އެފިރިހެން ކުއްޖާގެ އުމުރުން 14 އަހަރަށްވުރެ ބޮޑެއްނުވާނެ އެވެ. ނަމަވެސް އޭނާގެ ރަހުމުކުޑަ އަމަލުތައް އިންތިހާ އެވެ. ވަޅިން މީހުންނަށް ހަމަލާދެނީ ޖޯޝާއި ފޯރީގަ އެވެ. ވަޅި ހެރުމުން އޮހެރޭ ލޭ ފެނިފައި ވެސް ފަހަތަށް ޖެހުމުގެ ބަދަލުގައި އޭނާއަށް ލިބެނީ ހިތްވަރެކެވެ. ހުއްޓާނުލާ ރަހުމުކުޑަ ހަމަލާތައް ދެނީ އެވެ. މިއީ ދާދި ފަހުން މަރުގެ މައްސަލައެއްގައި ފުލުހުން ހައްޔަރު ކުރި ކުޑަ ފިރިހެން ކުއްޖެއްގެ ހާލަތެވެ.

މިފަހަރު އަންހެން ކުއްޖެއްގެ ވާހަކަ އެވެ. އޭނާގެ އުމުރުން 17 އަހަރެވެ. ވިލިމާލޭގައި ދިރިއުޅޭ ކުޑަ އާއިލާއަކަށް ނިސްބަތްވާ އެ އަންހެން ކުއްޖާ މިހާރު މަސްތުވާތަކެތި ބޭނުންކުރެ އެވެ. އެކަން ފެށުނީ ގޭންގުތަކުގައި އުޅޭ ފަރާތްތަކާއެކު އުޅެން ފެށުމުގެ ތެރެއިންނެވެ. މަސްތުވާން ފެށި އިރު ހިލޭ ތަކެތި ލިބުނު ނަމަވެސް މިއަދު އޭނާ ޖެހެނީ އެތަކެތި ގަންނާށެވެ. އެކަން ކުރަން އޭނާ ފައިސާ ހޯދަނީ ހަށިވިއްކައިގެންނެވެ. މިއީ އެތައް ކުދިންއެއްގެ ހާލަތެވެ.

ފެންނަ ފެނުމަށާއި އުމުރުން ކުޑަ ނަމަވެސް އެ މީހުން ބަހުރުވަ އެހާ ހަޑިއެވެ. ތިބޭ ސިފަ ބިރުވެރި އެވެ. ކުރާ ކަންތައްތައް ނުރައްކަލެވެ. ހަގީގަތަކީ 18 އަހަރުން ދަށުގެ، ދެ ޖިންސަށް ނިސްބަތްވާ އެތައް މުޖުރިމުންނެއް މިއަދު މި މުޖުތަމައުގައި އުޅޭ ކަމެވެ.

20 ޕަސެންޓެއްހާ ކުދިން ކުށަށް އަރައިގަތުމުގައި

ފުލުހުންގެ ތަފާސް ހިސާބްތައް ދަށްކާ ގޮތުން މާލޭގައި އާބާދީގައި ކުށުގެ ވެށީގައި އެންމެ ގިނައިން އުޅެނީ 15 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިންނެވެ. އެ އުމުރުގެ ކުދިންގެ 20 ޕަސެންޓް ކުދިން އުޅެނީ ކުށަށް އަރައިގަތުމަށެވެ. އޭގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތި ބޭނުން ކުރުމާއި ވިއްކުމުގައި ހަރަކާތްތެރިވާ ފަރާތްތަކެވެ.

މާލޭގައި 20 އަށްވުރެ ގިނަ ގޭންގު އޮންނަ އިރު އެ ގޭންގުތަކުގައި 12 އަހަރާއި 18 އަހަރާއި ދެމެދުގެ ގިނަ ކުދިން އުޅޭ ކަމަށް ފުލުހުން ބުނެ އެވެ. އެ އަދަދު ހާހުން ގުނާލެވެ އެވެ. ދެ ޖިންސުގެ ކުޑަކުދިން ވެސް ގޭންގުތަކުގައި ގެންގުޅޭއިރު ފުލުހުން ބުނާ ގޮތުގައި އެ ކުދިން ބޭނުން ކުރަނީ މަސްތުވާތަކެތީގެ ވިޔަފާރި އާއި މާރާމާރީތައް ހިންގުމުގެ އިތުރުން ބޮޑެތި ވަށްކަންތައް ކުރުމަށެވެ. އޭގެ އިތުރުން ޖިންސީ އެކިއެކި ކުށްތަކަށް އަރައިގަތުމަށް ވެސް ގިނަ އަދަދެއްގެ ކުޑަކުދިން އުޅެ އެވެ.

