11 Jun 2016, 23:39
ޔޫރޯ ފުޓްބޯޅަ މުބާރާތަށް މުޅިން އަލަށް ކޮލިފައިވި ވޭލްސް، އެ ޓީމް ކުޅުނު ފުރަތަމަ މެޗު 2-1ގެ ނަތީޖާ އަކުން ސްލޮވާކިއާގެ މަައްޗަށް ކުރި ހޯދައިގެން މޮޅަކުން މުބާރާތް ފަށައިފިއެވެ.
މެޗު ފެށިގެން ދެ ޓީމްގެ ފަރާތުން ވެސް ފޯރި ގަދަ އަވަސް ކުޅުމެއް ފެނިގެން ދިޔަ އިރު ސޮލަވާކިއާ އިން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. މަރެކް ހަމްސެކް ވޭލްސްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ފޮނުވާލި ބޯޅަ ކީޕަރު ވެސް ބީޓްވެ ގޯލަށް ވަންނަން ދަނިކޮށް ވޭލެސްގެ ކުޅުންތެރިއެއް ވަނީ ދިފާއުކޮށްފައެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވޭލްސް އާއި ސްލޮވާކިއާ ކުޅުނު މެޗުގެ ތެރެއިން ---
ވޭލްސް އެ މެޗުގައި ފުރަތަމަ ފަހަރަށް ލީޑް ލިބިގެންދިޔައީ މެޗުގެ 10 ވަނަ މިނެޓްގައި ސްލޮވާކިއާގެ ޕެނަލްޓީ އޭރިއާ ކަނުން ލިބުނު ހިލޭ ޖެހުން ގެރެތް ބޭލް ގޯލުގެތެރެއަށް ފޮނުވާލައިގެންނެވެ. އެ ގޯލަށް ފަހު ސްލޮވާކިއާ އަށް ވެސް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރު ވެގެން ގޮސްފައެވެ.
ވޭލެސް ކުރީގައި އޮވެ ފުރަތަމަ ހާފް ނިމިގެން ދިޔަ ނަމަވެސް ދެ ވަނަ ހާފްގައި ސްލޮވާކިއާ އިން ވަނީ އެމީހުންގެ ކުޅުން ރަނގަޅު ކޮށް ވޭލްސްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން ސްލޮވާކިއާގެ ރޮބާޓް މަކް އަށް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ.
ފުލުފުލުގައި ސްލޮވާކިއާ އިން އުފައްދަމުން ދިޔަ ހަމަލާތަކުގެ ނަތީޖާ އަކަށް ވެގެން ދިޔައީ މެޗުގެ 61 ވަނަ މިނެޓްގައި އޮންދަރެޖް ޑުޑާ ވަނީ ގޯލެއް ކާމިޔާބް ކޮށް މެޗުގެ ނަތީޖާ އެއްވަރު ކޮށްފައެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވޭލްސް އާއި ސްލޮވާކިއާ ކުޅުނު މެޗުގައި ސްލޮވާކިއާ އަށް މެޗުގެ ނަތީޖާ އެއްވަރު ކޮށްދިން ގޯލު ޑުޑާ ކާމިޔާބް ކުރުމަށް ފަހު އުފާފާޅު ކުރަނީ ---
އެ ގޯލަށް ފަހު ވެސް ސްލޮވާކިއާ އިން މޮޅު ކުޅުމެއް ދެއްކި ނަމަވެސް ވޭލްސް އިން ވަނީ ދެ ވަނަ ފަހަރަށް ގޯލެއް ކާމިޔާބް ކޮށް މެޗުގެ ލީޑް ނަގާފައެވެ. އެ ގޯލު 81 ވަނަ މިނެޓްގައި ވޭލްސް ގެ އާރޮން ރަމްސޭ އުފެއްދި ހަމަލާ އަކުން ކާމިޔާބް ކޮށްދިނީ ރޮބްސަން ކަނޫ އެވެ.
ވޭލްސް މެޗުގެ ލީޑް ދެވަނަ ފަހަރަށް ނެގި ނަމަވެސް ސްލޮވާކިއާ އިން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ނަތީޖާ އެއްވަރު ކުރުމަށް ގިނަ މަސަތްކަތްތަކެއް ކޮށްފައެވެ. ނަމަވެސް މެޗު ނިމިގެން ދިޔައީ ވޭލްސް ކުރީގައި އޮވެގެންނެވެ.