11 Jun 2016, 21:48
އެމްޑީއޭ އިން އިސްނަގައިގެން އާޓިފިޝަލް ބީޗުގައި ޔޫރޯ ފުޓޯބޯޅަ މުބާރާތް ބެލޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ. މި އިންތިޒާމުގެ ދަށުން އެމްޑީއޭ އިން ވަނީ އެ ސަރަހައްދުގައި ބޮޑު ސްކްރީން ހަރުކޮށް މެޗު ބަލައިލަން އިށީނދެ ތިބެވޭނޭ ގޮތަށް ގިނަ އަދަދެއްގެ ގޮނޑި ޖަހައިފަ އެވެ.

ބޮޑް ސްކްރީންގައި މެޗުބެލުން ފަށްޓަވައިދެއްވުމަށް ޓަކައި އެމްޑީއޭގެ ނައިބު ލީޑަރު މައުރޫފު ރޭ ސްކްރީން ހަރުކުރި ސަރަހައްދުގައި --- ފޮޓޯ އެމްޑިއޭ
އެމްޑީއޭގެ ފަރާތުން މި އިންތިޒާމުތައް ކުރިޔަށް ގެންގޮސްފައި ވަނީ އެ ޕާޓީގެ ޒުވާނުންގެ މަޖިލީހުގެ ފަރާތުންނެވެ. "ކޭއެޗް ޔޫރޯ ފީވަރ 2016" ގެ ނަމުގައި ކުރިޔަށް ގެންދާ މި ޔޫރޯ ފޯރި، މުބާރާތް ނިމުމާ ހަމަޔަށް ކުރިޔަށް ދާނޭ ކަމަށް އެމްޑީއޭގެ ޒުވާނުންގެ މަޖިލީހުގެ ރައީސް އަހުމަދު ރީހާން ވިދާޅުވި އެވެ.

ބޮޑު ސްކްރީން ހަރުކުރި ސަރަހައްދުގައި ބައެއް މީހުން މިރޭ މެޗުބަލަނީ --- ސަން ފޮޓޯ
ރޭ އޮތް ކުޑަ ހަފުލާއެއްގައި މި ބޮޑު ސްކްރީނުގައި މެޗުތައް ބެލުން ފަށްޓަވައި ދެއްވީ އެމްޑީއޭގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފު އެވެ. އެ ގޮތުން ބޮޑު ސްކްރީން ހުޅުވައިދެއްވައި، މުބާރާތުގެ ފުރަތަމަ މެޗު ކަމަށްވާ ފްރާންސް ރުމޭނިއާ ބައްދަލުކުރި މެޗު މައުރޫފު ބައްލަވައިލެއްވި އެވެ.