11 Jun 2016, 20:26
ގަތަރު އެއާވޭސް އާއި ސްރީލަންކަން އެއާލައިންސްއާ ދެމެދު ކޯޑްޝެއާ އެގްރީމެންޓެއް ހަދައި، ދެ އެއާލައިނުގެ ދަތުރުތައް "ގުޅާލައިފި" އެވެ.
މި ދެ އެއާލައިނަކީ ވެސް، ވަން ވޯލްޑް އެލަޔަންސްގެ މެމްބަރުންނެވެ.
ކޯޑްޝެއާ އެގްރިމެންޓެއް ހެދުމުން އެއް އެއާލައިނެއްގެ ފަސިންޖަރަކު އެހެން އެއާލައިނެއްގެ ފްލައިޓެއްގައި ދަތުރު ކުރުމުގެ އިންތިޒާމު ހަމަޖެއްސުމެވެ.
ގަތަރު އެއާވޭޒްއިން ކޮލޮމްބޯއާ ދޯހާއާ ދެމެދު ދުވާލަކު ތިން ފްލައިޓު އޮޕަރޭޓު ކުރެ އެވެ. އަދި ސްރީލަންކަން އެއާލައިންސްއިން ދުވާލަކު އެއްފަހަރު ދޯހާއަށް ދަތުރުކުރެ އެވެ. އެހެންކަމުން، ޖުމްލަ ހަތަރު ފްލައިޓަކުން ކޯޑްޝެއާ ކުރެވި، ދަތުރުވެރިންނަށް ފަސޭހަކަން ލިބޭނެ އެވެ.
ގަތަރު އެއާވޭސްގައި ކޮލޮމްބޯއަށް ދަތުރުކުރާ ފަސިންޖަރުންނަށް މިހާރު ރާއްޖެއަށް ވެސް ދަތުރުކުރެވޭ އާ ރޫޓެއް މިކަމުގެ ސަބަބުން ވަނީ ތައާރަފު ވެފަ އެވެ. އަދި ސްރީލަންކަން އެއާލައިންސްގެ ފަސިންޖަރުންނަށް މިހާރު ދޯހާގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓުގައި ޓްރާންސިޓު ކުރުމަށްފަހު، އެމެރިކާ އާއި ވިލާތާއި އެފްރިކާ ބައްރު ހިމެނޭ ގޮތަށް އާ 20 މަންޒިލަކަށް ދަތުރުކުރުމުގެ މަގު ހުޅުވޭނެ އެވެ.
އެކަމާ ގުޅިގެން ޤަތަރު އެއާވެސްގެ ސީއީއޯ އަކްބަރު އަލް ބަކުރު ވިދާޅުވީ، ސްރީލަންކަން އާ އެކު ހެދުނު ކޯޑްޝެއާ އެގްރިމެންޓުގެ ސަބަބުން ދެ އެއާލައިނުގެ ވިޔަފާރީގެ ގުޅުން ބަދަހިވެ، މާކެޓަށް އިތުރު ފުރުސަތުތަކެއް ފަހިވެގެން ދާނެ ކަމަށެވެ.
ސްރީލަންކަން އެއާލައިންސްގެ ސީއީއޯ ކެޕްޓަން ސުރެން ރަތުވައްތަ ވެސް އެކަމަށް އެއްބަސްވެވަޑައިގެން ވިދާޅުވީ، އެކަމުގެ ސަބަބުން ސްރީލަންކަން އެއާލައިންސްގެ ނެޓްވޯކް އިތުރަށް ފުޅާ ކުރެވިގެން ގޮސްފި ކަމަށެވެ.