މާމިގިލީ ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު ނިހާންގެ މައްޗަށް ކޮށްފައި ވަނީ ނުޙައްގު ދައުވާއެއް ކަމަށާއި އަދި އެއީ ބޭއިންސާފު ޝަރީޢަތެއް ކަމަށް ބުނެ އޭނާ ދޫކޮށްލުމަށް ޔުނައިޓެޑް އޮޕިޒަޝަނުން ގޮވާލައިފި އެވެ.

ޔުނައިޓެޑް އޮޕިޒަޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މެޖިސްޓްރޭޓް އަޙްމަދު ނިހާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި ޙުކުމް އިއްވާފައި ވަނީ އިސްލާމީ ޝަރީޢަތާއި ގާނޫނު އަސާސީ އާއި ބައިނަލްއަގްވާމީ މިންގަޑުތަކާ ޚިލާފަށް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރަން، ސައްހަ ނޫން އަމުރެއް ނެރުނުކަން ސާބިތުވެ، އަހުމަދު ނިހާން 17 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ރޭ ވަނީ ހުކުމްކޮށްފަ އެވެ.

ޔުނައިޓެޑް އޮޕިޒަޝަނުގެ ބަޔާނުގައި ބުނީ ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރުނު ކަމަށް ތުހުމަތުކޮށް އެކަން ސާބިތު ކުރުމަށް އެއްވެސް ހެއްކެއް ހުށަނާޅައި އަދި ފުރިހަމަ ތަހުގީގެއް ހިންގުމަކާ ނުލައި ގާނޫނު އަސާސީގައި ބުނާ ފަދަ ހުޅުވާލެވިފައިވާ ޝަރީޢަތެއް ހިންގުމަކާ ނުލައި މައްސަލައިގެ މެދުތެރެއިން ޝަރީޢަތް ހިންގަވަމުން ގެންދެވި ބެންޗު ބަދަލުކުރައްވައި ހުކުރު ދުވަހުގެ ރޭ އިއްވި ޙުކުމަކީ ބޭއިންސާފުން ފުރިގެންވާ ޙުކުމެއް ކަމަށާއި މެޖިސްޓްރޭޓް ނިހާން މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލާ ކަމަށެވެ.

އެ އޮޕިޒަޝަނުން ބުނީ ނިހާންގެ މައްޗަށް ޝަރީޢަތުގައި ދައުލަތުގެ ހެކިންގެ ހެކިބަހުން ހާމަވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ހައްޔަރުކުރުމުގެ އަމުރަކަށް ފުލުހުން އެދުނުކުން ކަމަށެވެ.