"ކުށަށް އަރައިގެންނަން އުޅެނީ ފިރިހެން ކުދިން އެކަންޏެއް ނޫން، ދެ ޖިންސުގެ ކުދިންވެސް އެބައުޅޭ، މަސްތުވާތަކެތީގައި ވެސް އަންހެން ކުދިން އެބަ އުޅޭ، ގޭންގުތަކުގައި ވެސް އެބައުޅޭ، އެހެން ނަމަވެސް ނިސްބަތުން ގިނައީ ފިރިހެން ކުދިން،" ޕޮލިސް ސުޓާފް ސާޖެންޓް އަބްދުލް ޖަލީލު އިބްރާހިމް ވިދާޅުވި އެވެ.

ކުށަށް ހިތްވަރު ދެނީ އަދަބު ނުލިބޭނެ ކަމަށް ބުނެ، އެކަމަކު އެއީ ދޮގެއް

ޑޮމެސްޓިކް ވައިލެންސް އިންވެސްޓިގޭޝަން ޔުނިޓް (ޑީވީއައިޔޫ)ގައި އިސްކޮށް އުޅުއްވާ ސުޓާފް ސާޖެންޓް ޖަލީލު ވިދާޅުވި ގޮތުގައި ކުޑަކުދިން ލައްވައި ކުށްތަކަށް އަރައިގަނު ވަނީ އެއީ 18 އަހަރު ނުފުރޭ ކުދިންނަށްވުމުން އަދަބު ނުލިބޭނެ ކަމަށް ބުނެ އެ ކުދިންނަށް ގޭންގުތަކުގެ ވެރިން ވިސްނައި ދީގެން ކަމަށެވެ. ނަމަވެސް އެއީ ކުށްހީއެއް ކަމަށެވެ. އެ ކުއްޖާއަށް 18 އަހަރު ނުވިނަަވެސް ކުށެއް ކޮށްފި ނަމަ އަދަބު ލިބޭނެ ކަމަށާއި އަދަބު ދެމުން އަންނަ ކަމަށް ވެސް ޖަލީލު ވިދާޅުވި އެވެ.

"އެމީހުން އެބަވިސްނައިދޭ ތިއީ ކުޑަކުދިންނޭ، ކުޑަކުދިންނަށް ލިބޭނޭ ބައިވަރު ރައްކާތެރިކަން، އެކަމަކު އެއީ ހަގީގަތެއް ނޫން، ހަގީގަތަކީ ކުޑަކުދިން ވެސް ކުށްކޮށްފިއްޔާ އެ ކުދިންނަށް އަދަބު ލިބޭނެ،" ޖަލީލް ވިދާޅުވި އެވެ.

މާދަމާގެ މުސްތަގުބަލަށް ތައުލީމް ހާސިލް ކުރަންވީ އުމުރުގައި ކުށްތަކަށް އައިގަންނަ ކުދިން އެންމެ ފަހުން ވެގެންދަނީ ކުށުގެ އަޅުންނަށެވެ. އެގޮތުން އެވެނި މިވެނި މައުލޫމާތެއް ހާމަކޮށްފި ނަމަ ނުވަތަ މިވެނި ކަމެއް ނުކޮށްފި ނަމަ ފުރާނައަށް ގެއްލުންދޭނެ ކަމުގެ އިންޒާރު ދީ ކުއްޖާ ކުށަށް އަރައިގަތުމަށް އަޅެއްގެ ގޮތުގައި ބޭނުންކުރާކަން ފުލުހުންގެ ތަހުގީގުތަކުން ވަނީ ފާހަގެވެފަ އެވެ.

