ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ އަލްބޭނިއާ އާއި ސްވިޒަލޭންޑް ކުޅޭ މެޗަކީ ހާއްސަ މެޗެކެވެ. ފުޓްބޯޅައިގެ ތާރީޚްގައި އެއްބަޑު އެއްބަފާ ދެބެން ދެ ގައުމެއްގެ ގައުމީ ޓީމަށް ކުޅޭ މަންޒަރު މިރޭ ފެނިގެންދާނެއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރަތުގައި މިރޭ ގުރޫޕްއޭގައި އަލްބޭނިއާ އާއި ސްވިޒަލެންޑް ބައްދަލު ކުރާ މެޗުގައި ކޮސޯވޯ އަށް އުފަން އުމުރުން 23 އަހަރުގެ ގްރާނިޓް ޒާކާ ސްވިޒަލެންޑް ޓީމުން ފެނިގެންދާނެ އިރު އުމުރުން 25 އަހަރުގެ ޓޫލާންޓް ޒާކާ ފެނިގެންދާނީ އަލްބޭނިއާ ޓީމުންނެވެ.

ދެބެން ދެ ޓީމުން ފެނިގެންދާ އިރު ސްވިޒަލެންޑްގެ ގްރާނިޓް ބުނީ ބޭބޭއާ ދެކޮޅަށް ކުޅެން ޖެހުމަކީ މައްސަލައެއް ނޫން ކަމަށާއި ދަނޑު މަތީގައި ބަލާނީ އަމިއްލަ ގައުމަށް ރީތި ނަމެއް ހޯދައިދޭން ކަމަށާއި ނަމަވެސް ދަނޑު ބޭރުން އާއިލީ ގުޅުން ވަރަށް ރަނގަޅަށް ފެނިގެންދާނެ ކަމަށެވެ.

ޅަ އުމުރުން ފެށިގެން 21 އަހަރުން ދަށުގައި ސްވިޒަލެންޑް ޓީމަށް ވެސް ކުޅުނު ޓޫލާންޓް އާއި އެ ގައުމުގެ އެފްއޭ ދެމެދު ޖެހުނު މައްސަލަ ތަކެއްގެ ސަބަބުން އެ ގައުމު ދޫކޮށް އޭނާ ދިރިއުޅެމުންދަނީ ވެސް އަލްބޭނިއާ ގައެވެ. އޭނާ ބުނީ ކޮއްކޮ އާ ދެކޮޅަށް ނިކުންނަށް ޖެހޭނެ ކަން މީގެ ކުރިން ދުވަހުކު ވެސް ހިތަށް ގެނެވިފައި ނުވާ ކަމަށާއި ދެ ގައުމަކަށް ކުޅުނު ނަމަވެސް ކޮއްކޮ ގްރާނިޓް އަކީ އާއިލާ މެމްބަރެއްގެ އިތުރުން އެންމެ ގާތް ރަހުމަތްތެރިޔާ ކަމަށެވެ.

ފްރާންސްގެ ލެންސްގައި މިރޭ ރާއްޖޭ ގަޑިން 6:00ގައި ފަށާ އެ މެޗު ބެލުމަށް އެ ކުޅުންތެރިންގެ އާއިލާގެ މެމްބަރުން ވެސް ދަނޑަށް ވަންނާނެ އެވެ. ނަމަވެސް ޒަކާ އާއިލާއިން އެ ދެ ގައުމުން ކުރެ އެއްވެސް ގައުމަކަށް ސަޕޯޓެއް ނުކުރާނެއެވެ. ސަބަބެއް ކަމަށް އެމީހުން ބުނަނީ ދެބެން ދެ ޓީމަށް ކުޅޭ އިރު ވަކި ޓީމަކަށް ތާއީދު ކުރުމަކީ އެ ދެ ކުޅުންތެރިންނަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަކަށްވާތީ ކަމަށެވެ.