ފަތުރުވެރިން ގޮވައިގެން ދަތުރުކުރަމުން ދަނިކޮށް އައްޑޫ ސިޓީ މީދޫ އިރުމަތީ ފަރާތު ފަރަށް އެރި ވިދުވަރު ދޯނި އެމްއެންޑީއެފްގެ ސަދަން އޭރިޔާގެ އެހީތެރިކަމާއެކު އެހެލައިފި އެވެ.

އެދޯންޏަކީ ޑައިވިން ދޯންޏެކެވެ. އެމްއެންޑީއެފުން ބުނި ގޮތުން ވިދުވަރު ދޯނި ފަރަށް އެރި އިރު ދޯނީގައި ހަތް ފަތުރުވެރިންނާއި ޑައިވިން އިންސްޓްރަކްޓަރެއްގެ އިތުރުން ތިން ފަޅުވެރިން ތިއްބި އެވެ. ނަމަވެސް ގެއްލުމެއް ނުވެ އެންމެން ވަނީ ސަލާމަތްވެފަ އެވެ.

ދޯނި ފަރަށް އެރުމުން އެމްއެންޑީއެފްގެ ސަދަން އޭރިއާގެ އޮފިޝަލުން ދޯނި އެއްގަމަށް އެހިލާފައި ވަނީ ދޯނީގެ ވެރިފަރާތުން ހޯދި އެސްކަވޭޓަރެއްގެ އެހީގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ދޯނި އެހެލުމުގައި އެހީތެރިވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އަދި ކޯސްޓްގާޑް ޝިޕް ހުރަވީގެ ސިފައިންގެ އެހީތެރިކަމާއެކު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެ ހާދިސާގައި ދޯނީގެ ބަނޑުފިލާ ފަޅައިގެން ގޮސް ދޯނި ވަނީ ދިޔަވެފަ އެވެ. ނަމަވެސް ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުން ނުވާކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެ ދޯނިން ދަތުރު ކުރި ފަތުރުވެރިން އެމްއެންޑިއެފް ވަނީ މީދޫއަށް ގެންގޮސްފަ އެވެ.