11 Jun 2016, 14:59
އަނިޔާގެ ސަބަބުން ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗު ލިއޮނަލް މެސީއަށް ގެއްލުނު ނަމަވެސް އަނިޔާއިން ސަލާމަތްވެ އެ ގައުމު ކުޅުނު ދެ ވަނަ މެޗުގައި ރޭ ޕެނާމާ ކޮޅަށް މެސީ ޖެހި ތިން ގޯލާ އެކު 5-0ގެ ތަފާތު ބޮޑު ނަތީޖާއަކުން އާޖެންޓީނާ މޮޅުވެއްޖެއެވެ.
ރޭގެ މޮޅާއެކު އާޖެންޓީނާއިން ކުއާޓާގެ ޖާގައެއް ކަށަވަރު ކުރިއިރު އެ ޓީމް އޮތީ ކުޅުނު ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާއެކު ގްރޫޕް ޑީގެ އެއްވަނައިގައެވެ. ދެވަނައިގައި ތިން ޕޮއިންޓާއެކީ ޗިލީ އޮތްއިރު، ހަމަ އެ އަދަދަށް ޕޮއިންޓް ލިބިގެން ގްރޫޕްގެ ތިންވަނައިގައި އޮތީ، ޕެނަމާއެވެ. ކުޅުނު ދެ މެޗުން ބަލިވެ ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައި އޮތީ ބޮލީވިއާއެވެ.
އެމެރިކާގެ ޗިކާގޯ އިލެނިއޯސް ސްޓޭޑިއަމްގައި ރޭ ކުޅުނު އެމެޗުގެ ކުރީ ކޮޅުގައި އަންހެލް ޑިމާރިގެ އެހީތެރިކަމާއެކު ޑިފެންޑަރު ނިކޮލަސް އޮޓެމެންޑީ ވަނީ އާޖެންޓީނާ އަށް ލީޑް ނަގައިދީފައެވެ. އެ ނަތީޖާގައި އޮވެ ފުރަތަމަ ހާފް ނިމެންދަނިކޮށް މެޗުގެ 32 ވަނަ މިނެޓްގައި ޕެނަމާގެ އަނިބަލް ގޮޑޯއިއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.
ދެވަނަ ހާފްގައި އާޖެންޓީނާގެ ކެޕްޓަން މެސީ ކުޅެން ނުކުމެ، އޭނާގެ ހުނަރުވެރި ކުޅުން ދައްކާލައި ވަނީ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. އާޖެންޓީނާގެ ފަހު ގޯލު ކާމިޔާބް ކޮށްދިނީ ސާޖިއޯ އަގުއެރޯއެވެ.
ކުއާޓާފައިނަލްގެ ޖާގައެއް އާޖެންޓީނާ ހޯދާފައިވާއިރު، އެ ގްރޫޕްގައި ރޭ ކުޅުނު ދެ ވަނަ މެޗުގައި ޗިލީ ވަނީ 2-1ގެ ނަތީޖާ އަކުން ބޮލީވިއާގެ މައްޗަށް ކުރި ހޯދާފައެވެ. ގްރޫޕްގެ ފަހު މެޗުގައި އާޖެންޓީނާ ނިކުންނާނީ ބޮލީވިއާއާ ދެކޮޅަށެވެ.