ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރު 49.57 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިފައިވީ ނަމަވެސް، ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތް ލޯނުތަކަށް ސާފު ފައިދާ އިން ބޮޑު އަދަދެއް ޕްރޮވިޒަނެއް ގޮތުގައި ކަނޑައަޅަން ޖެހުމާ ގުޅިގެން، މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާދާރުންނަށް އެއްވެސް އެއްޗެއް ބެހެން ނެތް ކަމަށް ބުނެފި އެވެ.

ސަރުކާރާ ރައްޔިތުން ހިއްސާވާ ބީއެމްއެލްގެ ހިއްސާދާރުންނަށް ފައިދާ ނުބަހަން ވިދިވިދިގެން ދެ ވަނަ އަހަރަކަށް ނިންމައިފައިވާކަން ބުނެފައި ވަނީ، ބޭންކުގެ ވެބްސައިޓުގައި އިނގިރޭސި ބަހުން އިއްޔެ ޝާއުކޮށްފައިވާ އެކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި އެވެ.

ބީއެމްއެލް އިން އާއްމުކޮށްފައިވާ ކުންފުނީގެ މާލީ ބަޔާން ދައްކާ ގޮތުގައި، ބީއެމްއެލްގެ އާމްދަނީ ވަނީ 2009 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު 13 ޕަސަންޓް ދަށްވެ، 958 މިލިއަން ރުފިޔާ އިން 830 މިލިއަން ރުފިޔާ އަށް ވެއްޓިފަ އެވެ. އެހެންނަމަވެސް، ކުންފުނީގެ ޖުމްލަ ހަރަދުތައް ކުޑަވުމާ ގުޅިގެން ސާފު ފައިދާގެ ގޮތުގައި އެ މުއްދަތުގެ ތެރޭ ޖެހުނު އަދަދު ވަނީ 42.96 މިލިއަން ރުފިޔާ އިން 49.57 މިލިއަން ރުފިޔާ އަށް އަރައިފަ އެވެ. އެ ފައިދާ އިން ހިއްސާ އަކަށް ޖެހެނީ 9.2ރ. އެވެ. ބޭންކުގެ ހިއްސާ އަކަށް 2009 ވަނަ އަހަރު ޖެހިފައިވަނީ 7.98ރ. އެވެ.

އިސްތިއުފާދެއްވައިފައިވާ ބޭންކުގެ ޗެއާމަން އާދަމް އިބްރާހިމް އެ ރިޕޯޓުގައި ވިދާޅުވެފައި ވަނީ، ބޭންކަށް ލިބުނު ސާފު ފައިދާގެ ތެރެއިން ބޮޑު ބައެއް "ނޮން ޕާފޯމިން ލޯންސް" ނުވަތަ ގަވައިދުން ފައިސާ ދައްކަމުން ނުދިއުމުގެ ސަބަބުން ލިބޭނެ ކަމުގެ ޔަގީންކަން ގެއްލިފައިވާ ލޯނުތަކުގެ ޕްރޮވިޒަނެއްގެ ގޮތުގައި ކަނޑައަޅަން ޖެހުމާ ގުޅިގެން ހިއްސާ ދާރުންނަށް މިފަހަރު ވެސް ފައިސާ ނުބެހޭނެ ކަމަށެވެ.

ނަމަވެސް، ކުންފުނީގެ މާލީ ބަޔާނުން އެ ލޯނުތަކުގެ ތަފްސީލެއް ސާފުކޮށް އެނގޭކަށެއް ނެތެވެ. އެ ބަޔާނުން ދައްކަނީ، ލިބޭނެ ކަމުގެ ޔަގީން ކަމެއް ނެތް ލޯނުތަކުގެ ޕްރޮވިޒަނެއްގެ ގޮތުގައި މިދިޔަ އަހަރު 176 މިލިއަން ރުފިޔާ ކަނޑައަޅައިފައިވާ ކަމެވެ. އެއީ 2009 ވަނަ އަހަރު ޕްރޮވިޒަނެއްގެ ގޮތުގައި ކަނޑައަޅައިފައިވާ 336 މިލިއަން ރުފިޔާ އަށް ވުރެ ގާތަގަނޑަކަށް ދެބައިކުޅައެއްބައި ކުޑަ އަދަދެކެވެ.

މީގެ އިތުރުން، ބޭންކުގެ އަހަރީ ރިޕޯޓާ އެކު ޝާއިއުކޮށްފައިވާ ބޭންކުގެ އެކްސްޓާނަލް އޮޑިޓް ރިޕޯޓުގައި ވަނީ، ބީއެމްއެލްގެ މާލީ ބަޔާނާއި އަދި ޕްރޮވިޒަނާ ގުޅޭ ގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް ވެސް ފެންމަތިކޮށްފަ އެވެ.

