ވެޓެރަންސް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ބީޖީ ސްޕޯޓްސް ކްލަބުގެ ކުރިމަތިލުން 2-2 ގެ ނަތީޖާ އަކުން އެއްވަރުވެގެން ނިމިއްޖެ އެވެ.

ކުޅިވަރު އެކުވެނީ އެއް ނަމްބަރު ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު އެ މެޗުގެ ކުރީ ކޮޅުގައި ނިއު އިން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފަ އެވެ. އެ ގޯލު ނިއުއަށް ކާމިޔާބުކޮށްދިނީ ކުރިން ވެލެންސިއާ އަށް ކުޅެ ގައުމީ ފިޓްބޯޅަ ޓީމްގެ ކެޕްޓަންކަން ވެސް ކުރި މުހައްމަދު ނިޒާމް (ތޮއްޑޫ) އެވެ.

ރަމަަޟާން ވެޓްރެންސް ކަޕްގައި ބީޖީ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓްސް މިއަދު ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހަންމަދު އަފްރާހް

މެޗު ފެށިގެން ގިނަ ވަގުތު ބޯލަ ހިފަހައްޓައިގެން ނިއު އިން ކުޅުނު ނަމަވެސް ބީޖީން ވަނީ މަޑުމަޑުން ގޭމްގެ ތެރެއަށް ވަދެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކޮށްފަ އެވެ. އެ ގޯލު ބީޖީއަށް ކާމިޔާބު ކޮށްދިނީ ބީޖީގެ ސީނިއާ ޓީމް ހެޑް ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) އެވެ.

ދެ ވަނަ ހާފު ފެށިގެން ބީޖީން ރަނގަޅު ކުޅުމެއް ދެއްކިއިރު އެ ހާފުގެ ކުރީ ކޮޅުގައި އާދަމް ލަރީފް (ރޮނާ) ވަނީ ފުރަތަމަ ފަހަރަށް ބީޖީ އަށް މެޗުގެ ލީޑު ނަގާދީފަ އެވެ. ބީޖީން ލީޑު ނެގިތާ މާގިނައިރުތަކެއް ނުވެ ނިއުގެ ތޮއްޑޫ ވަނީ ގޯލެއް ކާމިޔާބުކޮށް އެ ޓީމު ބަލިވިޔަ ނުދީ ސަލާމަތްކޮށްދީފަ އެވެ.

ރަމަަޟާން ވެޓްރެންސް ކަޕްގައި ބީޖީ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓްސް މިއަދު ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހަންމަދު އަފްރާހް

އެ މުބާރާތުގައި މާދަމާ ގުރޫޕް ބީ ގައި ދިވެހި ސިފައިންގެ ކްލަބް ނުކުންނާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ މާދަމާ ހަވީރު 4:30ގައި ކުޅިވަރު އެކުވެނީ އެއް ނަމްބަރު ޓާފު ދަނޑުގަ އެވެ.