނަލްޓީި އޭރިޔާ ބޭރުން އުފެއްދި ހަމަލާ، ކީޕަރު އަކިންފީވް ވަނީ މަތަކޮށްފަ އެވެ. އަކިންފީވް ވަނީ ފުރަތަމަ ހާފުގައި ވެސް މޮޅު ކުޅުމެއް ދައްކައި، އިނގިރޭސިން އުފެއްދި ގިނަ ހަމަލާތަކެއް މަތަކޮށްފަ އެވެ.
މެޗުގެ 73 ވަނަ މިނެޓުގައި އިނގިރޭސިން ވަނީ ލަނޑެއްޖަހައި ލީޑު ނަގައިފަ އެވެ. ރަޝިއާގެ ޕެނަލްޓީ އޭރިޔާ ކައިރިން އިންގްލެންޑަށް ލިބުނު ހިލޭ ޖެހުމަކުން އެ ޓީމަށް ލީޑު ހޯދައިދިނީ އެރިކް ޑިއާ އެވެ. އޭނާ ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ރަޝިއާ ގޯލުގެ މަތީ ކަނަށެވެ.

ޔޫރޯގައި ރަޝިއާ ކޮޅަށް ލަނޑު ޖެހުމަށް ފަހު، އިނގިރޭސިން އުފާފާޅުކުރަނީ: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެން --- ފޮޓޯ: އޭޕީ
ރަޝިއާ އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައެވެ. އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނެޓްގެ ތެރެއިން ދެވަނަ މިނެޓުގައި ރަޝިއާ އަށް ލިބުނު ކޯނަރަކުން ޖޯޖީ ޝެނިކޯވް ނަގައިދިން ހުރަހަކުން އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ކެޕްޓަން ބެރެޒުޓްސްކީ އެވެ. އިންގްލެންޑްގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ބެރެޒުޓްސްކީ ބޮލުން އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.
ގްރޫޕް ބީގެ އެއްވަނައިގައި އޮތީ ވޭލްސް އެވެ. މިރޭ ކުޅުނު މެޗުގައި ސްލޮވާކިއާ އަތުން ވޭލްސް މޮޅުވެފައި ވަނީ 2-1 ލަނޑުންނެވެ. ވޭލްސްގެ ފަހަތުގައި އޮތީ މިރޭ މެޗުން އެއްވަރުވި އިނގިރޭސިންނާއި ރަޝިއާ އެވެ. އަދި ގްރޫޕުގެ ފުލުގައި އޮތީ ސްލޮވާކިއާ އެވެ.
ޔޫރޯގައި މާދަމާ ވެސް ތިން މެޗު ކުޅުމަށް ހަމަޖެހިފައިވެ އެވެ. މާދަމާ އިރުއޮއްސި 6:00 ގައި ކުޅޭ މެޗަކީ "ގްރޫޕް ޑީ"ގެ މެޗެކެވެ. އެ މެޗުގައި ބައްދަލުކުރާނީ ތުރުކީ އާއި ކްރޮއޭޝިއާ އެވެ. މާދަމާ ރޭ 9:00 ގައި ކުޅޭ "ގްރޫޕް ސީ"ގެ މެޗުގައި ބައްދަލުކުރާނީ ޕޮލެންޑާއި ނޮދަން އަޔަލެންޑެވެ. އަދި މާދަމާ ރޭ 12:00 ގައި ކުޅޭ "ގްރޫޕް ސީ"ގެ މެޗުގައި ބައްދަލުކުރާނީ ޖަރުމަނާއި ޔޫކްރޭނެވެ.