އަމިއްލަ އޮޑިޓް ފާމެއް ކަމުގައިވާ ޕްރައިސްވޯޓާ ކޫޕާސްގެ ފަރާތުން ކުރި އޮޑިޓަށް ފަހު ނެރުނު ރިޕޯޓުގައި ބުނަނީ، މިދިޔަ އަހަރުގެ ޕްރޮވިޒަން ކަނޑައަޅައިފައި ވަނީ އެ އަހަރުގެ ނިޔަލަށް ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް ކަނޑައަޅައިފައިވާ ލޯނުތަކުގެ ޖުމްލަ އަދަދަށް ނުބަލައި ކަމަށާއި އަދި އެ ލޯނު ނެގި ފަރާތްތަކުން ބެހެއްޓި ރަހުނުގެ ހަމަ އަގަށް ވެސް ބެލުމެއް ނެތި ކަމަށެވެ.

އަދި ނަން ޕާފޯމިން ނުވަތަ އުފެއްދުންތެރިކަން ކުޑަ 1.7 ބިލިއަން ރުފިޔާގެ ލޯންގެ ޕްރޮވިޒަންގެ ގޮތުގައި މިހާތަނަށް ކަނޑައަޅައިފައިވާ 546 މިލިއަން ރުފިޔާއަކީ، ރަހުނުގެ ހަގީގީ އަގު އެނގެން ނެތުމުން، ލޯނުގެ ގެއްލުން ފޫބެދޭ ވަރަށް ވުރެ މާ ކުޑަ އަދަދެއް ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން، މިދިޔަ އަހަރުގެ ނިޔަލަށް ބޭންކުން ދޫކޮށްފައިވާ ހުރިހާ ލޯނާއި އެޑްވާންސާއި މިދިޔަ އަހަރުގެ ފައިދާގެ ހިސާބުތައް ހުރީ "މާބޮޑުކޮށް" ނުވަތަ ހަގީގީ އަގުތަކެއްގައި ނޫން ކަމަށް ވެސް ބޭންކު އޮޑިޓްކުރި އަމިއްލަ ކުންފުނިން ބުނެ އެވެ.

ދެހާސް ދިހަ ވަނަ އަހަރުގެ ޕްރޮވިޒަނާ މެދު ސުވާލުއުފެދިފައިވާ އިރު، އޭގެ ކުރީ އަހަރު ވެސް ޕްރޮވިޒަން ބޭންކުން ކަނޑައެޅީ އެމްއެމްއޭން ނެރެފައިވާ ޕްރޫޑެންޝަލް ގަވައިދާ އެއް ގޮތަށް ނޫން ކަމަށްވާތީ، އެ އަހަރު ބޭންކަށް ފައިދާވި މިންވަރާ މެދު ވެސް ބައެއް ފަރާތްތަކުން ސުވާލު އުފައްދައިފައިވެ އެވެ.

ޕްރައިސްވޯޓާ ކޫޕާސްގެ އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި، އެ ގަވައިދަށް އަމަލު ކުރުން 2011 ވަނަ އަހަރުގެ ނިޔަލަށް ބީއެމްއެލް އަށް ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭ ފަސްކޮށްދީފަ އެވެ.

ބޭންކުގެ އާމްދަނީ ދަށްވެ، އަދި ސާފު ފައިދާއާ މެދު އިތުބާރު ކުޑަވެފައިވުމުގެ އިތުރަށް، ހިއްސާދާރުންނަށް މިފަހަރު ވެސް ފައިސާ ނުބަހަން ނިންމި މައްސަލަ ހޫނުވާނެ ކަމަށް ބެލެވެ އެވެ.

ބޭންކަށް ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތް ލޯނުގެ މައިގަނޑު ބައެއް ހިއްސާކުރަނީ، އިދިކޮޅު ލީޑަރު އަހްމަދު ތަސްމީން އަލީގެ އާއިލީ މަސްލަހަތު އޮންނަ ކުންފުނިތަކުންނެވެ. އެގޮތުން "ތަސްމީންގެ އާއިލާއާ ގުޅުން ހުރި" ކުންފުނިތަކަށް ދޫކޮށްފައިވާ ލޯނުގެ ޖުމްލަ އަދަދު އެއް ބިލިއަން ރުފިޔާ އަށް އަރަ އެވެ. އެ މައްސަލަ މިހާރު އޮތީ ކޯޓުގަ އެވެ.