16 May 2011, 17:51
ޑީއާރްޕީގެ ހުއްދަ ނެތި އެ ޕާޓީގެ ނަމާ އެއްގޮތްވާ ގޮތަށް ކުރިއަށް "ޒެޑް" ހިމަނައިގެން ސިޔާސީ ހަރަކާތްތަކެއް ހިންގަމުންދާ ކަމަށާއި އެފަދަ ހުރިހާ ކަމަކަށް ގާނޫނީ ގޮތުން ފިޔަވަޅު އަޅައިދިނުމަށް ޑީއާރްޕީން މިއަދު އިލެކްޝަންސް ކޮމިޝަނުގައި އެދެފި އެވެ.
ޑީއާރްޕީން މިއަދު އިލެކްޝަންސަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ބައެއް ފަރާތްތަކުން ހިންގާ ސިޔާސީ ހަރަކާތްތަކުގައި ޑީއާރްޕީގެ ނަމުގެ ކުރިއަށް "ޒެޑް" ހިމަނައިގެން ބޭނުން ކުރަމުންދާ ކަމަށެވެ. އަދި ހ. ވެޔޮވިލާ އުތުރުން ހަދާފައިވާ އިމާރާތުގައި "ޑީއާރްޕީގެ މައި ޖަގަހަ"ގެ ނަމުގައި ސިޔާސީ ހަރަކާތްތަކެއް ހިންގަމުންދާ ކަމަށް ވެސް އެ ސިޓީގައިވެ އެވެ. އެކަމަކު އެ ކަންތައްތައް ކުރަމުންދަނީ ސިޔާސީ ޕާޓީތަކުގެ ގަވާއިދާއި ޑީއާރްޕީގެ އަސާސީ ގަވާއިދާއި ޕާޓީގެ ކައުންސިލްގެ ގަރާރާ ހިލާފަށް ކަމަށެވެ.
"ދިވެހި ރައްޔިތުންގެ ޕާޓީގެ ލޯގޯ އާއި ޕާޓީ ރަމްޒުކޮށްދޭ އެއްޗެއްސާއި އެ އެއްޗެއްސާ އެއްގޮތް ބައެއް ތަކެތި، ސިޔާސީ ޕާޓީގެ ގަވާއިދާއި މި ޕާޓީގެ އަސާސީ ގަވާއިދާއި ޕާޓީގެ ކައުންސިލްގެ ނިންމުމާ ހިލާފަށް އެކިއެކި ފަރާތްތަކުން ހިންގާ ސިޔާސީ ހަރަކާތްތަކުގައި ދަނީ ހާމަކަން ބޮޑު ގޮތެއްގައި ބޭނުން ކުރަމުން،" ޑީއާރްޕީގެ ސެކްރެޓްރީ ޖެނެރަލް އަބްދުއްރަޝީދު ނާފިޒު ސޮއި ކުރައްވާފައިވާ ސިޓީގައިވެ އެވެ. "ބައެއް ފަރާތްތަކުން ހިންގާ ސިޔާސީ ހަރަކާތްތަކުގައި ދިވެހި ރައްޔިތުންގެ ޕާޓީގެ ނަމުގެ ކުރިއަށް 'ޒެޑް' މި އަކުރު އިތުރުކޮށް ޑީއާރްޕީގެ ނަމާ އެއްގޮތް ނަމެއް ހަދައިގެން ބޭނުން ކުރާތަން ވެސް މި ޕާޓީ އަށް ވަނީ ފެނިފައި."
އެ ސިޓީގައި އެދިފައި ވަނީ އެ ޕާޓީގެ ހުއްދަ ނެތި ޑީއާރްޕީގެ ނަމާއި ލޯގޯ ފަދަ ތަކެތި ބޭނުން ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅައިދިނުމަށެވެ.
މީގެ އިތުރުން ޑީއާރްޕީން ބުނީ ޒެޑް-ޑީއާރްޕީގެ މައްސަލަ މާދަމާ ކޯޓަށް ވެސް ހުށަހަޅާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު ފަޔާޒް ހަސަން އިއްޔެ ވިދާޅުވެފައިވަނީ، ޑީއާރްޕީގެ އެތެރޭގައި ހިނގަމުންދާ ކަންތައްތަކާ ގުޅޭ ގޮތުން އެއްވެސް އެއްޗެކޭ އެ ކޮމިޝަނުން ބުނެފައިވަނީ ރަސްމީކޮށް އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅައިފައިނުވާތީ ކަމަށެވެ.