11 Jun 2016, 14:18
އެމެރިކާގެ ލަވަކިޔުންތެރިޔާ ކްރިސްޓީނާ ގްރިމީ ކޮންސެޓެއް ދިނުމަށް ފަހު ސަޕޯޓަރުންނާ ބައްދަލުކުރަމުން ދިޔަ ވަގުތުގައި މީހަކު އޭނާގެ ގަޔަށް ބަޑިޖަހައި މަރާލައިފި އެވެ.
ކްރިސްޓީނާ ގްރިމީއަކީ ޔޫޓިއުބުން ގިނަ ބައެއްގެ މަޝްހޫރުކަން ހޯދި ފަންނާނެކެވެ. އަދި އޭނާ ވަނީ 2014 ވަނަ އަހަރު ރިއަލިޓީ ޓީވީ ސީރީޒް "ދަ ވޮއިސް"ގެ ހަވަނަ ސީޒަންގައި ތިން ވަނަ ހޯދައިފަ އެވެ.
މީޑިއާގައި ރިޕޯޓު ކޮށްފައިވާ ގޮތުން، ކްރިސްޓީނާ ގަޔަށް ބަޑި ޖަހާފައި ވަނީ، އެމެރިކާގެ ފްލޮރިޑާގައި ކޮންސެޓެއް ދިނުމަށް ފަހު، ކޮންސެޓް ވިނިއުގެ ބޭރުގައި އޭނާގެ ސަޕޯޓަރުންނަށް އޮޓޯގްރާފް ދެމުން ދިޔަ ވަގުތެއްގަ އެވެ.
އޭނާގެ ގަޔަށް ބަޑި ޖެހުމާ އެކު، އޭނާގެ ބޭބެ ވަނީ، ބަޑި ޖެހި މީހާއަށް ހަމަލާ ދިނުމަށް މަސައްކަތް ކޮށްފަ އެވެ. އެކަމުގެ ތެރޭގައި، ބަޑި ޖެހި މީހާ ވަނީ އޭނާގެ އަމިއްލަ ގަޔަށް ބަޑި ޖަހައި، އަމިއްލައަށް މަރުވެފަ އެވެ.
އުމުރުން 22 އަހަރުގެ ކްރިސްޓީނާ ގްރިމީ މަރުވެއްޖެކަން އޭނާގެ ޕަބްލިސިސްޓުގެ އިތުރުން ފްލޮރިޑާގެ އޯލެންޑޯ ސިޓީގެ ފުލުހުން ވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ.
ކްރިސްޓީނާ އަށް ބަޑިން ހަމަލާ ދިން މީހާއާ ބެހޭ މައުލޫމާތު ފުލުހުންނަށް އަދި ހޯދިފައި ނުވާ އިރު، އޭނާއާ ބެހޭ މައުލޫމާތާއި ހަމަލާ ދިނުމަށް މެދުވެރިވި ސަބަބު ހޯދުމަށް އޯލޭންޑޯގެ ފުލުހުން ވަނީ ތަހުގީގެއް ފަށައިފަ އެވެ.
ކްރިސްޓީނާ ލަވަކިޔުން ފަށާފައި ވަނީ ޔޫޓިއުބުގައި އޭނާ ހިންގާ ޗެނަލްގައި، ފުރާވަރުގެ ދުވަސްވަރު އެވެ. އެދުވަސްވަރު އެންމެ މަޝްހޫރު ލަވަތަކުގެ ކަވާތަކެއް ކިޔާ ވީޑިއޯ އަޕްލޯޑުކޮށް، ކްރިސްޓީނާ ވަނީ ގިނަ އަދަދެއްގެ ފޭނުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ހޯދާފަ އެވެ. އޭނާގެ ބައެއް ވީޑިއޯތަކަށް މިލިޔަނުން ވިއުސް ވެސް ލިބިފައި ވެ އެވެ.