11 Jun 2016, 20:46
އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު އަލްބޭނިއާ އަތުން 0-1ގެ ނަތީޖާ އަކުން ސްވިޒަލޭންޑް މޮޅުވެއްޖެ އެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އަލްބޭނިއާ އާއި ސްވިޒަލެންޑް ކުޅުނު މެޗުގައި ފެށިގެން ދިޔަ ހަމަ އެކަނި ގޯލު މެޗުގެ ފަސް ވަނަ މިނެޓްގައި ސްވިޒަލެންޑަށް ކާމިޔާބު ކޮށްދިނީ ފެބިއަން ސްޗެއާ އެވެ. އޭނާ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލީ އެ ޓީމަށް ލިބުނު ކޯނަރެއް ބޮލުން ގޯލު ތެރެއަށް ފޮނުވާލައިގެންނެވެ.
އެ ގޯލަށްފަހު ވެސް ސްވިޒަލޭންޑައިން އަވަސް އެޓޭކިން ގޭމެއް ކުޅުނު އިރު އަލްބޭނިއާ އަށް އިތުރު އުނދަގޫތަކާ ކުރިމަތި ލާން ޖެހުނީ މެޗުގެ ފުރަތަމަ ހާފް ނިމެން އުޅެނިކޮށް އެ ޓީމްގެ ލޮރިކް ކެނާއަށް ދެވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލި ހިސާބުންނެވެ.
މެޗު ފެށިގެން ވެސް ޑިފެންސިވް ގޭމެއް އަލްބޭނިއާ އިން ކުޅުނު ނަމަވެސް ދެވަނަ ހާފުގައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ނަމަވެސް އެ ޓީމުން ވަނީ ސްވިޒަލޭންޑްގެ ގޯލަށް ނުރައްކާ ކޮށް އެ ޓީމް ހިފަހައްޓާފަ އެވެ.
ދެ ޓީމަށް ވެސް ގޯލު ޖަހާނެ ރަނގަޅު ހުސް ފުރުސަތުތަކެއް ލިބިގެންދިޔަ އިރު ސްވިޒަލެންޑްގެ ގްރާނިޓް ޒަކާ އާއި ހެރިސް ސެފްރޮވިކް ފޮނިވާލި ހަމަލާ ތަކުގެ ހުރަހަކަށްވީ މެޗުގައި މޮޅު ކުޅުމެއް ދައްކައި ގިނަ ސޭވްތަކެއް ކުރި އަލްބޭނިއާގެ ކީޕަރެވެ.
ދެވަނަ ހާފުގައި ގޯލު ޖަހާނެ އެންމެ ހުސް ފުރުސަތެއް ލިބިގެންދިޔައީ މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް އަލްބޭނިއާގެ ޝެލްޒަން ގަޝީއަށެވެ. ނަމަވެސް ދެވަނަ ހާފުގައި ކުޅުން ނިކުއިން ގަޝީ ސްވިޒަލޭންޑްގެ ގޯލު އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެ ފޮނުވާލި ހަމަލާ ސްވިޒަލެންޑްގެ ކީޕަރު ވަނީ މަތަ ކޮށްފަ އެވެ.
އެ މޮޅާ އެކު ސްވިޒަލެންޑް އޮތީ ތިން ޕޮއިންޓާ އެކު ގްރޫޕް އޭގެ ދެ ވަނައިގަ އެވެ. ތިން ޕޮއިންޓާއެކު ގޯލުގެ ތަފާތުން އެއް ވަނާގައި ފްރާންސް އޮތްއިރު އެ ޓީމު އަތުން ރޭ ބަލިވި ރޫމޭނިއާ އާއި އަލްބޭނިއާ އަށް ޕޮއިންޓެއް ނުލިބެ އެވެ.