ކުށަށް އަރައިގަންނަނީ ކީއްވެ؟

ގޯޅިތަކާއި މަގުތަކުގައި ރެޔެއް ދުވާލެއް ނެތި ޖަރީމާތައް ހިންގުމުގައި އެއްވަނާގައި އެތައް ކުޑަ ކުދިންނެއް އެދަނީ ހަރަކާތްތެރިވަމުންނެވެ. ސަބަބުތައް ބައިވަރެވެ. ބެލެނިވެރިންގެ އަޅާލުން ކުޑަވެ ކުއްޖާ އުޅޭ ނޫޅޭ ގޮތް ނުބެލުމާއި ކުއްޖާގެ ކުރިމަތީގައި ހަޑިހުތުރުބަހުން ވާހަކަ ދައްކުން ފަދަ ކަންތައްތަކަކީ ކުއްޖާ ޅައުމުރުގައި ކުށަށް އަރައިގަންނަ ސަބަބެކެވެ. ހަމައެއާއެކު ސްކޫލު މާހައުލުގައި ދިމާވާ އެކިކަންކަން ވެސް ކުދިން ގޯޅިއަޅާ ސަބަބަކަށްވެ އެވެ.

ރާއްޖޭގެ ގޭންގުތަކާއި ގުޅޭ ގޮތުން ހެދި ދިރާސާގެ އަލީގައި ޑރ. އާއިޝަތު އަލީ ނާޒް ވިދާޅުވި ގޮތުގައި ޅައުމުރުގައި ގޭންގުތަކާ ގުޅި ކުށްކުރުމަށް ނުކުންނަ ސަބަބުތަކުގެ ތެރޭގައި ގޭންގު މީހުންނާއި އުފެދޭ އެކުވެރިކަމާއި ތިމާ ހިމާޔަތް ހޯދުން ހިމެނެ އެވެ. އެފަދަ ކުދިންނަކީ ބުލީ ކުރުމުގެ ޝިކާރައަކަށްވެފައިވާ ނުވަތަ އާއިލާ ރޫޅިފައިވާ ކުދިންނަށް ގިނަ ފަހަރުވާ ކަމަށް ވެސް ނާޒް ވިދާޅުވި އެވެ.

ސްޓާފް ސާޖެންޓު ޖަލީލް ވިދާޅުވި ގޮތުގައި ކުށުގެ ވެއްޓަށް ކުއްޖާ ނުކުންނަން ޖެހޭ ސަބަބަކީ ކުއްޖާއަށް ދެވޭ ނޭދެވޭ ތަރުބިއްޔަތާއި ދެއްކޭ ގޯސް މިސާލެވެ.

"ކުއްޖާ ކުރިމަތީގައި ޒުވާބުކޮށް ހަދާ އަޑުގަދަކޮށް ހަދައި ނުބައި އެއްޗެހިކިޔާގޮވާ ގޭތެރޭގައި ހަމަނުޖެހުން ހިންގާ މިކަހަލަ މާހައުލެއްގެ ތެރޭގައި ބޮޑުވެގެން އަންނަންޏާ ކުއްޖާގެ މައްޗަށް ނުފޫޒު ފޯރުވާ މިކަންތައް،" ޖަލީލު ވިދާޅުވި އެވެ.

ހައްލަކީ ކޮބާ؟

ކުއްޖާގެ މައްޗަށް ބެލެނިވެރިންގެ ބާރު ފޯރުވެންޖެހެ އެވެ. ކުއްޖާ ކުށެއްކުރީމަ ނޫނީ ޒަހަމްވީމާ އެ ކުއްޖާގެ ރަނގަޅު ވާހަކަ ދައްކަން ތިބޭ ބަޔަކަށް ބެލެނިވެރިން ނުވެ ކުއްޖާއަށް ހެޔޮ މަގު ބުނެދޭ ބަޔަކަށް މައިންބަފައިން ވާންޖެހެ އެވެ.

މީގެ ކުރިން ވަނީ ކުށަށް އަރައިގަންނަ ކުދިންތަކެއް އިސްލާހު ކުރުމަށް ފޭދޫފިނޮޅަށް ގެންގޮސް ވަކި އުސޫލެއްގެ ދަށުން އެ ކުދިން ތަމްރީނުކޮށްފަ އެވެ. ގަޑިއަށް ނަމާދު ކުރުމާއި ކިޔެވުމުގެ ހަރަކާތްތައް ހިނގައި އެ ކުދިން އިސްލާހުކޮށްފައިވެ އެވެ. ނަމަވެސް ކުދިންނަށް 18 އަހަރު ފުރި އެ ކުދިން އަނެއްކާ ބެލެނިވެރިންނާ ހަވާލުކުރާ ހިސާބުން ދަނީ ކުށަށް އަރައިގަންނަމުންނެވެ.

