މިދިޔަ އަހަރުގެ ކޮންގްރެސްއަށް ފަހު ޑީއާރްޕީގެ ލީޑަޝަޕަށް އައި ބަދަލު ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައި ބުނެފައިވާ މުއްދަތުގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ނުވުމުން، ޑީއާރްޕީ ގާނޫނީ ހުސްކަމެއްގެ ތެރެއަށް އައިސްފައިވާ ކަމަށް ބުނެ، ކޮންގްރެސްއެއް އަލުން ބާއްވައި، އާ ލީޑާޝިޕެއް އިންތިހާބުކޮށްދިނުމަށް ދިނުމަށް ޑީއާރްޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި މުއައްސިސުންނަށް ޒެޑް-ޑީއާރްޕީން ގޮވާލައިފި އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ބޭއްވި ޑީއާރްޕީ ކޮންގްރެސްގައި ޕާޓީގެ އިސް މަގާމުތަކަށް އައިސްފައިވާ ބަދަލުތައް ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައި ބުނެފައިވާ ގޮތަށް، 15 ދުވަހުގެ މުއްދަތުގައި އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައި ނުވުމުން، އެންމެ ބޮޑު އިދިކޮޅު ޕާޓީ، ޑީއާރްޕީ ގާނޫނީ ހުސްކަމެއްގެ ތެރެއަށް އައިސްފައިވާ ކަމަށް ބުނެ، ޒެޑް-ޑީއާރްޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފު ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ގަވާއިދަށް ޑީއާރްޕީން ސަމާލުކަން ނުދިނުމުގެ ސަބަބުން ޕާޓީގެ ލީޑާޝިޕްގެ ގާނޫނީ ބުރަދަނެއް މިހާރު ނެތް ކަމަށެވެ. އަދި އެ ޕާޓީ ގާނޫނީ ހުސްކަމުގެ ތެރެއިން މިންޖުވުމަށްޓަކައި ޑީއާރްޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި މުއައްސިސުން ޕާޓީގެ ކޮންގްރެސްއެއް އަލުން ބާއްވައި ޕާޓީއަށް އިސްލާހުތަކެއް ގެނައުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.

އަލީ އާރިފު ވިދާޅުވީ އެންމެ ފަހުގެ ކޮންގްރެސްގައި ޑީއާރްޕީގެ ލީޑާޝިޕަށް ގެނައި ބަދަލު އިލެކްޝަން ކޮމިޝަނަށް 15 ދުވަހުގެ ތެރޭގައި ހުށަހަޅާފައި ނުވުމުން، އިތުރު ހަތަރު މަސް ދުވަހުގެ ތެރޭގައި އެ ލިޔެކިއުންތައް ހުށަހެޅުމަށް އިލެކްޝަނުން ޑީއާރްޕީއަށް އެންގި ކަމަށެވެ. އެ މުއްދަތުގައި ވެސް އެ ލިޔެކިޔުންތައް ހުށަހަޅާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑީއާރްޕީން މީޑިއާ ކޯޑިނޭޓަރު އަލީ ސޯލިހު މިއަދު ވިދާޅުވީ މިދިޔަ އަހަރުގެ ކޮންގްރެސްގައި ނިންމި ނިންމުންތަކާއި ޕާޓީގެ އިސް މަގާމުތަކަށް އައިސްފައިވާ ބަދަލުތަކުގެ ތަފްސީލް ކޮންގްރެސް ބޭއްވި ދުވަސްވަރުގައި އިލެކްޝަންސްއަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު އެ ލިޔެކިޔުންތައް އަލުން ފޮނުވަން ޖެހުނީ އިލެކްޝަން ކޮމިޝަނުގެ އެދުމުގެ މަތިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ ޑީއާރްޕީގެ ކޮންގްރެސްގައި އިސް މަގާމުތަކަށް އައި ބަދަލުތަކުގެ ތަފްސީލް ބަޔާންކޮށް، މިދިޔަ ބުރާސްފަތި ދުވަހު ކޮމިޝަނަށް ސިޓީއެއް ފޮނުވައިފައިވާ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ފަޔާޒް ހަސަން އިއްޔެ ވިދާޅުވެފައި ވަނީ އެސިޓީއާ ގުޅޭ ގޮތުން އިލެކްޝަންސް އިން "އެއްވެސް ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް ވެސް އަދި ނިންމައިފައިނުވާ" ކަމަށެވެ. ނަމަވެސް، އެކަމާ ގުޅޭ ގޮތުން ކޮމިޝަނުގެ މެމްބަރުން ބައްދަލުކޮށް ގޮތެއް ނިންމަވާނެ ކަމަށް ފަޔާޒު ވަނީ ވިދާޅުވެފަ އެވެ.