"އުމުރު ހަމަވީމަ އެކޮޅުގައި ނުވެއް ބަހައްޓަން، އެފަދަ ބައެއް ކުދިން އަނބުރާ ގެނައުމުން އަނެއްކާ ވެސް އެބަހުރި ބޮޑެތި ކުށްތަކަށް އަރައިގެންފައި،" ޖަލީލް ވިދާޅުވި އެވެ.

އެ ސަބަބުތަކަށް ބަލާއިރު ވެސް ކުދިން އިސްލާހު ކުރުމުގެ އެންމެ ބޮޑު ޒިންމާ ނަގަންޖެހޭ ބަޔަކީ ބެލެނިވެރިންކަމުގައި ވާންޖެހެ އެވެ. އެތައް ދުވަހެއް ނުވަތަ އެތައް ދަމެއްވާއިރު ކުއްޖާ ގެއަށް ނައިސް އުޅޭ އިރު އެކަން ބެލެނިވެރިންނަށް ހައްލު ކުރެވެން ޖެހެ އެވެ.

ފުލުހުން އިސްކަން ދެނީ އެ ކުދިންނަށް ޖަލުގެ ނުވަތަ ބަންދުގެ އަދަބުތައް ދިނުމެއް ނޫނެވެ. އޭގެ ބަދަލުގައި ނަސޭހަތްދީ ވިސްނައިދީގެން ކުދިން އިސްލާހު ކުރުމަށް ފުލުހުން މަސައްކަތް ކުރެ އެވެ. ކުދިންނަށް ހެޔޮ މަގު ވިސްނައިދިނުމަށް ރަނގަޅު ކައުންސިލިން ނިޒާމެއް ގާއިމްކުރަންޖެހެ އެވެ.

"އަދަބު ދިނުމަށް ވުރެ މާ ފަސޭހަގޮތެއް ކުދިން ރަނގަޅު ކުރުމަށް ނަސޭހަތް ދިނުމަކީ، މިހާތަނަށް މިތަނަށް ގެނައި ގިނަ ކުދިން އަޅުގަނޑުމެން އަދަބު ދީގެންނަށްވުރެ މާ ބޮޑަށް އިސްލާހުވެފައި އެބަހުރި ނަސޭހަތް ދީގެން،" ޖަލީލް ވިދާޅުވި އެވެ.

ގޭންގްތަކުގައި އުޅޭ ކުޑަކުދިން ދ. ވާނީގައި ހުންނަ ފުލުހުންގެ މަރުކަޒަކަށް ގެންގޮސް އެ ކުދިން އަނބުރާ މުޖުތަމައަށް ގެންނަން ރިހިބިލިޓޭޝަން ޕްރޮގްރާމްތަކެއް ހިންގުމަށް ހޯމް މިނިސްޓްރީން މިހާރު ވަނީ ނިންމައިފަ އެވެ. ވަރަށް އަވަހަށް އެކަން ފެށުމަށް ވަނީ ނިންމައިފަ އެވެ.

ތައުލީމީ ނިޒާމުގެ ތެރެއިން ވެސް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހެ އެވެ. ޅައިިރު ކުށްތަކަށް އަރައިގަތުމުން އެ ކުދިންގެ މުސްތަގުބަލު ކުޑަ ގޮޅިއެއްގެ ތެރެއަށް ލާންޖެހޭނެކަން ވިސްނައިދީ ހައްގު މަގު ބުނެދޭން ޖެހެ އެވެ. އަނިޔާވެރިވުމާއި މަސްތުވާތަކެތީގެ ނުރައްކާ ބުނެދީ ކުދިންގެ އީމާންތެރިކަން ވަރުގަދަ ކުރަންޖެހެ އެވެ.

ސްކޫލުގައި ކިޔަވަން އުޅޭވަރުގެ ކުދިން މުޖުރިމުންގެ ގޮތުގައި މަގުތަކަށް ގިނަވެފައިވާ އިރު މިއީ ރާއްޖޭގެ ކަންކަން ނާމާންވެފައިވާ މިންވަރު ދަށްކުވައިދޭ ކަމެކެވެ. މާދަމާ ގައުމަށް ހިދުމަތް ކުރަން ތިބި އުމުރުގެ މީހުން ޖަރީމާތައް ހިންގަމުން ދުވަން ފެށުމުން މާދަމާގެ ހާލަތު ވިސްނާލާށެވެ.